މަސް ހިފަންދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި

ގދ. މަޑަވެލިން މަސްހިފަންދިޔަ މީހަކު ނުފެނިގެން ޢާއިލާއިން ފުލުހަށް ރިޕޯޓު ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާ މަސްހިފަން ގޮސްފައިވަނީ މިއަދު މެންދުރު 13:00 ގައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ނުފެނިގެން ހޯދަމުންދަނީ އެރަށު ގަމަރީ، މުޙައްމަދު ސަޢީދު (ދަފްތަރު ނަމްބަރު 3476) އެވެ. އޭނާގެ ޢުމުރަކީ  72 އަހަރެވެ. ފުލުހުން ވިދާޅުވީ އެ މީހާ މަސްހިފަން ދިޔައީ އެކަނި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ދިޔައީ މަސްހިފާ ދަލެއް ހިފައިގެން ފަރުމައްޗަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މުޙައްމަދު ސަޢީދު (މުޙައްމައިދީ) އަކީ ޢާއްމުކޮށް އެކަނި މަސްހިފަންދާ މީހެއްކަމަށެވެ. "އެހެންނަމަވެސް އޭނާ ޢާއްމުކޮށް މަސްހިފަންދަނީ ރަށްކައިރިއަށް. އެކަމަކު މިއަދު އޭނާ ދިޔައީ މަޑަވެއްޔާއި ހޯޑެއްދުއާ ދޭތެރޭ ފަރުދަށަށް ކަމަށްވަނީ. އެ ސަރަޙައްދަކީ ފުން ސަރަޙައްދެއް. އެކަނިދާން އެހާ ރައްކާތެރި ސަރަޙައްދެއް ނޫން އެއީ،" އެމީހާ ބުންޏެވެ.

މީގެ ކުރިން އެ ސަރަޙައްދަށް މަސް ހިފަން ފައިބައިގެން އުޅުނު މީހެއްގެ ގަޔަށް ތޮޅިއެއްގެ ތުންގަނޑު ހެރި އެމީހާ ވަނީ ނުކުޅެދޭ މީހަކަށް ވެފައި ކަމަށް މަޑަވެލީން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ މިއަދު 1:30 އެހައިކަންހާރު އެރަރަށް ވަރަށް ވިއްސާރަ ކަމަށާއި ވައިވެސް ގަދަ ކަމަށެވެ. އެގަޑީގައި އެރަށުގެ މީހަކާ މުޙައްމައިދިއާ ދިމާވެ ވާހަކަ ދެކެވިފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ. ވިއްސާރައިރު މަސް ހިފަން ނުފޭބުމަށް މުޙައްމައިދިއާ ދިމާވި މީހާ އޭނާއަށް ނަސޭހަތްދިން ކަމަށްވެއެވެ. އަދި މަސް ހިފަން ފައިބާނީ ވިއްސާރަ ރަނގަޅުވުމުން ކަމަށް މުޙައްމަދީ ބުނިކަމަށްވެއެވެ.

އޭނާ މަސް ހިފަންގޮސް ހުއްޓައި އެސަރަހައްދަށް ވެލިނަގަން ދިޔަ ބަނގްލަދޭޝް ބަޔަކަށް ފެނިފައިވެއެވެ. އެހެންނަމަވެސް ދެވަނަ ބުރަށް އެމީހުން ދިޔައިރު އެމީހާ ފެންނަންނެތް ކަމަށް މަޑަވެލީން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މުޙައްމައިދީ މަސް ހިފަން ގޮސްފައި މިހާތަނަށް އެންމެ ލަހުން ގެއަށް އައިސްފައިވަނީ ރޭގަނޑު 7:00 ގައި ކަމަށް އެމީހާގެ ޢާއިލާއާ ޙަވާލާދީ ރަށުތެރޭގައި ވާހަކަ ދައްކާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާބުންޏެވެ. އެހެންނަމަވެސް މިރޭ އަށެއް ޖެހިއިރުވެސް އެމީހާ ގެއަށް ނައިސްގެން ހޯދަން ދިޔައިރު ފެންނަންނެތިގެން ފުލުހަށް އެންގީއެވެ.

"ފުލުހުންނާއި ރަށު މީހުން ޓޯޗު ބައްތި ހިފައިގެން އެމީހާ ހޯދަން ފޭބިއިރު މަސް ހިފަން ޖެހިދައު ހުރިގޮތަށްހުރި ކަމަށްވަނީ. އޭގައި މިޔަރާއި ހަންޖާއި ފިލޮޅު ފަދަ މަސް ޖެހިފައިހުރި. އެހެންނަމަވެސް މީހާ ފެންނަންނެތް. ދައުވެސް ނުނަގާ ހުރިގޮތަށް އަދިވެސް އެބަހުރި،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކު މިހާރު ދަނީ އެމީހާ ފެނޭތޯ އެސަރަހައްދަށް ފީނަމުން ކަމަށްވެސް އެރަށުން މަޢުލޫމާތު ދިން މީހާ ބުންޏެވެ. އެ ސަރަޙައްދުގެ ހުރިހާ ފަޅުރަށެއްވެސް މިހާރުވަނީ ބަލައިފައެވެ. އެއްވެސް ފަޅުރަށަކުން ވެސް އޭނާގެ ހިލަމެއް ނުވެއެވެ.

އެމީހާއަކީ ހަކުބަލި ހުންނަ މީހެއް ކަމަށާއި މިއަދުވެސް މަސް ހިފަންދާން އުޅުމުން އޭނާގެ އަންހެނުން އެކަން މަނާކުރި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް "ތިމަންނަ މިދަނީ މޫދަށް" ކަމަށް ބުނެ ދިޔައީ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.