ފަލަކް - 9

(26 ނޮވެންބަރު 2019ގައި  ޝާއިއުކުރި ބަޔާގުޅޭ)

ފަލަކަށް އިހުސާސް ކުރެވެނީ މީހަކު އޭނާގެ ހިތުގައި ވަކިހިއްޕާލިހެންނެވެ. ބޭރަށް ނުކުންނަށް އުޅެފައިވެސް އޭނާ ގޭގެ މައިދޮރު ކުރިމަތީ އިށީނެވެ. ބަގީޗާ ފެންނަ ހިސާބުގައެވެ. ބަގީޗާ ފެނުމުން އޭނާގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. އޭނާގެ ހެދުމުގެ ފަސްބައިގައި ބާރަށް ހިފަހައްޓާލިއެވެ. އޭނާ ލައިގެން އިނީ އާދައިގެ ކުރުތާއަކަށް ވީނަމަވެސް އެއީ ވަރަށް އަގުބޮޑު ކުރުތާއެކެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ހޫނު މޫސުން ފެށުމުގެ ކުރިން ސަލްމާނާއެކު ބާޒާރަށް ގޮސް ގަތް އެއްޗެހީގެ އަގެވެ. ހުރިހާ އެއްޗަކަށް ހޭދަކުރި ފައިސާގެ އަގު ނޭނގުނަސް އެތައް ހާސް ރުފިޔާގެ އެއްޗެހި އެދުވަހު ގަނެވުނެވެ. ބޭކާރު ގޮތުގައި ފައިސާ ހޭދަކޮށްގެން ކަލާނގެ ރުހުން ލިބޭނެހެއްޔެވެ؟ ފަލަކު މަޑުމަޑުން ފަސްބައިން އަތް ދޫކުރިއެވެ. އެއަށްފަހު ފައިތިލައަށް ބަލާލާފައި ފައިވާން އަތުން ނެގިއެވެ. ހެނދުނު އޭނާ ދިޔަ ސަރަހައްދުގައި އުޅޭ ކުދިންނަކީ އަރާނެ ފައިވާނެއް ހައި ހިސާބުވެސް ނެތް ކުދިންނެވެ. މީގެ ކުރިން އޭނާ މަހަކު ހަފަހަރު ހަތް ފަހަރު ބާޒާރުކުރެއެވެ. ކޮންމެ ފަހަރަކު ތިން ހަތަރު ފައިވާން ގަނެއެވެ. ފަލަކުގެ އަތް ތުރުތުރު އަޅަން ފެށިއެވެ. އިރުކޮޅަކުން އޭނާގެ އަތުން ފައިވާން ބިންމައްޗަށް ވެއްޓުނެވެ. ފާރަށް ލެނގިލައިގެން އިނދެ އަނެއްކާވެސް ބާރަށް ރޯން ފެށިއެވެ. މައިމޫނާ ދުން ޖަހާފައި ސިޓިންރޫމަށް ނުކުތެވެ.

"ފަލަކް، ކޮން އިރަކު އައީ؟ ކިހިނެއްވީ؟ ދަރިފުޅު ކީއްވެ ތި ރޮނީ؟" ފަލަކް ގައިގައި ބައްދާލަމުން މައިމޫނާ އެހިއެވެ.

"މަންމައަށް އެނގޭތަ އަހަންނަށް ﷲގެ ރުހިވޮޑިގަތުން ނުލިބެނީ ކިއްވެގެންކަން؟ އެއީ އަހަރެމެންގެ އަމިއްލަ އެދުން ބޮޑުވީމާ. އަހަރެމެންނާ އެކަލާނގެއާ ދެމެދު ވަނި ފާރެއް ލެވިފައި. އެއީ އަގު ބޮޑު މުދަލުގެ ފާރެއް. އަބޫ ބިން އަދްހަމް ބޭނުންވީ ގޮތަށް އޭނާއަށް ކަލާނގެ ރުހޮވޮޑިގަތުން ލިބުނު. އަހަރެން ބޭނުންވީ ސަލްމާނާއި އަގު ބޮޑު ތަކެތި. ބޭނުންވި ހުރިހާ އެއްޗެއް އަހަންނަށް ލިބުނު. ކަލާނގެ ރުހިވޮޑިގަތުން ލިބޭ މީހަކު ދުނިޔަވީ ފައިދާ ބޭނުންވެގެންނެއް ނޫޅޭނެ. މުދަލާއި ފައިސާ ލިބޭ މީހުންނަށް ލިބެނީ އެ މީހުން ބޭނުންވާ ދިރިއުޅުން. އެމީހުންގެ އެދުންތައް ދުވަހަކު ކޮޅުން ނުލާނެ. އަބޫ ބިން އަދްހަމް ކިހާ ނަސީބުގަދަ. އަހަރެމެން..." އޭނާ މައިމޫނާގެ ކޮނޑުގައި ބޯ އަޅާލިއެވެ.

