އައު އަހަރާއި ދިމާކޮށް ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ބަލައިފާސްކޮށްފައިވާއިރު މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ދެ ފިރިހެނުންނެވެ.
މިމީހުންގެ ތެރެއިން 23 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެރޭ 19:40 ހާއިރު ހުޅުމާލޭގައި ހުންނަ ބްރައިޓް ބްރަދާސް ފިހާރަ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ބަލައިފާސްކޮށް އެސައިކަލް މަޑުދަށުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލް ފުޅިއެއް ފެނުމާއި ގުޅިގެންނެވެ.
24 އަހަރުގެ މީހާއާއި 28 އަހަރުގެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލޭގެ ގެސްޓް ހައުސްއަކާ ދިމާ ބީޗް ގަސްގަނޑެއްގެ ތެރެއިން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެރޭ 23:00 ހާއިރުއެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެސަރަޙައްދު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅިއެއް ފެނިފައިވެއެވެ.
މީގެއިތުރުން މި އޮޕަރޭޝަނުގައި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްއާ ދިމާ ގަސްގަނޑުތެރެ ބަލައިފާސްކޮށްފައވާއިރު އެ ގަސްގަނޑު ތެރެއިން ބަނގުރާފުޅިއެއް ފެނިފައިވެއެވެ.
ފުލުހުންގެ ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ގޭބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަތައް ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.