އަންގަންޖެހޭ ފަރާތްތަކަށް އެންގުމަކާ ނުލައި ދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވައިފި

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށްވެފައި، ރާއްޖެ އަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.

މިދުވަސްވަރު ދަތުރުކުރާ ނަމަ މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދަވައިގެން ދަތުރު ރޭވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އަދި ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމާއި، ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި، ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފައިވެއެވެ.

ރޭގަނޑު ދަތުރުތައް ކުރާނަމަ އިތުރަށް ސަމާލުކަން ދިނުމަށާއި، ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ދަތުރުތައް ރޭވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް މޫސުމްގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދިނުމަށާއި، ޑައިވިންގ ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރޭވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ހާދިސާތަކުގެ ރިޕޯޓް ކޯސްޓްގާޑަށް އަންނަނީ ލިބެމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އަދި، ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރަމުންދާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.