ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަކީ ދިވެހި ސިފައިން ސަމާލުވާންޖެހޭކަމެއް: ރައީސް

ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަކީ، ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއްކަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތު އޮތީ ރޭ ކަޅުތުއްކަލާކޮށީގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބުދުﷲ ޝަމާލްއާ، ސިފައިންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ސިފައިންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ފަރުދީ ހައިސިއްޔަތުން ވެސް، ސިފައިންގެ ކޮންމެ މީހެއްގެވެސް އެންމެ އިސް ވާޖިބަކަށް ހަދަންވީ، ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއްކަމަށެވެ. އަދި މިޒަމާނުގައި، އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލް އަޤުވާމީ ޞުލުޙަކަމަށާއި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ޤައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ޚިދުމަތަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ޢިލްމީ ގޮތުން ޤާބިލު އަދި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭނެ ސިފައިން ދިވެހި ޢަސްކަރިއްޔާގައި މިހާރު އެބަތިބި ކަމަށެވެ. މީގެ އިތުރުން ދިވެހިންގެ ދިފާޢުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި، ދިވެހި ސިފައިން، އެއްގަމާ ކަނޑާ ވައިގެމަގުން ކުރަމުން އަންނަ މަސައްކަތްތަކާއި މަދަނީގޮތުން ކުރަމުން އަންނަ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.