ހޯމްމިނިސްޓަރު އިންޒާރުދެއްވި މައްސަލަ މަޖިލީހަށް - މެމްބަރުންގެ ބޮޑެތި ތުހުމަތުތަކެއް ލުޠުފީއަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ޙަޞަން ލުޠުފީއަށް ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ އިންޒާރުދެއްވައި ފްރޭމްކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށްޓަވައިފިއެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދެވެ. މައްސަލަ ކުރިއަށް ގެންދެވުމަށް މަޖިލީހުން ފާސްކުރެއްވުމުން ކުއްލި މައްސަލައިގެ ބަހުސް މަޖލީހުގައި ފެށްޓެވި އެވެ. އެމްޑިޕީގެ ސުޕަރ މެޖޯރިޓީ އޮވެމެ، ކުއްލި މައްސަލަ ކުރިއަށް ގެންދެވުމަށް ފާސް ކުރެއްވުމުން މެމްބަރ ސަޢީދު ވަނީ، ވޯޓްދެއްވި މެމްބަރުންނަށް ޝުކުރު ދަންނަވައިފައެވެ. ސައީދުގެ ޝުކުރާ ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ، "ގްރީކް މީހުން ދޭ ހަދިޔާއެއްގައި ހިފާއިރު ވިސްނައްޗޭ" ޔޫރަޕުގެ ހަރު ބަހެއްގައި ބުނެ އުޅޭ ކަމަށެވެ.

ސަޢީދުގެ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ގަތުމަށް އެމްޑޕީގެ މެމްބަރުން ވޯޓްދެއްވުމަށްފަހު އެ ހަރުބަހުގައި ބުނާ ގޮތަށް މުޅިންވެސް ވާހަކަ ދައްކަވަމުން ގެންދެވީ މާވަށު ދާއިރާގެ މެމްބަރ ސަޢީދު ވެސް އެކެބިނެޓްގައި އިންނެވި ސަރުކާރުން މީހުންނަށް ބިރު ދެއްކުމަށް ކުރެއްވި ކަމަށް ތުޙުމަތު ކުރާ ކަންތަކުގެ ވާހަކައާއި އެސަރުކާރުން ހިންގައިފައިވާ ކަމަށް ތުހުމަތު ކުރާ ކޮޕްޝަންތަކުގެ ވާހަކަ އެވެ. އަދި އެސަރުކާރުން ހިންގަމުންދިޔަ ކޮރްޕްޝަނާއި ފަސާދަތައް ފޮރުވުމަށް ލުޠުފީ މަސައްކަތް ކޮށްފައިވާ ވާހަކަތަކެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މާވަށު ދާއިރާ މެމްބަރ މުޙައްމަދު ސަޢީދު ވިދާޅުވީ ލުތުފީއަށް އިމްރާން ބިރުދައްކައި އިންޒާރުދީ ފްރޭމް ކޮށްފައިވާ ކަމަށް ލުތުފީ މީޑިއާތަކުގައި ބުނެފައިވާ ކަމަށެވެ. އަދި މިހާތަނަށްވެސް އެކަން އިމްރާން "މުތުލަޤަށް" ދޮގު ކުރައްވާފައި ނުވާ ކަމަށެވެ.

އިންޒާރުދީ ފްރޭމްކޮށް ބިރު ދެއްކުމަކީ ޓެރެރިޒަމް މަނާ ކުރުމުގެ ޤާނޫނުން ކުށްވެރިވާ ކަމަކަށް ވާނެތީއާއި ލުތުފީ މަޤާމުން އިސްތިއުފާ ދިނުމަށް ޢިމްރާން މަޖްބޫރު ކުރުވުންކަމަށް ބެލެވޭކަމުގައެވެ. މިކަމަކީ ސިޔާސީ ވާދަވެރިން ޤާނޫނީ އިމުގެ ބޭރުން ނައްތާލުމަށް ހިންގާ ބޮޑު ޖަރީމާއެއްކަމަށް ފެންނަކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރ ޢިމްރާންގެ މި ޢަމަލަކީ ޝަރީޢަތްތަކަށް ސީދާ ނުފޫޒު ފޯރުވުމަށް ހިންގައިފައިވާ ޢަމަލެއް ކަމަށް ވިދާޅުވިއެވެ.

އިންސާފްވެރިކަން ހޯދައި ދިނުމަށް ވަކާލާތުކޮށް އައި ސަރުކާރެއްގެ ހޯމް މިނިސްޓަރުގެ މި ޢަމަލަކީ ނާއިންސާފުން ބާރުގެ ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމުމަށް ހިންގައިފައިވާ ވަރަށް ދަށު ދަރަޖައިގެ ފިނޑި ޢަމަލެއްކަމަށް ދެކެވަޑައިގަންންވާކަމަށް ސަޢީދު ވިދާޅުވިއެވެ. ޢިމްރާނަކީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުތައް ވައްޓާލުމުގައި ބައިވެރިވިކަމުގެ ތުޙުމަތުތައް ކުރިވިފައިވާ ބާފުޅަކަށްވުމުން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އިތުބާރު ގެއްލޭނެތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހެޅުއްވީކަމަށް، އެމައްސަލަ ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވި އެވެ.

މިމައްސަލައިގެ ބަހުސުގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ އޭސީސީގެ ކުރީގެ ރައީސް ލުޠުފީއަށް ތުޙުމަތުތަކެއް ކުރައްވައި، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ކުރީ ސަރުކާރުގައި ހިނގާ ދިޔަ ޚިޔާނާތުގެ މައްސަލަތައް ފޮރުވުމަށް ލުތުފީ މަސައްކަތް ކުރައްވައިފައިވާކަމަށް މެމްބަރުން ތުހުމަތު ކުރެއްވިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ  ރައީސަކަށް ހުންނަވައިގެން ކޮރަޕްޝަންގެ ޢަމަލުތައް ލުޠުފީ ހިންގަވައިފައިވާ ކަމަށް ވެސް ބައެއް މެމްބަރުން ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން އޭނާ ހައްޔަރުކޮށްގެން އިންސާފްގެ ކުރިމައްޗަށް ގެނައުމަށްވެސް މެމްބަރުން ގޮވާލެއްވިއެވެ.

ލުތުފީއާއި ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ބަލަމުން ދާކަމަށް ވެސް މެމްބަރަކު ވިދާޅުވިއެވެ.

ކުއްލި މައްސަލައަށް ވާހަކަ ދެއްކެވުމަށް ބޭނުންފުޅުވާ ހުރިހާ މެމްބަރުންނަށް ބަހުސްގެ ފުރުޞަތު ދިނުމަށް ހުށަހެޅި ތާއީދު ލިބުމުން ވޯޓަށް އެއްސެވުމުން މަޖިލީހުން ވަނީ ފާސް ކުރައްވައިފައެވެ. އެހެންކަމުން މި ކުއްލި މައްސަލައަށް ވަކި ވަގުތެއް ކަނޑަ ނޭޅި ބަހުސްގައި ބައިވެރި ވަޑައިގެންނެވުމަށް ބޭނުންފުޅުވާ ހުރިހާ މެމްބަރުންނަށް ފުރުޞަތު ލިބޭނެއެވެ. ދޮޅު ގަޑީއިރަށް މިރޭ ބޭއްވި ޖަލްސާގައި ކުރިއަށް ގެންދެވީ ހަމަ އެކަނި މި ކުއްލި މައްސަލައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.