569 ގަޑިއިރުގެ މަސައްކަތަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވައިފިއެވެ. މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އިތުރަށް ހަތް ދުވަހުގެ މަސައްކަތް ކުރެއްވުމަށް ފަހުއެވެ.
ޤަވާޢިދުގައި ބުނާ ގޮތުން މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނޮވެމްބަރ މަހުގެ ނިޔަލަށް ނިމޭނެއެވެ. ނަމަވެސް އިތުރު ހަތް ދުވަހަށް މަޖިލިސް ދިގު ދައްމާލުމަށް މަޖިލީހުން ފާސްކުރައްވައި އެ ހަތްދުވަހު ވަނީ މުހިންމު މަސައްކަތް ތަކެއް ނިންމަވައިފައެވެ.
19ވަނަ މަޖިލީހުގެ ފަހު ދައުރުގައި ބޭއްވީ 33 ޖަލްސާއެވެ. ނަމަވެސް ފުރަތަމަ ދައުރުގައި ވަނީ 44 ޖަލްސާ ބާއްވައިފައެވެ. މަސައްކަތުގައި މެމްބަރުން 569 ގަޑީއިރު ހޭދަކޮށްފައިވާއިރު 33 ޖަލްސާއަށް ހޭދަކޮށްފައި ވަނީ 128 ގަޑީއިރާއި 33 މިނެޓެވެ. ކޮމެޓީގެ މަސައްކަތަށް441 ގަޑީއިރާއި 20 މިނެޓް ވަނީ ހޭދަކޮށްފައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތް ތަކަށް ބަލާއިރު ނިންމާ ލެވިފައި ވަނީ 53.3 އިންސައްތަ މަސައްކަތް ކަމަށެވެ. މިއަދުގެ ޖަލްސާއަށް ވެސް ވަނީ 10 ބިލެއް ހުށަހެޅިފައެވެ. އެހެންކަމުން މަސައްކަތް ނިންމާލެވުނު ނިސްބަތް ކަނޑައަޅައިފައި ވަނީ އެ ބިލްތައް ވެސް ހިމަނައިގެންނެވެ. މެމްބަރުން ހުށަހެޅުއްވި ހުރިހާ މައްސަލައެއް ނިންމާ ލެއްވިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ވަޒީރުންނާ ސުވާލުކުރުމުގެ 12 ސުވާލު ނިންމާ ލެވިފައިވާއިރު 12 ސުވާލު ނިންމާ ނުލެވި އޮތްކަން ވެސް ފާހަގަ ކުރެއްވިއެވެ.
މެމްބަރުން މަސައްކަތަށް ހޭދަކޮށްފައިވާ ވަގުތު ފާހަގަ ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ 85 ދުވަހު މެމްބަރުން ފުލްކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ކޮންމެ ދުވަހަކު 8 ގަޑިއިރު މެމްބަރުން މަސައްކަތް ކުރައްވާފައި ވުމުން، މުސާރަ ޙައްޤުވާ ވަރަށް މެމްބަރުން މަސައްކަތް ކުރައްވައިފައިވާކަމަށް ދެކެވަޑައި ގަންނަވާކަމަށް ވެސް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
ނިމިދިޔަ ދައުރުގައި މަޖިލީހުން ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި 2020 ގެ ބަޖެޓްގެ މަސައްކަތާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ލާމަރުކަޒީ ބިލާއި މަސްވެރިކަމުގެ ބިލް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.