ފަލަކް - 7

(24 ނޮވެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކިހިނެއްތަވީ ދަރިފުޅަށް.؟"

"ކަމެއް ނުވޭ މަންމާ. ހުރިހާ ކަމެއްވެސް ރަނގަޅު. އަހަރެން ބޭނުންވަނީ ރޯން. މަންމަ ދުވަހަކުވެސް ކަކުންޏެއް ދުށިންތަ؟ އަހަންނަށް ހީވަނީ އަހަންނަކީ ކަކުންޏެއްހެން. އެކުވެރިއެއް ނެތް، ގޮތް ހުސްވެފައިވާ މީހެއްހެން." ފަލަކު ދެއަތުން މޫނު ފޮރިވިއެވެ. "26 އަހަރުވަންދެން ﷲ ހަނދުމަކުރުމެއް ނެތި މުޅި އުމުރު އުޅުނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގޭ. އަހަރެންގެ އަމިއްލަ އެދުމާއި، ބޮޑާ ކަމާއި ކިބުރުވެރިކަމާއެކު 26 އަހަރުވަންދެން ﷲ ކިހިނެއްތޯ އަހަރެން މިނިވަންކަމާއެކު ދޫކޮށްލެއްވީ. ކިހިނެއްތޯ އެހުރިހާ ކަމަކާ އަޅާނުލައްވައި ދޫކޮށްލެއްވީ. އެކަލާނގެ ލޯބިވެވޮޑިގަންނަވާ މީހުން އިމްތިހާނު ކުރައްވާ. އެކަމަކު އަހަރެންގެ މުޅި އުމުރު މި ހޭދަކުރީ އެއްވެސް އިމްތިހާނެއް ކުރިމަތިނުވެ. ބޭނުން ހުރިހާ އެއްޗެއް އަހަންނަށް ދެއްވި. އަހަންނަށް ނުލިބެނީ ކޮން އެއްޗެއް؟ އެއްވެސް އިމްތިހާނެއް ކުރިމަތިނުކުރައްވައި ހުރިހާ އެދުމެއް ފުއްދަވައިދެއްވި. އެކަމަކު އެހުރިހާ ދުވަހު އަހަރެން ވީ ﷲ ގެ ލޯބިން މަހްރޫމުވެފައި. އަހަރެން ތެދުމަގުން އެއްކިބާ ކުރީ މަންމަމެން." އޭނާ ދެއަތުން މޫނު ފޮރުވައިގެން އިނދެ ކަކުލުން މޫނު ފޮރުވިއެވެ. އެހެން އިނދެ އަނެއްކާވެސް ގިސްލަން ފެށިއެވެ.

"މަންމަ ތިވަނީ އަހަންނަށް ބޭވަފާތެރިވެފައި، ވަރަށް ބޮޑަށް ބޭވަފާތެރިވެފައި."

މައިމޫނާ އޭނާގެ ދަރިފުޅުގެ ވާހަކަ އަޑުއަހަން އިނެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

ތާބިންދާ އާއި ސަލްމާންގެ ކާވެނީގެ ވާހަކަ ވީ ދެ އާއިލާއަށް ވެސް އެޓަމް ބޮމަކަށެވެ. ފަލަކަށް ދިމާވެގެން އުޅޭ ނަފްސާނީ މައްސަލައިގެ އަސްލު ރަނގަޅަށް ސާފުވީ އެ ކާވެނި ކުރެވުމުންނެވެ. ފުރަތަމަ ކޮޅު ސަލްމާން ފަލަކުގެ ހާލު ބަލައިލަން އާދެއެވެ. ފަހުން އޭނާގެ ޚަބަރެއް ނުވެއެވެ. އޭނާގެ ދެވަނަ ކާވެނީގެ ޚަބަރު ފަލަކްގެ އާއިލާއަށް ލިބުނީ އޭރުއެވެ.

އެކަން އެނގުމާއެކު އާއިލާއިން ސަލްމާނާ ބައްދަލުކުރިއެވެ. "އަހަރެން ކާވެނިކުރީ ފަލަކްގެ ހުއްދަ ލިބިގެން. އޭނާ ކައިރިން އަހާ." ސަލްމާން ބުންޏެވެ. މައިމޫނާ އާއި ޝޭރް އަފްޣާން ނާއުއްމީދުވެގެން އެނބުރި ގެއަށް އައެވެ.

