ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާޙާ ގުޅިގެން ކައުންސިލްތައް ދެން އިންތިޚާބު ކުރާނީ ފަސް އަހަރަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާޙާ ގުޅިގެން ކައުންސިލްތައް ދެން އިންތިޚާބު ކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. ކައުންސިލްތަކުގެ ދައުރުގެ މުއްދަތު ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށް ޤާނޫނު އަސާސީއަށް ގެނެވުނު އިޞްލާޙު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވައިފައެވެ.

ޤާނޫނޫ އަސާސީގެ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބާބަށް ގެނެވުނު އިސްލާޙު މަޖިލީހުން ފާސްކުރެއްވީ މިއަދުގެ ޖަލްސާގައި ހުށަހެޅުނު ދެ އިޞްލާހާއެކުގައެވެ. ޤާނޫނޫ އަސާސީއަށް ގެނެވުނު އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ޢިއްތިފާގުންނެވެ. މި ވޯޓްގައި މަޖިލީހުގެ ރައީސް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް އިޙްތިޖާޖު ކުރެއްވުމުން، ނަންއިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކުރެއްވި ފަސް މެމްބަރުންނަށް ޤާނޫނުއަސާސީއަށް މި ގެނެވުނު އިޞްލާޙަށް ވޯޓް ދެއްވުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.

ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ގެނެވުނު އަނެއް އިސްލާހަކީ އަތޮޅު ކައުންސިލްތައް އެކުލެވިގެންވާ ގޮތެވެ. އަތޮޅު ކައުންސިލްގައި ހިމެނޭނީ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން އެދާއިރާއެއްގެ ކޮންމެ ރެށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާ ރައީސުންނެވެ. ޤާނޫނި އަސާސީއަށް ގެނެވުނު އިޞްލާޙުގައި ވާގޮތުން އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން ވެސް އިންތިޚާބުކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ.

ޤާނޫނު އަސާސީ ގެނެވުނު އިޞްލާޙު ފާސްކުރެއްވީ މުޅި މަޖިލީހުގެ ކޮމެޓީން ބިލް ދިރާސާކޮށް ނިންމެވި ގޮތަށް ހުށަހެޅުނު ދެ އިޞްލާހާއެކުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ހުށަހެޅުއްވި މި ދެއިޞްލާޙުގެ ތެރެއިން އެއް އިޞްލާހުގައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީޤްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ. ދެ ވަނަ އިޞްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަންވާނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށެވެ.

ޤާނޫނޫ އަސާސީގެ ލާމަރުކަޒީ ބާބަށް ގެނެވުނު އިޞްލާޙު މަޖިލީހުން ފާސްވެގެން ދިޔައިރު ލާމަރުކަޒީޤާނޫނަށް ގެންނަ އިޞްލާޙުތައްވެސް ދިރާސާކޮށް ނިމި ކޮމެޓީ ރިޕޯރޓް މިހާރުވަނީ މަޖިލީހުގެ ތަޅުމަށް ފޮނުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.