ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ދިނުމަށް ކަނޑައަޅައި ލާމަރުކަޒީ ބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލްތަކުގެ 33 އިންސައްތަ ގޮޑި އަންހެނުންނަށް ދިނުމަށް ކަނޑައަޅައި ލާމަރުކަޒީބިލް މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ބިލް މަޖިލީހުން ފާސްކުރެއްވީ 76 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

ބިލް ފާސްވެގެން ދިޔައީ ކައުންސިލަރެއް، މޭޔަރެއް ނުވަތަ ރައީސެއްގެ ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކޮށް ނުވަތަ އިހުމާލުވާ ނަމަ، ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސުލޫކީ މިންގަނޑާ ޚިލާފުވާ ނަމަ، ސަސްޕެންޑް ކުރުމުގެ ބާރު އެލްޖީއޭ އަށް ދިނުމަށް ހުށަހެޅުނު އިޞްލާހާއެކުއެވެ. މިނޫސްވެސް ގިނަ އިޞްލާޙުތަކެއް ވަނީ ކޮމެޓީގެ ރިޕޯރޓަށް ހުށަހެޅި ފާސްވެފައެވެ. ހުރިހާ އިޞްލާހެއްވެސް ހުށަހަޅުއްވައިފައިވަނީ އެމްޑީޕީގެ މެމްބަރުންނެވެ.

ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެމްބަރުންގެ 33 އިންސައްތަ އަންހެނުންނަށް ކަނޑައެޅުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާޙު ފާސްވެގެން ގޮސްފައި ވަނީ އެމާއްދާއާ ބެހޭގޮތުން ބައެއް މެމްބަރުންނާއި އެނޫންވެސް ބައެއް އާންމުގެ މެދުގައިވެސް ޚިޔާލު ތަފާތު ވެފައިވާ ދަނޑިވަޅެއްގައެވެ.

ބިލަށް ހުށަހަޅައިފައިވާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެމްބަރުންގެ 33 އިންސައްތަ އަންހެނުންނަށް ކަނޑައެޅައިފައި ވަނީ ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައެވެ. ސަރުކާރު ފަރާތުން މިބިލް ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް އުޖޫރައެއް ދިނުމަށް ކަނޑައެޅުން ވެސް ޤާނޫނަށް ހުށަހަޅައިފައިވާ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އަންހެނުން ކޮމެޓީތަކަށް ވަކި ބަޖެޓެއްދީ އޮފިސްހިންގާނެ ތަނެއް ހަމަޖައްސައި ދިނުންފަދަ އިންތިޒާމުތައް ކައުންސިލްތަކުން ފޯރުކޮށްދޭންވާނެކަމަށް ވެސް ބިލްގައި ކަނޑައަޅައިފައި ވެއެވ

އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު މައިގަނޑު އަނެއް އިޞްލާޙަކީ ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން 5 އަހަރަށް އިތުރުކުރުމާއި ކައުންސިލްތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަކޮށްދިނުމެވެ. ކައުންސިލްގެ އިޚްތިޞާސް ހިނގާ ސަރަޙައްދު ކަނޑައަޅާނެ ގޮތުގެ އުޞޫލުތައް ވެސް މި ބިލަށް ގެނެވުނު އިސްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ. ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ އެންމެހާ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކްވެރިކަމަށް ބަދަލުވެގެންދާނެ އުޞޫލުތައްވެސް ބިލަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.

ދައުލަތުގެ އާމްދަނީ ފަސް އިންސައްތައަށްވާ ޢަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމަށާއި ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 އިންސައްތަ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން، ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ވެސް ބިލަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ކައުންސިލްތަކުންދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ވެސް ބިލުން ކައުންސިލްތަކަށް ދިނުން ވެސް އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.

ސިޓީކައުންސިލްތަކަށް މެމްބަރުން އިންތީޚާބުކުރާގޮތަށްވެސް ވަނީ ބަދަލުގެންނަވައިފައެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ކައުންސެލަރުން ތަމްޞީލްވާނެގޮތް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތަށް ވެސް ވަނީ ބަދަލުކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.