ޑރ. އަފްރާޝީމް އަވަރާކޮށްލި ގޮތާ ބެހޭ ތަޙްޤީޤްގެ ތަފްޞީލް ރާއްޖެ އައިސް ހާމަކުރާނަން: ސުޢޫދު

ޑރ. އަފްރާޝީމް އަވަރާކޮށްލި ގޮތާ ބެހޭ ތަޙްޤީޤްގެ ތަފްޞީލް ރާއްޖެ ވަޑައިގެންނެވުމަށްފަހު ހާމަކުރައްވާނެ ކަމަށް، މަރާލައިފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގްކުރާ ކޮމިޝަންގެ ރައީސް ޙުސްނުއް ސުޢޫދު ވިދާޅުވެއްޖެއެވެ.

ޑރ. އަފްރާޝީމް އަވަރާކޮށްލި ގޮތާ ބެހޭ ތަޙްޤީޤްގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް ފޮނުއްވިއިރުވެސް ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމަށް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ސުޢޫދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެނބުރި ރާއްޖެއަށް ވަޑައިގެން ތަޙްޤީޤުން ހޯދިފައިވާ ކަންކަމުގެ ތަފްޞީލް ހާމަކުރައްވާނެކަމަށް ވަނީ ވިދާޅުވެއެވެ. އޭގެފަހުން އެކޮމިޝަންގެ މަސައްކަތާމެދު ރައްޔިތުންނަށް ގޮތެއް ނިންމެވޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.  

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާބެހޭ ރިޕޯޓުގެ ޚުލާސާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްވާނެކަމަށް މަޖިލީހުގެ އިދާރާއިން  ވަނީ ހާމަކުރައްވައިފައެވެ.

 މަރާލައިފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގްކުރާ ކޮމިޝަނުން އެކުލާލެއްވި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ މުއައްސަސާތަކާ ޙިއްސާ ކުރައްވައިފައެވެ. ރިޕޯޓު ޙިއްސާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި އެޓާނީޖެނެރަލް (އޭޖީ)އާއި ކައުންޓަރ ޓެރަރިޒަމް ޔުނިޓްއާއި ފުލުހުންގެ އިދާރާއާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ އެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤްކޮށް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި އަފްރާޝީމްގެ މަރާ، ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މަރުގެ ފަހަތުގައި ވަނީ ޑރ. އަފްރާޝީމްގެ ވިސްނުންފުޅާ ވަރަށް ދެކޮޅު، ދީނީ ހަރުކަށި މީހުން ކަމަށް ރިޕޯޓުގައި ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.