ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ދިރާސާ ކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަލަމާތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާ މިއަދު ބައްދަލު ކުރައްވަނީ: ފޮޓޯ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ ގެ މަރުގެ މައްސަލައާ ބެހޭ ރިޕޯޓު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަން ފަށައިފިއެވެ.

އެ ކޮމިޓީން އެމަސައްކަތް ފަށައިފައިވަނީ އަފްރާޝީމް މަރާލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި، މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ނުހިމަނައެވެ.

އޭނާ ނުހިމަނައި ކޮމިޓީ ކުރިއަށް ގެންދަން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ހުށަހެޅުމަށް ވޯޓަށް އަހައި އެކަން ފާސްވެފައިވަނީ 8 މެމްބަރުންގެ އިތިފާގުންނެވެ.

ޢަބްދުﷲ ރިޔާޒު ވިދާޅުވީ އޭނާކުރިން ވެސް ވަނީ އެކޮމިޓީގެ ބައްދަލުވުމަށް ވަޑައިނުގަތުމަށް ނިންމާފައި ކަމަށެވެ. "އެހެންވެ ބައްދަލުވުމަށް ނުދަން،" ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

އަފްރާޝީމްގެ މަރާބެހޭ ގޮތުން މަރުކޮމިޝަނަށް މަޢުލޫމާތު ދެއްވުމަށްފަހު ޢަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ އޭނާއަށް އެނގޭ ހުރިހާ މަޢުލޫމާތެއް ކޮމިޝަނާ ޙިއްސާ ކުރެއްވި ކަމަށެވެ. އަދި ކޮމިޝަނުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބުވެސް ދެއްވި ކަމަށެވެ.

ޢަބްދުﷲ ރިޔާޒު ކުރިން ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް މަރާލުމުގެ ފަހަތުގައިވަނީ ސިޔާސީ ކަންތައްގަނޑެއް ކަމަށެވެ. އެހެންނަމަވެސް މަރުކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެކަމުގެ ފަހަތުގައިވަނީ ދީނީ ޚިޔާލު ތަފާތުވުމެއް ކަމަށެވެ. ޢަބްދުﷲ ރިޔާޒު ފަހުން ވިދާޅުވީ އޭރު އެހެން ވިދާޅުވީ އޭރު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އަފްރާޝީމިގެ މަރާ ބެހޭ ރިޕޯޓު ދިރާސާ ކުރައްވަން މިއަދު ފެއްޓެވިއިރު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އެކޮމިޓީއާ މިއަދު ބައްދަލު ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.