އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއް ކަމާމެދު ޝައްކެތްވެސް ނެތް ކަމަށާއި، ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެމަނިކުފާނު އިންނަވަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙަންމަދު، ފަނޑިޔާރު ކަމުން ވަކިކުރުމުގެ މަސައްކަތުގެ ބަހުސްގައި، އިދިކޮޅު ޕީޕީއެމްގެ ބަޔެއް މެމްބަރުންގެ ވާހަކައިގައި، ޖޭއެސްސީގައި ނަޝީދު އިންނަވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖޭއެސްސީގައި އިންނަވަނީ ޤާނޫނުގައި އެހެން އޮތުމުން ކަމަށެވެ.
"އާދެ އަޅުގަނޑަކީ ސިޔާސީ މީހެއް. ޝައްކެތްވެސް ނެތް. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި މިބުނަނީ ސިޔާސީ މީހުންވެސް ހިމަނައިގެން، ފަނޑިޔާރުންވެސް ހިމަނައިގެން، އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅަކުވެސް ހިމަނައިގެން، އަދި ރަށުތެރޭގައި އުޅުއްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކުވެސް ހިމަނައިގެން، އަދި މި މަޖިލީހުންވެސް ބޭފުޅަކު ހިމަނައިގެން، އަދި އޭގެއިތުރުން ޤާނޫނީ ވަކީލުކަން ކުރައްވާ ބޭފުޅުންގެ ތެރެއިންވެސް ބޭފުޅަކު ހިމަނައިގެން އޮންނަ ބަޔެއްގެ މެދުގައި، މަޖިލީހަކުން ފަނޑިޔާރުގޭގެ ކަންކަން ބަލަހައްޓަމުން ގެންދާނީ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޖޭއެސްސީ މިހާރު އެކުލަވާލެވިފައި އޮންނަ ގޮތަށް ބަދަލު ގެންނަން ބޭނުމިއްޔާ ޤާނޫނު އަސާސީއަށް ބަދަލު ގެނެވިދާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާނީ ކޮންބަޔެއްތޯ އަލުން ލިޔެވިދާނެ ކަމަށެވެ. ނަމަވެސް މިވަގުތު އަމަލު ކުރަންޖެހޭނީ މިހާރު ޤާނޫނުގައި އޮތްގޮތަށްކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
"މި ޤާނޫނު އަސާސީގައި އެބަބުނޭ އަޅުގަނޑު އެތަނުގައި އިނުމަށް. ދެން މިރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެން މިތަނަށް ލައިފި. އަދި މިރާއްޖޭގެ ރައްޔިތުން ނިންމައިފި މިރާއްޖޭގެ އަޣްލަބިއްޔަތު، ތާއީދު މިވަގުތު އޮތްގޮތް. ދެން އެއާޚިލާފަށް އަޅުގަނޑުމެން އަމަލު ކުރަން ދިޔުން އެއީ އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއްނޫން" ނަޝީދު ވިދާޅުވިއެވެ.