"ކީއްވެ އެހެން ކާވެންެޏެއް ކުރަން ސަލްމާނަށް ހުއްދަދިނީ؟ އަހަރެމެން ގާތު ބުނެލިނަމަ. އޭރުން އެ އަންހެން މީހާއާ އޭނަގެ ކާވެނި ކުރެވުނަކަ ނުދޭނަން. ކީއްވެ އޭނާއަށް ހުއްދަ ދިނީ؟" ޝޭރް އަފްޣާން ހުރީ ދަރިފުޅާ މެދު ހިތްހަމަ ނުޖެހިފައެވެ. ކަމެއްވެގެން އުޅޭހެން ފަލަކްގެ މޫނުމަތިން ހިއެއް ނުވެއެވެ. އޭނާ އިނީ ވަރަށް ހަމަޖެހިގެންނެވެ.

"އަހަންނަށް އެކަމުން ކޮން ގެއްލުމެއް ލިބެނީ، ބައްޕާ. އޭނާ ބޭނުން މީހަކާ އޭނައަށް އިނދެވޭނެ. އަހަންނަށް ﷲ އިން ފުދޭ." ފަލަކްގެ ޖަވާބު އަޑު އިވުމުން އޭނާގެ ބައްޕަ އިތުރަށް ރުޅި ގަދަވިއެވެ.

"ދަރިފުޅު މޮޔަވީތަ؟ ފަލަކް ތިއުޅެނީ މިދުނިޔެއަކު ނޫންތަ؟"

"އަހަރެން ވެރަދު ހީވާ އެއްވެސް ކަމެއް ނެތް ބައްޕާ. އޭނަގެ ދިރިއުޅުމަށް އެހެން މީހަކު އަޔަސް ނަޔަސް އަހަންނަކަށް އޭގެ ފަރަގެއް ނެތް. އެހެންވީމާ ކޮބާތަ މައްސަލައަކީ؟"

އޭނާ ގޮތް ހުސްވެފައިވާ ޒާތަކަށް ފަލަކާ ދިމާއަށް ބަލައިލިއެވެ. އޭނާ އިނީ ކޮޓަރީގައެވެ. ލައިގެން އިން ހެދުން ހީވަނީ ރޫބޮނޑިއެއް ހެންނެވެ.

ސަލްމާނުގެ ދެވަނަ ކާވެނީގެ ޚަބަރު ލިބުމުން ރަޝްނާ ފަލަކާ ބައްދަލުކުރަން އައެވެ. ފަލަކް ފެނުމުން އޭނާ  ހައިރާންވިއެވެ.

"ކިިހިނެއްވެފަ ތީނީ. ތިހެން އިންނާކަށް ނުވާނެ، މަރުވެދާނެ." އޭނާ ފަލަކުގެ އިސްތަށިގަނޑު ރީތިކޮށްދިނެވެ.

"މަރެއް ނުވާނެ." ހިނތުންވެލާފައި އޭނާ ބުންޏެވެ.

"ސަލްމާން ފަލަކަށް ތިހެން ހަދާފާނެ ކަމަކަށް އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ. އޭނާ ފަލަކުގެ ދެކެ ނުލާހިކު ލޯބިވި. ކިހިނެއްވީ؟" ދޫލަމަތީގައި އިށީންނަމުން ރަޝްނާ އެހިއެވެ.

"އޭނަގެ ކުށެއް ނެތް. އޭނައަށް ފެންނަނީ ﷲ އޭނައަށް ދެއްކެވި އެއްޗެއް. އޭނާ އެކުރާ ހުރިހާ ކަމަކީ މާކުރިން ލިޔެވިފައި ހުރި ކަންކަން. އަހަރެންގެ ރީތި ކަމާމެދު ކުރިން ކިހާ ފަޚުރުވެރިވިން. އެކަމަކު އަހަންނަކީ ކާކުކަން މިހާރު އަހަންނަށް އެނގޭ. އަހަރެންގެ ހާލަތު އަހަންނަށް ދައްކަވައިފި. އަހަންނަށް ހޭލެވިއްޖެ މިހާރު."

ފަލަކްގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.

"އަހަންނަށް ވީ ގޮތް އެނގޭތަ؟ އަހަރެން ހީކުރީ އަހަރެންގެ އަތުން ސަލްމާން ޖަހައިގަތް އަންހެން މީހާ އަހަރެންހައި ރީތިވާނެ ކަމަށް. އަަހަރެން ފެކްޓަރީ އަށް ދިޔައީ އެގޮތަށް ވިސްނައިގެން. އަހަރެން ދިޔައީ ފައިސާ ދީފައި އޭނާގެ އަތުން ސަލްމާން ގަންނަން ކަމަށް. އެއްބަސް ނުވެއްޖެއްޔާ މޫނަށް އެސިޑު ޖަހަން ރާވައިގެން."

"އަހަރެން އެތަނަށް ގޮސް އޭނަ ގެނުވިން. އެއީ ވަރަށް ކަޅު އެހައިމެ ފަލަ އަންހެނެއް. ދަތްތައް ހުރީ އެގޮތް މިގޮތަށް. ދަތްތައް ފެންނައިރު އަދި މާ ހުތުރު. މޫނުގައި އެވަރަށް މޭކަޕް އުނގުޅާފައި ހުރި އިރުވެސް ބަލާލަން ނުކެރޭ. އެކަމަކު ސަލްމާނަށް ފެންނަނީ އެހެން އެއްޗެއް. އޭނާ ފެނުމުން އަހަރެން ގާވި. އަހަންނަށް ވިސްނުނީ ކޮންމެ އެއްޗެއްވެސް އެކި މީހުންނަށް ފެންނަގޮތް ތަފާތުވާނެ ކަމަށް. އަހަންނަށް ހީވީ ދުނިޔޭގައި ހުރި ހުރިހާ ކިލައަކާއި ކިސަޑަކުން މީހަކު އަހަރެން ފޮރުވިހެން. ސަލްމާންގެ ލޯމަތިން އަހަރެން ގެއްލުނީ އެހެންވީމާ. އަހަންނަށް ވިސްނުނީ ﷲއަށް މީހުންގެ ހިތްތައް ބަދަލުކުރެއްވޭނެ ކަަން. އެއީ ވަރަށް ހުތުރު މީހެއް. ހުތުރު އަންހެނެއް. ގާބުރިއެއް ދެކެވެސް މީހެއްގެ ހިތުގައި ލޯބި ޖެއްސޭނެ ހަމައެކަނި ފަރާތަކީ ﷲކަން އަހަންނަށް ވިސްނުނު. އަހަންނަށް ދެއްކެވީ ހެއްދެވި ފަރާތާއި ނުލާ އަހަންނަށް އުޅެވެންޏާ ސަލްމާނާ ނުލާވެސް އަހަންނަށް އުޅެވޭނެކަން. މަންމައާއި ބައްޕަ ހީކުރަނީ އަހަރެން މޮޔަވީ ކަމަށް. އަހަރެން މޮޔައެއް ނުވޭ. އެމީހުން އަހަރެން ގޮވައިގެން ސައިކޭޓްރިސްޓުންނަށް ދައްކަން ދޭ. 26 އަހަރު ވަންދެން އަހަރެން ދުވަހަކުވެސް ﷲގެ ވާހަކަ އެއް ނުދައްކަން. އެއީ މައްސަލައެއް ކަމަކަށް އެކަކުވެސް ނުދެކޭ. މިއަދު އަހަރެން އެ ވާހަކަ ދައްކަން ފެށީމާ  އެންމެން އުޅެނީ އެކަން ބޮޑުވެގެން. ހީވަނީ އަހަންނަކީ މޮޔައެކޭ. ރަޝްނާ ބުނެބަލަ، އަހަރެން މޮޔަތަ؟"

ރަޝްނާ އިސްދަށަށް ޖެހިއެވެ. ފަލަކް ހިނިތުންވެލިއެވެ. އަދި ރަޝްނާގެ އަތުން އަތް ދޫކޮށްލިއެވެ.

