ލަނޑާ ނަގަން ނުކުތް ދޯނީގައި ޒަޙަމްކޮށްލި މީހާއަށް ހަމަލާދިން ގަޑީގައި އެހެން މީހުން ތިބީ ނިދާފައި: ހޯމްމިނިސްޓަރ

ލަނޑާ ނަގަން ނުކުތް ދޯނީގެ ތެރޭގައި ޒަޙަމްކޮށްލި މީހާއަށް ހަމަލާދިނީ އެންމެ މީހެއްކަމަށާއި އެވަގުތު ދޯނީގައި ތިބި އެހެން މީހުން ތިބީ ނިދާފައިކަމަށް ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ލަނޑާ ނަގާ ދޯނީގައި ޒަޙަމްކޮށްލި މީހާއަށް ހަމަލާދިން މީހާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައިކަމަށެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް، އއ. ރަސްދޫ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. މިހަމަލާގައި ޒަޙަމަކޮށްލައިފައި ވަނީ ޢުމުރުން 26 އަހަރުގެ ރ. މަޑުއްވަރީ އިސްމާއިލް ޙައްމާދެވެ. މިހަމަލާ ދީފައިވަނީ ހަރުކަށި ފިކުރުގެ ބައެއްގެ ތެރޭގައި އުފެދުނު ދެބަސްވުމެއްގައިކަމަށްވެއެވެ. ހަމަލާގައި ޒަޙަމްވި މީހަކީ ވެސް އެ ގްރޫޕަށް ނިސްބަތްވާ ކުށްތަކުގެ ރެކޯޑްތަކެއް އޮތް މީހެކެވެ.

އެމައްސަލައި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށާއި އަދި އުތުރު މީހަކު ތަޙްޤީޤަށް ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހަމަލާގައި ޒަހަމްކޮށްލި މީހާ ސަލާމަތްވުމަށް ކަނޑަށް ފުންމާލައިގެން ފަތާފައި އެރީ އއ. މާޅޮހަށެވެ. މިހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.