"އަބޫ ބިން އަދްހަމަކީ ކާކު؟ ދަރިފުޅު ތިކިޔާ އެއްޗެއް މަންމައަކަށް ނޭނގޭ." މައިމޫނާ އިނީ ވަރަށް ކަންބޮޑުވެފައެވެ.

"އަހަންނަކަށް ވެސް ނޭނގޭ. އެއްޗެހި ފަހުމުވާ މީހުންނަށް އެތައް ރަހްމަތެއް ލިބޭ. އަހަރެންގެ މުޅި ދިރިއުޅުން މި ހޭދަކުރަނީ ފަހުމު ކުރަން..."

"އަނެއްކާ ތިއުޅެނީ ބަލިވާން. ދަރިފުޅު މޮޔަވީތަ؟" މައިމޫނާ ފުން ނޭވައެއް ލިއެވެ.

"މޮޔައެއް ނުވޭ. މީ މޮޔަވަނީކީ ނޫން." ފަލަކު ކުއްލިއަކަށް ތެދުވިއެވެ. "މިފެންނަނީ މޮޔަކަން. މިހާ އަގު ބޮޑު ފައިވާނާ އަންނައުނަށް ކުރާ ހޭދައަކީ މޮޔަކަން."

"ދަރިފުޅު ރަނގަޅަށް ވެސް މޮޔަވެއްޖެ."

"ދުވާލުދާ ހަތަރުދަމު މަސައްކަތް ކޮށްގެންވެސް ބަނޑުފުރާނަ މުއްތިނުކުރެވޭ އެތައް ބަޔަކު ދުނިޔޭގައި އެބައުޅޭ. ބޯހިޔާވަހިކަމެއް ނުލިބޭ. ކުޑަކުދިންނަކީ އުފަލާއި މަޖަލުގައި ދިރިއުޅެންވީ ކުދީން. އެކަމަކު މާޖިދު ކަހަލަ އެތައް ކުދީންނެއްގެ ހައްގުވަނީ ނިގުޅައިގަނެވިފަ. އަހަރެމެން މިއުޅެނީ ކިހިނެއް؟ ކޮންމެހެން ބޭނުން ނުޖެހޭ އެއްޗެއްސަށްވެސް އަހަރެމެން ހޭދަކުރަމު."

"މިއީ ﷲގެ ރަހްމަތް. އެކަލާނގެ ރަހްމަތް ދެއްވަނީ އެކަލާނގެ ރުއްސަވާ ބަޔަކަށް. އަހަރެމެން ބޭނުންގޮތަކަށް ފައިސާއާއި މުދާ ހޭދަކުރެވޭނެ. ދަރިފުޅު ޝުކުރުކުރަންވާނެ އެއްވެސް ކަމަކުން މަހްރޫމު ވެފައި ނުވާތީ." މައިމޫނާ ވަރަށް ހިތަވްރުކޮށްފައި ފަލަކަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.