އޭގެ އަނެއް ދުވަހު ފަލަކް އެއްކަލަ ކޯރުގެ އައްސޭރިއަށް ދިޔައެވެ. އޭނާ އާ އުމުރުން ދުވަސްވީ މީހާއާ ދިމާވި ތަނަށެވެ. އެތާކު މިހާރަކު އެކަކުވެސް ނެތެވެ. އެމީހާވެސް ނެތެވެ. ފަލަކްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ފަލަކު އުއްމީދުކުރީ އެ މީހާ އޭނާގެ އިންތިޒާރުގައި އެތާ އިންނާނެ ކަމަށެވެ. އެއްކަލަ ކިސަޑު ފެންގަނޑު އަދިވެސް އެތާ އޮތެވެ. ފަލަކުގެ އެ ފެންގަނޑު ކައިރީ އިށީނެވެ.

"ކީއްވެ ތިތާ ތިއިށީނީ؟ ތެދުވޭ." މައިމޫނާ ބުންޏެވެ. ފަލަކް ކިސަޑު ފެންގަނޑުގެ ތެރެއިން ކިސަޑު ނަގައި މުޅި ގައިގައި އުނގުޅިއެވެ. މުސްކުޅި މީހާ އެދުވަހު ކަންތައް ކުރި ގޮތަށެވެ.

"ބަލާބަލަ، އަހަރެން ބިރެއް ނުގަނޭ ކިލާ ދެކެ. ކަލާނގެ ބައްލަވައިވޮޑިގެންވާނީ މި ކިސަޑަކަށް ނޫން. އަހަންނަށް."

ފަލަކުގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. މައިމޫނާ ދުވެފައި އައިސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. "ދަރިފުޅު ކީއްތިކުރަނީ؟" އޭނާ އަތްދަބަހުން ޓިޝޫއެއް ނަގައިގެން ފަލަކްގެ މޫނު ފޮހެން އުޅުނެވެ. ފަލަކް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. "ބަހައްޓާ. އަހަރެންގެ މޫނު އިރުކޮޅަކަށް ކިސަޑުން ޒީނަތްތެރިކޮށްފައި ބެހެއްޓިޔަދީ." އޭނާ ދެ ކަކޫތެރޭގައި މޫނު ފޮރުވިއެވެ.

"އަހަރެން ލޯބި ބޭނުންވާ ފަރާތުގެ ލޯބި އަހަންނަށް ލިބިއްޖެ. އެހެން މީހެއްގެ ލޯތްބެއް ބޭނުމެއް ނޫން." އެއްކަލަ މުސްކުޅި މީހާ ދެއްކި ހުރިހާ ވާހަކައެއް އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ.

"ލޯތްބަކުން އިންސާނާ ކުރާނެ ކަމެއް ބުނެބަލަ. އަދި އެހެން ދުނިޔެއެއް އެބައޮތް. އެ ދުނިޔެއާ މެދު ވިސްނާލަބަލަ. ކަލާނގެ ރުއްސެވެން ނޭދެނީ ކީއްވެގެން؟"

އެދުވަހު އޭނާ އެމީހާ ދެކެ ރުޅިއައެވެ. މިއަދު އަމިއްލަ ނަފްސާ މެދު ލަދުވެތިވެއެވެ. "މިހާރު އަހަރެން އެދެނީ ﷲ ގެ ރުއްސެވުމަށް އެކަނި. އެކަލާނގެ ރުއްސެވުން އަހަންނަށް ނުލިބެނީ ކީއްވެ؟" ކިސަޑު އުނގުޅާފައިވާ އަތަށް ބަލަން އިނދެ އޭނާ ބުންޏެވެ.  

ފަލަކް ނަފްސާނީ ގޮތުން ބަލިކަށިވަމުން ދިޔައެވެ. އޭނާގެ ހާލަތު އެއްވެސް ވަރަކަށް ރަނގަޅެއް ނުވެއެވެ. އެއްވެސް ސައިކޭޓްރިސްޓަކަށް އޭނާ ރަނގަޅެއް ނުކުރެވުނެވެ. އެ ޖެހުނު ތާކުން ނުތެދުވެ މުޅި ދުވަސް ހޭދަކުރެއެވެ. ބަންގީގެ އަޑާއެކު ތެދުވެ ނަމާދުކުރަން ފަށައެވެ. ނަމާދުކުރުން އާދައަކަށް ވެއްޖެއެވެ.

