މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ތުހުމަތުކުރެވޭ 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެރަށު މަގުމަތިން އެދުވަހުގެރޭ 22:00 ހާއިރުއެވެ.
އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެވަގުތު އެމީހުން ތިބިތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ. އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ އެތަނުން އެކަކަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން 27 އަހަރުގެ މީހާއަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 22 އަހަރުގެ މީހާވަނީ ދޫކޮށްލާފައެވެ.
މީގެއިތުރުން މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ މ. އަތޮޅަށް ގެނައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ތަކެތި ފެނިފައިވަނީ މާލެއިން ފުރައިގެން މ. އަތޮޅަށް އައި ލޯންޗެއް މުއްޔަށް އައިތަނުން ބަލައިފާސްކޮށް އެލޯންޗު ތެރެއިން ފެނުނު ކޮތަޅެއްގެ ތެރޭގައި އޮތް ސްވެނިއަރ ދޯންޏެއްގެ ތެރެއިންނެވެ. މި ދޯނިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާއިރު މި މައްސަލައާއި ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.
މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި މި ދެ އޮޕަރޭޝަނުގެ އިތުރުން މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުވެސް ވަނީ އޮޕަރޭޝަނެއް ހިންގައި މަސްތުވާތަކެތި ހޯދާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ މަސްތުވާތަކެތީގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ސިލްސިލާކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.