ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓާ ގުޅިގެން ބަންދުކުރަންޖެހޭ މީހަކު ނެތްކަމަށް ރިޔާސީ ކޮމިޝަނާއި ޕީޖީ ވިދާޅުވި: ހޯމް މިނިސްޓަރ

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓާ ގުޅިގެން ބަންދުކުރަންޖެހޭ މީހަކު ނެތްކަމަށް ރިޔާސީ ކޮމިޝާއި ޕީޖީ ވިދާޅުވެފައިވާ ކަމަށް ހޯމްމިނިސްޓަރ ޢިމްރާން ޢަބަދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ޢިމްރާން މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ކުރެއްވުނު ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ޑރ. އައަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ރިޕޯޓް ރިޔާސީ ކޮމިޝަނުން ނެރުމާ ގުޅިގެން އެ މައްސަލައާގުޅިގެން ހައްޔަރު ކުރަންޖެހޭ އެއްވެސް މީހަކު ހުރިނަމަ 24 ގަޑީއިރު ތެރޭގައި އަންގަވައި ދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލާއި ރިޔާސީ ކޮމިޝަނަށް ދެންނެވި ކަމުގައެވެ. ނަމަވެސް އެރިޕޯރޓްގެ މައްޗަށް ބިނާ ކޮށް މީހަކު އިތުރަށް ހައްޔަރުކުރަން ޖެހޭ ވަރަށް ހެކި ލިބިފައި ނުވާކަމަށް ރިޔާސީ ކޮމިޝަނާއި ޕީޖީ ވިދާޅުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްމައްސަލައިގެ ރިޕޯރޓާ ގުޅިގެން އެއްވެސް މީހަކު ބަންދު ކުރުމުގެ އަމުރެއް ނެރުމުގެ ޖާގައެއް ފެނިވަޑައިގެންފައިވޭތޯ ރިޔާސީ ކޮމިޝަންގެ މެމްބަރުންނާ އަމިއްލަ އަށް ބަދަލުކުރައްވައި ވަރަށް ސާފުކޮށް ދެންނެވިކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. ފުރަތަމަ ދުވަހު ކޮމިޝަން ގެ ނާއިބް ރައީސާ އެގޮތަށް ވިދާޅުވުމުން އިތުރަށް ރިޕޯރޓް ދިރާސާ ކުރުމަށް އިތުރު 24 ގަޑީ އިރު ދެއްވިކަމަށް ވެސް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ހައްދުފަހަނަ އެޅުމާއި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ފުލުހުން ނުކުޅެދިފައިވާކަމަށް ތުހުމަތުކޮށް، މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރަށް ވަނީ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވެފަ އެވެ.

ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ މައްސަލަ އިސްތިއުނާފު ކުރާނެ ވަރުގެ އިތުރު ހެއްކެއް ވެސް ލިބިފައި ނުވާކަމަށް ޕީޖީ ވިދާޅުވެފައިވާ ކަމަށް ވެސް މިނިސްޓްރ ޢިމްރާން ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނުން ނެރުނު އެރިޕޯރޓުގައި ހައްޔަރުކުރެވޭނެ އަދި ދައުވާއެއް އުފުލޭނެ އެއްވެސް މީހަކު ނެތޭ އެކޮމިޝަނުން ބުނުމަކީ އެންމެން އެކަމާ ވިސްނަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މަރުތައް ތަޙްޤީޤްކުރާ ރިޔާސީ ކޮމިޝަނަށް މީހުން ހައްޔަރުކުރުމާއި، ދައުވާ ކުރަން ފޮނުވުން ފަދަ ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިފައިވީ ނަމަވެސް، އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީން ކަން ކޮމިޝަނަށް ދެއްވައިފައިވާކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވަޒީރާ ކުރެއްވި ސުވާލުތަކާއި މަޖިލީހުގެ ރައީސްގެ ވާހަކަ ފުޅުގައި ފުލުހުންގެ މުއައްސަސާގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ބަޔަކު އުޅެމުންދާކަމަށް ތުޙުމަތުކުރުމާގުޅިގެން ހޯމް މިނިސްޓަރ ވިދާޅުވީ މުޢައްސަސާތަކުގެ ތެރޭގައި ހަރުކަށިފިކުރަށް ހިތްވަރުދޭ ބަޔަކު ތިބެގެން ފިޔަވަޅު ނޭޅޭކަމަށް ޤަލޫބޫލުފުޅު ނުކުރައްވާކަމަށެވެ.

"އަޅުގަނޑުވެސް ބޭނުން ތިބޭފުޅުންނާ އެއް ވަރަށް،އަދި ސުލްޙައާއި މަސަލަސްކަން ރައްކާކުރުމުގެ އެންމެ އިސްކޮށް މަސައްކަތްކުރަން ޖެހޭ އެކެއްގެ ޙައިޞިއްޔަތުން ތިފަދަ ގޮތަށްހުރި (ޓެރެރިޒަމަށް ހިތްވަރުދޭ) ހުރިހާކަންތައް ހުއްޓުވަން" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ކައުންޓަރ ޓެރެރިޒަމް ޤާނޫނަށް ބަދަލު ގެނައިފަހުން ކުރިން ނުކޮށްހުރި ވަރަށްގިނަ ކަންކަން ކުރައްވައިފައި ވާކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މިހާރުވެސް ބަޔަކު ހައްޔަރުކުރެވި ތަޙްޤީޤްކުރަމުންދާކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.