ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށްޓަވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށްޓަވައިފިއެވެ. މިބިލް ސަރުކާރުފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް، ހުށަހަޅައިފައި ވަނީ ޤާނޫނު އަސާސީގެ އަށްވަނަ ބާބެވެ. އެއީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބާބެވެ. ހުށަހަޅައިފައިވާ އިޞްލާޙްތަކުގެ ތެރޭގައި ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން 5 އަހަރަށް އިތުރުކުރުން ހިމެނެވެ.

ބިލް ހުށަހަޅުއްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ވިދާޅުވީ ތިން އަހަރުން ތިން އަހަރުން އިންތިޚާބެއް ބޭވުމަކީވެސް ބޮޑު ކަމެއްކަމުގައެވެ. އަދި ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލައި ހިންގުމަށް ތިން އަހަރަކީ ކުރުމުއްދަތެއް ކަމަށް ކައުންސިލްގެ މަސައްކަތްތަކުން ފާހަގަކުރެއްވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ބިލުގައި ފަސް އަހަރުގެ މުއްދަތެއް ކައުންސިލްތަކަށް ދެވިފައި ވަނީ އެސަބަބަށްޓަކައިކަމަށް ވިދާޅުވިއެވެ. މިގެނެވޭ އިޞްލާޙުތަކުގެ ސަބަބުން ކައުސިލްތަކުގެ ދައުރު ފުޅާވެ، ދެވޭ ޚިދުމަތްތައް އުތުރުވެ ކައުންސިލްތައް އިތުރަށް ބާރުވެރިވެގެންދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޤާނޫނުއަސާސީގެ ލާމަރުކަޒީ ބާބަށް ގެނެވޭ އިޞަލާޙުތަކުގެ ތެރޭގައި ކޮންމެ ރަށެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މެމްބަރުންކަމުގައި ކަނޑައެޅުން ިމެނެއެވެ. އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބް ރައީސުން އިންތިޚާބުކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ކަނޑައެޅުން ވެސް އެބާބަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލްގެ ފުރަތަ ކިޔުން އިއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ބިލް މަޖިލީހުން ގޮތެއް ނިންމުމާ ދެތޭރޭގައި ތިން ހަފަތާގެ މުއްދަތެއް ލިބިގެންދާނެކަމުގައެވެ. އެހެންކަމުން ޤާނޫނު އަސާސީއަށް ގެނެވޭ އިޞްލާޙަށް ރައްޔިތުންގެ ޚިޔާލު އިންތިހާ އަށް ބޭނުންވާނެކަން ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވަނީ ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤާރާރު މަޖިލީހުން ބަލައި ގަނެ އިޤްތިޞާދީ ކޮމެޓީއަށް ފޮނުއްވައިފައެވެ. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި، މި ޤަރާރު މަޖިލީހުން ބަލައިގަތީ 67 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.