އައްޑޫ ސިޓީގައި ޢިމާރާތްކުރަމުންދާ ޕޮލިސް ޓްރެއިނިން ސްކޫލަކީ އިންޑިއާގެ މިލިޓްރީ ބޭހެއް ހެދުމަށް އަޅާ އިމާރާތެއްތޯ އޮޅުން ފިލުވަން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބުދުﷲ އާ ސުވާލު ކުރަން އެޖެންޑާ ކޮށްފިއެވެ.
އެކަމާބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރުމަށް އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށެވެ.
އެ ޖަލްސާގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު، މިނިސްޓަރު އިމްރާނާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ އެންމެ އަގުބޮޑު ބިމުގެ 1 ކިލޯމީޓަރަށްވުރެ ދިގު ބިމުގައި ހަދަމުންދާ ބޮޑު އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭހެއް ހިންގުމަށްޓަކައި އިމާރާތް ކުރާ ތަނެއްތޯ އާއި، އެ ބިމަކީ ކޮން ފަރާތަކަށް ދޫކޮށްފައިވާ ބިމެއްތޯ ބެލުމަށެވެ. އެތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ކޮން ފަރާތަކުންތޯ އާއި އިމާރާތާބެހޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލް ހޯދުމަށްވެސް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫގައި ހަދާ އެ އިމާރާތަކީ އިންޑިއާ ސިފައިން ރާއްޖޭގައި މަރުކަޒު ކުރުމަށް ހަމަޖެހިފައިވާ ތަނެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
އެ ޢިމާރާތާ ބެހޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ އެއީ އެއްވެސް ބައެއްގެ ނުފޫޒެއްނެތި ހިނގާނެ ދިވެހިންގެ ތަނެއްކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ އެހީ ފުލުހުންގެ ބައެއް މަސައްކަތްތަކަށް ލިބެމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެތަނަކީ އިންޑިއާ ސަރުކާރުން އަޅައިދޭ ތަނެކެވެ. އެގޮތުން އެތަން އިމާރާތް ކުރުމަށް އިންޑީއާ ސަރުކާރުން 18 މިލިއަން ޑޮލަރު ދިން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެތަން ޢިމާރާތް ކުރަމުންދަނީ ވެސް އިންޑީއާގެ ކުންފުންޏަކުންނެވެ.