ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ރާއްޖޭގައި ހަރަކާތް ތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތަކުންކަން ހާމަކޮށްފި

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ރާއްޖޭގައި ހަރަކާތް ތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ރާވައިގެން ކަމަށް މަރާލައިފައިވާ މީހުނާއި ގެއްލުވާލާފައިވާ މަރުތަކުގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާކަމަށް ރައްޔިތުންގެ މަލިހުގެ ރައީސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެރިޕޯޓުގެ ޚުލާސާ އިއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގުމުގައި އިސްވެތިބީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދާއި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދުކަމަށެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ ތަޙްޤީޤު ރިޕޯޓުގައިވާ ގޮތުން އޭނާ މަރާލުމުގައި ވެސް ހަރަކާތްތެރިވި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގުމުގައި އިސްވެތިބީ މި ދެމީހުންނެވެ.

ހެއްކާއި ގަރީނާތަކުގެ މައްޗަށް ކޮމިޝަނުން ހާމަކޮށްފައިވާ ކަންކަމަށް ބަލާއިރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގައި ހ.ހިލްޓަން އަޒްލިފް ރައޫފްއާއި ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު ވެސް ހިމެނޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ބެލެވުނު ނަމަވެސް އެމީހުން ޑރ. އަފްރާޝީމްގެ މަރަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ވާކަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ފާހަގަކުރައްވައިފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޖިހާދީ ފިކުރުގެ ޖަމާޢަތަށް ރާވާ ހިންގާ ގޮތް ރިޕޯޓުގައި ވަރަށް ސާފަކޮށް ބަޔާންކޮށްދީފައިވާ ކަމަށާއި އެކަމުގެ މަޢުލޫމާތުތައް ރައްޔިތުންގެ މަޖިލީހަށް މަޖިލީހުގެ ރައީސް ވަނީ ޙިއްސާ ކުރައްވައިފައެވެ. މި ޖަމާޢަތާ ބެހޭގޮތުން ކޮމިޝަނަށް މަޢުލޫމާތު ދެއްވައިފައިވަނީ ސިއްރު ހެއްކެއްކަމަށްވެސް މަޖިލީހުގެ ރައީސް ހާމަކުރެއްވިއެވެ.

ޖިހާދީ ފިކުރުގެ ޖަމާއަތުން ޑރ. އަފްރާޝީމާ މެދު ހިތްހަމަނުޖެހެނީ ކީއްވެގެންކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އެކަންކަމުގެ ތެރޭގައި މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެނާގެ އަރުރާ ބެހޭގޮތުން ޑރ. އަފްރާޝީމް ދެކެވަޑައިގެންނަވާ ގޮތް ހިމެނޭކަމަށް ރިޕޯޓުގައި ފާހަކަ ކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނުން ޑރ. އަފްރާޝީމްގެ މައްސަލަ ތަޙްޤީޤް ކުރުމުގައި ހަތަރު ކަމަކަށް ބައްލަވައިފައިވާކަމަށް ޚުލާސާ އިއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެކަންކަމުގެ ތެރޭގައި އޭރުއޮތް ސަރުކާރާ އިދިކޮޅު ބަޔަކު އަޑީގައި ތިބެގެން ވަކި މަޤްޞަދަކަށް ކުރެވުނު ކަމެއްތޯ އާއި އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ހިންގުނު ޢަމަލެއްތޯ ބެލުމާއި 2013 ގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުވިޔަ ނުދިނުމުގެ މަޤްޞަދުގައި ކުރެވުނު ކަމެއްތޯއާއި އަދި ދީނީ ގޮތުން ޚިޔާލުތަފާތު ވުމުގެ ސަބަބުން ހިންގައިފައިވާ ޢަމަލެއްތޯ ބެލުން ހިމެނެއެވެ.

ރިޕޯޓަކީ ވަރަށް ފުރިހަމައަށް އެކުލަލައްވައިފައިވާ ރިޕޯރޓެއްކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.