"އިންސާނުންނަށް މުދާވެރިކަން ދެއްވަނީ އިމްތިހާނެއްގެ ގޮތުގައި. އެއީ ހަމައެކަނި ރަހްމަތެއް ނޫން. އަހަރެމެންގެ އައިސް އަލަމާރި ހުންނަނީ ކާއެއްޗެހިން ފުރާލާފައި. އަންނައުނު އަލަމާރި ފުރެންދެން ހެދުން އަޅުވާފައި. ވަތްގަނޑު ފުރެންދެން ހުންނަނީ ގަހަނާ އާއި ފައިސާ. މިއީ ބޭކާރު ޚަރަދު. އަހަރެމެންނަކީ އަމިއްލަ އެދުމުން ފޯވެފައިވާ ބައެއް ކަމުގެ ސާފު ހެކި. އަހަރެމެންގެ ޚާދިމުންނަށް ލަނި އަހަރެމެން އެއްލާލާ އަންނައުނު. އަހަރެމެންގެ މުދާ ބަލަހައްޓައިދޭ ފާރަވެރިން މަސައްކަތް ނިންމާފައި ގެއަށް ދަނީ ދަބަރު ޖަހާފައި ހުންނަ ބައިސިކަލެއްގައި. އަހަރެމެންނަށް ކައްކާފައި ކާންދޭ މީހުންގެ ދަރިން ތިބެނީ ބަނޑަށް. އެމީހުންނަށް އެއްޗެއް ދިނަސް ދެނީ އަހަރެމެންނަށް ނުކެވިގެން ބާކިވާ ކާ އެއްޗެހި. އެމީހުންގެ ފަރާތުން ކިރިޔާ ނުރުހޭ ކަމެއް ފެނުނަސް މުސާރައިން އޭގެ އަގު އަދާކުރަން ޖެހޭ. އަހަރެމެންނަށް ނޯކިރީ ކޮށްދޭ މީހުންގެ ދަރީންގެ ހާލު މަންމަމެން ދުވަހަކުވެސް ބަލައިލިންތަ؟ އެމީހުން މަދްރަސާއަށް ދޭތޯ، އެމީހުން ތިބީ ކައިގެންތޯ؟ އެއްފަހަރުވެސް ބެލިންތަ؟ މިހާރު ހިތަށް އަރާ އަހަންނަށް މި ނިއުމަތް ނުލިބުނު ނަމައޭ. އޭރުން ކަލާނގެ ހަޒްރަތުގައި މިތަކެއްޗަށް އެދި ދެންނެވީމުސް. ސައްބީސް އަހަރުތެރޭގައި އެއްޗަކަށް އެދި ދަންނަވައިގެން އެ ދުޢާ އިޖާބަ ކުރެއްވިނަމަ މިއަދު އަހަރެން ހުރީހީ އުފަލުގައި. އަދި އެކަލާނގެ މަދަދަށް އެދި ދަންނަވާކަށް ފަހެއް ނުޖެހުނީސް. ދުއާ އިޖާބަ ކުރައްވައިފިނަމަ ޝުކުރުވެރިވާނަން، ނުކުރައްވައިފިނަމަ ހަމްދުކުރާނަން. އޭރުން ކަލާނގެ ރުހުން ލިބޭނެ. ޝުކުރުވެރިވުމާއި ކެތްތެރިކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ސިފަތައް. ޖަނަވާރުންގެ އުޅުން ލިބިފައިވާ އިންސާނުންނަށް ލިބޭނެ ދަރަަޖަ އެނގޭތަ. އަހަރެން ހިތަށް އަރާ މަންމައަށް ވިސްނޭނެނަމައޭ." ފަލަކު އޭނާގެ ކަކުލުގައި ބޯ އަޅައި މޫނު ފޮރުވިއެވެ.

މައިމޫނާ ގޮތް ހުސްވެފައި ބަލަން އިނެވެ. މި އުމުރުގައި ދަރިފުޅު ދުނިޔެއިން މޮޔަވާތަން ބަލާކަށް މައިލަގޮނޑިއަކަށް ކެތެއް ނުކުރެވޭނެއެވެ.

ފަލަކް ހޮސްޕިޓަލުން ދޫކޮށްލީ ތިން ހަފްތާ ފަހުންނެވެ. ހޮސްޕިޓަލުގައި ބޭއްވީ ނިންދަވާފައެވެ. ހޭލެވޭއިރަށް ހަޅޭއްލަވަން ފަށައެވެ. ކުޑަކޮށް ރަނގަޅުވެލީމާ ޑޮކްޓަރާ ވާހަކަ ދައްކައިގެން ޝޭރް އަފްޣާން އޭނާ ގެއަށް ގެނައެވެ. އޭނާ ވިސްނައިގެން ހުރީ ފަލަކް އެމެރިކާއަށް ފޮނުވާލުމަށެވެ. މާހައުލު ބަދަލުވުމުން ނަފްސާނީ ގޮތުން ދުޅަހެޔޮވާނެކަމަށް ވިސްނައިގެންނެވެ.

ޖެހިގެން އައިދުވަހު ހެނދުނު މައިމޫނާއަށް ފެނުނީ ކޮތަޅުތަކެއް ހިފައިގެން ފަލަކް ކޮޓަރިން ނުކުތްތަނެެވެ. "ދަރިފުޅު ކޮންތާކަށް ތިދަނީ؟"

"އެބައަންނަން ވަރަށް އަވަހަށް." އޭނާގެ މޫނުމަތިން ހާސްކަމުގެ އަސަރެއް ނުފެނެއެވެ.

"ކޮންތާކަށް ތިދަނީ؟ ކޯޗެއް ތީ؟" ކޮތަޅުތަކަށް އިޝާރާތް ކުރަމުން މައިމޫނާ އެހިއެވެ.

"މީ އަހަރެންގެ އެއްޗެހި. މިދަނީ ކޮންމެވެސް މީހަކަށް މި އެއްޗެހި ދޭން."