މައިމޫނާ އޭނާއާ ވާހަކަ ދައްކަން ފަށާއިރަށް އެއް ލަފުޒުތަކެއް ކިޔަން ފަށައެވެ. "ﷲ، ރައްބު، މާލިކް، މަޢްބޫދް..." އެ އުޅުން ބަދަލުނުކުރެވެނީސް ދަރިފުޅު ރަނގަޅު ނުވާނެކަން މައިމޫނާއަށް އެނގެއެވެ. ފަލަކް އަޅާ ހެދުން އޮންނަނީ ރޫބޮނޑިއެއް ހެންނެވެ. މިހާރު އެއްވެސް ވަރަކަށް މޭކަޕެއް ނުކުރެއެވެ. ގަހަނާއެއް ނާޅައެވެ. އެކަމާ މައިމޫނާ އިންތިހާއަށް ދެރަވެއެވެ. އޭނާގެ ދަރިފުޅު ކުރިން ހުންނަހެން ނަލަވެލައިގެން ހުންނަތަން ދެކެން ބޭނުން ވެއެވެ. ސެލޫނަށް ގެންދަން އުޅުނަސް ފަލަކް ހަޅޭއް ލަވައިގަނެއެވެ. ޕާޓީއަކަށް ގެންދަން އުޅެފިނަމަ ކޮޓަރިއަށް ވަދެ ތަޅުލައެވެ.

"ތިހެން ކޮޓަރިތެރޭ ބަންދުވެގެން އޮންނަންޏާ މަރުވެދާނެ. ބޭރަށް ދާން ވާނެ. ތިއުޅެނީ އަމިއްލަ ނަފުސު ބަރުބާދުކުރަން." މައިމޫނާ އެއްދުވަހަކު ބުންޏެވެ.

"ބޭރަށް ގޮސްގެން ކޮންކަމެއްތަ ވަނީ މަންމާ. އަހަންނަށް ލިބެނީ ކޯޗެއް؟" ފަލަކް ދެއަތުން މޫނު ފޮރުވިއެވެ.

"ތިހެން ބަންދުވެގެން ގޭގަ އޮވެގެން ލިބެނީ ކޯޗެއް؟" މައިމޫނާ އެހިއެވެ.

"އާނ. ގޭގަ އޮވެެގެން އެއްވެސް ކަމެއް ހާސިލެއްނުވޭ. އެކަމަކު ބޭރަށް ދިޔައިމަ އަހަރެން ހާސްވޭ. އަހަރެން ބޭނުންވަނީ ފިލާ އޮންނަން. އޭރުން އެއްވެސް މީހަކަށް އަހަރެން ނުފެންނާނެ." ބަލިކަށި އަޑަކުން އޭނާ ބުންޏެވެ. މައިމޫނާ ހާސްވިއެވެ.

"ސަލްމާންގެ މަތިން ހަނދާން ނައްތައިލާ. ދަރިފުޅު ބޭނުންވަނީ އޭނައަށްޓަކައި އަމިއްލަ ނަފުސު ބަރުބާދުކޮށްލަންތަ؟" މައިމޫނާ މަސައްކަތް ކުރީ ފަލަކް މަސަލަސް ކުރުވޭތޯއެވެ. ފަލަކް ހޭން ފެށިއެވެ.

"ސަލްމާން؟ އޭނަ މަތިން ހަނދާން ކުރަނީ ކާކު؟ އޭނައެކޭ އެހެން މީހުންނެކޭ އަހަންނަށް މިހާރު ތަފާތެއް ނެތް." ފަލަކަށް ރޮވެން ފެށިއެވެ.

"ދަރިފުޅާ، ކެތްތެރިވޭ. އެހުރިހާ ކަމެއް ހަނދާން ނައްތާލާ." ފަލަކް މަންމައާ ހަތަރުކަޅި ހަމަކުރިއެވެ.

