ކަރަންޓު އަގުހެޔޮ ކުރުމާބެހޭ ގަރާރެއް ހުށަހަޅައިފި

ކަރަންޓުގެ އަގު ހެޔޮކުރުމާބެހޭ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅައި ދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމެވެ. މި ގަރާރު ހުށަހަޅައި ދެއްވަމުން ސަލީމް ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުވެފައި އޮތުމަކީ ރައްޔިތުންގެ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.  އަދި އަދި ރާއްޖޭގެ ތަރައްގީ އަށާއި، ދިވެހިންގެ ކުރިއެރުމަށްޓަކައި ކަރަންޓު އުފެއްދުމަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ ކަރަންޓުގެ އަގު ރައްޔިތުންނަށް އުފުލޭނެ މިންވަރެއްގައި ދެމެހެއްޓުމަކީވެސް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދޭތެރެދޭތެރެއިން އުފުލެމުން ދިޔުމަކީ ދައުލަތަށްވެސް މާލީ ގޮތުން ބަލާއިރު ވަރަށް ބޮޑު ބުރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދެމެހެއްޓެނިވި އުސޫލަކުން ކަރަންޓުގެ އަގު ހެޔޮކުރުމަށާއި، އާންމު ރައްޔިތުންގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް، އެއްވެސް އާއިލާއަކަށް ބުރައަކަށް ނުވާނެހެން ސަބްސިޑީ ފޯރުކޮށްދީ، މިހާރު ތެލަށް ކުރަމުން އަންނަ އިސްރާފު ދަށްކޮށް، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްގީކުރަން ސަރުކާރުން ވައުދު ވެފައިވާ ކަމަށެވެ. ސަލީމުގެ ގަރާރުގައި ބޮޑަށް ބާރު އަޅާފައި ވަނީ ޑީސަލަށް ކުރާ ހޭދަކުޑަކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުން އިތުރުކޮށް، ކަރަންޓުގެ ޚަރަދު ކުޑަ ކުރުމަށެވެ.

ގަރާރުގައި ބުނެފައި ވަނީ ޑީސަލްގެ އަގަކީ ރާއްޖެއިން ކޮންޓްރޯލު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ތެލަށް ބަރޯސާވެ، ކަރަންޓުގެ އަގު ހެޔޮކުރުމަށް ވިސްނުމަކީ ދެމެހެއްޓެނިވި ޙައްލެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެއީ ތިމާވެއްޓާވެސް ރައްކާތެރި ގޮތް ނޫން ކަމަށް ބުނެފައިވެއެވެ.

ގަރާރުގެ ބަހުސްގައިވެސް ގިނަ މެމްބަރުންގެ ވިސްނުންފުޅު ހުރީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކޮށް، ކަރަންޓުގެ ޚަރަދު ކުޑަ ކުރުމާދިމާލަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.