އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ މަޢުލޫމާތު ސާފުކުރެއްވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ) އިންކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ފައިސާ ލިބުނު މީހުންގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް އެޕާޓީން ފޯރުކޮށްދެއްވަފައިވާ ކަމަށާއި ދައުވާކުރުން ލަސްވާންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވި އެވެ.
ޚިޔާނާތުގެ މުގުލުގައި ހުރިކަމަށް ތުޙުމަތުކުރެވޭ ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް އެމްޑީޕީ އަށް ލިބުމާ ގުޅިގެން އެ ތަކެތި ފޮރެންސިކް އެކައުންޓަންޓަކާ ހަވާލު ކުރެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފޮރެންސިކް އެކައުންޓަންޓް އެތަކެތި ދިރާސާކޮށް އެކުލަވާލި ރިޕޯޓް ބަންޑާރަ ނައިބާ ޙަވާލުކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި އެމައުލޫމާތު ޚިޔާނާތުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ވެސް ފޯރުކޮށްދެއްވައިފައިވާނެކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އަދިބުގެ ފޯނުތަކުން 73،000 އަށްވުރެ ގިނަ ޓެކްސްޓް މެސެޖް ހޯދިފައިވާކަމަށާއި އެ ޓެކްސްޓުތައް ފޮނުވީ ކޮން ބައެއްކަމާއި ކޮން މެންބަރުންތަކެއްކަން ވެސް ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީން ފޮރެންސިކް އެކައުންޓެންޓް ލައްވާ ހޯދި މަޢުލޫމާތުގެ ރިޕޯޓުގައި އިތުރަށް ތަޙްޤީގުކުރަންޖެހޭނެ އެއްވެސް ކަމެއް އޮންނާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެޚިޔާނާތުގައި ބައިވެރިވި މީހުންގެ ފޯނު ނަންބަރުތަކާއި، އެޑްރެހާއި އައިޑީ ކާޑު ނަންބަރުތައް ވެސް އެ ރިޕޯރޓުން އެނގެން އޮންނާނެކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ މަޖިލިހުގެ މެމްބަރުންނަށް ލިބުނުކަމަށް ތުހުމަތު ކުރެވިފައިވާއިރު، އެއީ ކޮން މެމްބަރުންނެއް ކަން، ސާފުވެވަޑައިނުގަންނަވާނަމަ، އެ ތުހުމަތު މަޖިލީހުގެ 87 މެމްބަރުންނަށް ވެސް ރައްދުވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އެކަން ސާފުނުވެ އޮތުން ފައިސާގައި ނުޖެހޭ މެމްބަރުންނަށް ވެސް ނުތަނަވަސްކަން ލިބިގެންދާނެކަމަށް، ނަޝީދު ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށް ވަނީ ތުޙުމަތު ކުރައްވައިފައެވެ.