އުއްތަމަ ފަނޑިޔާރާއި އާދަމް މުޙަންމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފި

އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙަންމަދު، ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރާއި އާދަމް މުޙަންމަދުގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ފަހު އެ ދެފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުއްވުމުން، އެދެބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިސްގައި ދާދި ދެންމެއަކު ނެގި ވޯޓުގައި އުއްތަމަ ފަނޑިޔާރު މަގާމުން ވަކުރަން ފެންނަ ކަމަށް 69 މެމްބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވިއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި 1 މެމްބަރަކު އިންނެވިއެވެ.

ފަނޑިޔާރު އާދަމް މުޙަންމަދު ވަކިކުރަން ފެންނަ ކަމަށް 69 މެމްބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވިއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި 1 މެމްބަރަކު އިންނެވިއެވެ.

ވޯޓަށް އައްސެވުމަށްފަހު ވޯޓުގެ ނަތީޖާއާއެކު މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ މިވަގުތުން ފެށިގެން އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙަންމަދު ފަނޑިޔާރު ކަމުން ވަކިވެއްޖެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި އާދަމް މުޙަންމަދު ފަނޑިޔާރު ކަމުން ވަކިކުރުމުގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެދެބޭފުޅުންގެ މައްސަލަތަކެއް ބަލާފައެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ޖަވާބުދާރީވެވަޑައިގަތުމަށް ހާޒިރުވެވަޑައިފެންފައި ނުވެއެވެ. ފަނޑިޔާރު އާދަމް މުޙަންމަދު ވަޑައިގަތެވެ. ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލައި ނިންމުމަށް ފަހު މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވީ އެހިސާބުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.