ދިވެހި މަސްދޯންޏަކުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަށް ވަދެގެން އުޅުނު ލަންކާ މަސް ބޯޓެއް އަތުލައިގެންފިއެވެ. މި ބޯޓު އަތުލައިގެންފައިވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު ރާއްޖޭގެ މަސްދޯންޏެކެވެ.

އެދޯނިން ބޯޓު އަތުލައިގެންފައިވަނީ ފުވައްމުލަކު ސިޓީގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް ކަމަށްއެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްދޯނިން އެބޯޓު ހިފަހައްޓާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:25 އެއިރު ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ދޮށިމޭނާ" ވަނީ ހަރަކާތްތެރިވާން ފަށާގައެވެ. އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށުން އެ ބޯޓް މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދުއަށް ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަށް ފެންނަ ބޭރުގެ މަސްބޯޓުފަހަރު ރާއްޖޭގެ މަސްވެރިން ހިފެހެއްޓުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ބޯޓުފަހަރު ނުހިފެހެއްޓުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. ޝައްކުކުރެވޭ އެފަދަ ބޯޓެއް ފެނިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު އަތުލައިގަތް ބޯޓުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.