"ކެތްތެރިވެގެން ހުރިހާ ކަމެއް ތަހައްމަލު ނުކުރެވޭނެކަން މަންމައަށް ނޭނގެނީތަ؟ ހަޔާތުގައި ކުރިމަތިވާ ކޮންމެ ގެއްލުމަކީ ކެތްތެރިވެގެން ހައްލުކުރެވޭނެ ކަމެއް ނޫން. އަހަރެންގެ މުޅި ދިިރިއުޅުން ބަރުބާދުވެއްޖެ. ހާސިލުކުރެވުނު ހުރިހާ އެއްޗެއް އަތުން ބީވެއްޖެ. ކަލާނގެ ރުއްސެވުން ވެސް އަހަންނަކަށް ނުލިބުނު. މި ދުނިޔޭގައި ބަދުނަސީބުވެރިއެއް ހުރިނަމަ އެ މީހަކީ އަހަރެން." ކުޑަކުއްޖެއްހެން އޭނާ އަނެއްކާވެސް ރޯން ފެށިއެވެ.

މައިމޫނާއަށް ގޮތް ހުސްވެއްޖެއެވެ. ރޯން ފަށާ ގޮތަށް އެތައް ގަޑިއިރެއް ވަންދެން އޭނާ ނުހުއްޓާނެކަން މައިމޫނާއަށް އެނގެއެވެ.

މެންދުރު ފަހު ޑޮކްޓަރަަށް ގޮސްފައި އެނބުރި އަންނަމުން މާރުކޭޓަށް މައިމޫނާ މަޑުކުރިއެވެ. މަގުގެ އެއްފަރާތުގައި ކާރު ޕާކުކުރުމަށް ފަހު އޭނާ ކާރުން ފޭބިއެވެ. ފަލަކް ކާރުން ފައިބަން ދެކޮޅު ހެދިއެވެ. "އަހަރެން އިންނާނީ ކާރުގައި. މަންމަ ގޮސްލާފަ އާދޭ."

މައިމޫނާ މާރުކޭޓަށް ވަނެވެ. ފަލަކް ސީޓަށް ލެނގިލައިގެން ޓްރެފިކަށް ބަލަން އިނެވެ. ކުއްލިއަކަށް އޭނާއަށް ދިހަވަރަކަށް އަހަރުގެ ކުޑަ ކުއްޖަކު ނޫސް ބޮނޑިއެއް ހިފައިގެން އަންނަތަން ފެނުނެވެ. އެކުއްޖާގެ ފޭރާން އޮތީ ވީދިފައެވެ. އަރައިގެން ހުރި ފައިވާން ހުރީ ހަލާކުވެފައެވެ. އޭނާ އައިސް ކާރުގެ ދޮރުގައި ޓަކިދިނެވެ.

ފަލަކް ނޫސް ކިޔަން ޝައުގުވެރިކަމެއް ނުހުރެއެވެ. އެހެން ނޫނަސް އޭނާ ދުވަހަކުވެސް މަގުމަތިން ނޫސް ގަނެއެއް ނޫޅެއެވެ. ނަމަވެސް ބޭއިޚްތިޔާރުގައި އޭނާއަށް ކާރުގެ ބިއްލޫރިގަނޑު ތިރިކުރިއެވެ. އެކުއްޖާ ނޫސް ގަތުމަށް އެދި އާދޭސްކުރިއެވެ. ޑޭޝްބޯޑު މަތީގައި ހުރި ފައިސާ ނަގާފައި އެކުއްޖާއަށް ދިނެވެ. "ލާރި ބަހައްޓާ، ނޫހެއް ބޭނުމެއް ނޫން." ފަލަކް މަޑުމަޑުން ބުންޏެވެ.

"މިއީ ހާދަ ފައިސާއެއް." އެކުއްޖާ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

6 ޚިޔާލު

  1. "ވެރަދު ހީވާ" މިތަންކޮޅު ކިޔާފަ ނަޢީމުގެ
    ލިޔުން ހަނދާންވީ.
    ވަރަށް ނަލަ ވާހަކައެއް .ދެރަކަމަކީ ދޭތެރެއަކުން
    ބިދޭސީ ލަފުޒުތައް ފެންނާތީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.