އިންކަމްޓެކްސް ނެގުމަކީ އެކަމަށް މީހުން އަހުލުވެރި ނުވަނީސް ކޮށްގެންވާނެކަމެއް ނޫން- ޢާޒިމް

އިންކަމްޓެކްސް ނެގުމަކީ މީހުން އެކަމަށް އަހުލުވެރި ނުވަނީސް ކޮށްގެންވާނެކަމެއް ނޫންކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން އިންކަމްޓެކްސް ނެގުމަށް ބަޖެޓްގައި ކަނޑައަޅައިފައިވާއިރު އިންކަމްޓެކްސްއާ ބެހޭ ބިލް އޮތީ މަޖިލީހުގެ ކޮމެޓީގެ މަރުޙަލާގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެން ކަމުން ބަޖެޓް ފާސްކުރާއިރު މިއީ ވިސްނަން ޖެހޭނެ މައްސަލައެއްކަމަށް ވިދާޅުވިއެވެ. އިންކަމްޓެކްސް ނެގުމުގެ ކުރިން އެކަމަށް ރައްޔިތުން އަހުލުވެރިކުރުމަށް މުއްދަތެއް ދޭންޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންކަމްޓެކްސް ކަހަލަ ބޮޑުކަމެއް އަވަސް އަރުވައިލައިގެން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއް ނޫން ކަމަށް ޢާޒިމް ފާހަގަ ކުރެއްވިއެވެ. އިންކަމްޓެކްސް ނަގަން ފަށާނީ ކޮން ހިސާބަކުންތޯ ވެސް އަދި އިސްތިސްނާކުރާނީ ކޮންބައެއްކަންވެސް ކަނޑައެޅިފައި އަދި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދްނީގެ 59 އިންސައްތައަކީ ޓެކްހުން ލިބޭ އާމްދަނީކަން ފާހަގަ ކުރައްވައި، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފޯރުކޮށްދޭންޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންނަށް ފައިދާހުރި ގޮތަށްކަމަށް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލަށް އެކަނިވެސް ޓެކްސްގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައްޔިތުން އަތުން ނަގާކަން ފާހަގަ ކުރައްވާ ރައްޔިތުން ބޭނުންވާ ވަރަށް އެކައުންސިލުން ޚިދުމަތްދެވޭތޯ ސުވާލު އުފެއްދެވިއެވެ. އަދި ރައްޔިތުން އަތުން ނެގޭ ޓެކްސް އާ އެއްވަރަށް އަސާސީ ޚިދުމަތްތައް ލިބޭތޯ ވެސް އެނާ ވަނީ ސުވާލު އުފައްދަވައިފައެވެ. މިސުވާލުގެ ޖަވާބު އަމިއްލަފުޅަށް ދެއްވަމުން ވިދާޅުވީ މިސަރުކާރުގެ ފަސް އަހަރު ނިމޭއިރު މި ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަމަށެވެ.

ބަޖެޓް ފާސްކުރާ ގޮތާ ޚިލާފަށް ބަދަލުގެ ގޮތުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހޭދަކޮށްގެން ނުވާނެކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. އަދި ދައުލަތުގެ އިސްރާފް ކުޑަކުރަންޖެހޭކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

 2020 ގެ ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅައިފައިވާ އާ ފަސް ކަމަކުން 2.5 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާ ކޮށްފައިވެ އެވެ. އިންކަމް ޓެކްސް ތައާރަފު ކޮށްގެން 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.