ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ބާއްވައިގެން ނުބައި އެއްޗެއް ކާންދީ ނުވަތަ އިންޖެކްޝަނެއް ޖަހައިފާނެތީ ކަންބޮޑުވާ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރަން ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު ކުރިއަށްގެންދާ އިހުތިޖާޖުގައި މިރޭގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ނައްތާލަން މިސަރުކާރުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ. ބޭނުމަކީ ސިޔާސީ މަސްރަހުން އެމަނިކުފާނު ފޮހެލުން ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖަލުގައި އޮންނެވީ ރައީސް ޔާމީން ނޫންކަމަށާއި އެއީ މުޅި ޤައުމިއްޔަތު ކަމަށެވެ. އެމަނިކުފާނަކީ ބޭރުގެ ނުފޫޒަށް ލެނބުމެއްނެތި ދިވެހީންގެ އަމިއްލަވަންތަކަން ކުރިއަށްނެރުނު ސިޔާސީ ލީޑަރެއް ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެމަނިކުފާނަކީ އަންހެނުންނާއި ކުޑަކުދިންންނާއި ޒުވާނުންނަށް އެމީހުންގެ ހަގީގީ މަގާމް ހޯއްދަވައި ދެއްވި ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް މިއްވައިފައިވާ 5 އަހަރުގެ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ޙުކުމެއް ކަމަށް މިރޭވެސް އޭނާ ތަކުރާރުކުރެއްވިއެވެ. އެއީ ވަރަށްބޮޑު އަނިޔާއެއްކަމަށް ވެސް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ސަލާމަތް ކުރުމަށް ލިބޭނެ ފަހު ފުރުސަތަކީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށެވެ. އެ އިންތިޚާބުގައި ރައީސް ޔާމީންގެ އިތުރުން މުޅި ޤައުމު ސަލާމަތް ކުރުމަށް އެމްޑީޕީއަށް އެންމެ ގޮނޑިއެއް ނުދިނުމަށް ޢަބްދުއްރަޙީމް ވަނީ ގޮވާލައްވައިފައެވެ.