ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާއިން ރޭ ބަންދުކުރި އެންމެން މިހާރުވަނީ ދޫކޮށްލަފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ރޭގެ މުޒާހަރާއިން ބަންދުކޮށްފައިވަނީ 9 މީހުން ކަމަށެވެ. އޭގެ ތެރެއިން 5 މީހުން ރޭ ވަނީ ދޫކޮށްލައިފައި ކަމަށެވެ. މިއަދާ ހަމައަށް ދޫނުކޮށް ތިބި 4 މީހުން ވެސް މިހާރުވަނީ ދޫކޮށްލައިފައެވެ.
މުޒާހަރާއިން ބަންދުކުރި މީހުންގެ ތެރޭގައި ހިމެނުނު ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ފުލުހުންވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ކަމަށް އޭނާގެ ޤާނޫނީ ވަކީލުން ވިދާޅުވިއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މުޖުތަމަޢަށް ނުރަކާތެރި މީހެއްގެ ތުހުމަތު ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ. އެހެންމަމަވެސް ކޯޓަށް ގެންދިޔުމުން ފަނޑިޔާރުވަނީ ހުށަހަޅާފައިވާ ހެކިތަކަށް ބަލައި އޭނާ ދޫކޮށްލައިފައެވެ.
ޕީޕީއެމް/ޕީއެންސީން ބުނަމުން ގެންދަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ނުޙައްގު ޙުކުމެއް ކަމަށެވެ. އެމީހުން ސިފަކުރަނީ އެއީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ސިޔާސީ ހުކުމެއްގެ ގޮތުގައެވެ. މަނީލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރައްވައިފައެވެ. އަދި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.