"ކާކަށް؟"

"މި އެއްޗެހީގެ ބޭނުންޖެހިފައިވާ މީހަކަށް. މި އެއްޗިއްސާ ނުލާ އުޅެވެނީ ކިހިނެއްތޯ ބަލަން ބޭނުން. ފުރިހަމަ މުއުމިނުންނަކީ އެމީހުންނަށް ލިބިފައިވާ މުދަލާއި ތަކެތި ﷲގެ މަގުގައި ހޭދަކުރަން ފަސްނުޖެހޭނެ މީހުން. އަދި އެކަމާ ވެރަދަ ހީނުވާނެ މީހުން. އަހަރެން މިއީ ފުރިހަމަ މުއުމިނެއްތޯ ބަލަން އަހަރެން ބޭނުން. މި އެއްޗެހި މީހަކަށް ދީފައި އަހަރެންގެ ހިތަށް ކުޅަދާނަ ވޭތޯ ބަަލަން ބޭނުން..."

ފަލަކް ހުއްޓުވަން މައިމޫނާ ކުރި މަސައްކަތްވީ ނާކާމިޔާބެވެ. "އޭނާ ކުރަން ބޭނުންވާ ކަމެއްކުރަން ދޫކޮށްލާ. އެކަން ކޮށްގެން އޭނާގެ ހާލު ރަނގަޅުވަންޏާ އެއީ މައްސަލައެއް ނޫން. އެހެން ނޫނަސް އެއީ މާ އަގުބޮޑު އެއްޗެއްސެއްވެސް ނޫނެެއްނު. އޭނާ ބޭނުން އެއްޗެއް ބަހަން ދޫކޮށްލާ." މައިމޫނާ ފިރިމީހާއަށް ފޯނުކުރުުމުން ލިބުނު ލަފައަކީ އެއީ އެވެ.

ތިން ހަތަރު ހަފްތާ ވަންދެން ފަލަކް ކޮންމެ ދުވަހަކު ކޮތަޅުތަކަށް އެއްޗެހި އަޅައިގެން ހިފައގެން ގޮސް ޚައިރާތު ކުރެއެވެ. އޭނާގެ އަތުގައި ހުރި ހުރިހާ އެއްޗެއްހެން ކޮންމެވެސް ޖަމިއްޔާއަކަށް ހަދިޔާ ކޮށްފިއެވެ. ކޮންމެ ދުވަހަކު ހެނދުނު ބޭރަށް ދާން ފެށިއެވެ. ކޮންމެވެސް ތަނަކަށް ގޮސް މުޅި ދުވަހު ކުދިންނަށް ކިޔަވާދީ އެކުދީންގެ ކަންކަން ބަލަހައްޓަން ފެށިއެވެ. ކުރިން ހިނގާފައި ދިޔައަސް ފަހުން ބަހުގައި ދަތުރު ކުރަން ފެށިއެވެ. ބަހުގައި ދަތުރުކުރާ މީހުން ފިތި ބާރުވެގެން އެކަކު އަނެކަކަށް ކޮއްޕައި ޖާގަ އަކަށް ފެެތިގަންނަނީ ކިހިނެއްކަން ފަލަކަށް މިގެ ކުރިއަކުން ނޭނގެއެވެ. އެކަމަކު މިއީ އާއްމުދިރިއުޅުމުގައި މީހުން އުޅޭ ގޮތެވެ. އެއީ އެމީހުންނަށް އިރާދަކުރެއްވި ގޮތެވެ.

މިހާރު އޭނާ ބާޒާރުކުރަނީ އާދައިގެ ފިހާރަތަކުންނެވެ. އެއީ ވެސް އާ ތަޖުރިބާއެކެވެ.

އެއްދުވަހަކު ޚައިރާތަށް މަސައްކަތްކުރާ ބަޔަކާއެކު އުޅެފައި ގެއަށް އަންނަމުން ފައިވާން އަތަށް ނަގައިގެން ހުސްފައިގައި ހިނގަން ފެށިއެވެ. ތަންކޮޅަކަށް ދެވުނުއިރު އޭނާގެ ފައިތިލަ ފިހިއްޖެއެވެ. ވަކި ހިސާބަކަށް ގޮސްފައި ކެތް ނުކުރެވިގެން ފައިވާނަށް އެރިއެވެ. އަގުބޮޑު ދިރިއުޅުމަކީ އާދަޔަކަށް ނުހަދާން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޞްޙާބުންނަށް އެންގެވިއެވެ. އަދި ދޭތެރެދޭތެރެއިން ހުސްފަޔާ ހިންގަވާން އެބޭކަލުންނަށް ނަސޭހަތް ދެއްވިއެވެ. އެއީ އުނދަގުލާއި ތުރާލަކީ ކޮބައިކަން އެބޭކަލުންނަށް ތަޖުރިބާ ކުރެއްވޭނޭ ގޮތް ހެއްދެވުމަށްޓަކައި ދެއްވި އިރުޝާދުފުޅެކެވެ. މިއަު އަހަރެން މި އުޅެނީ ރަސޫލާގެ އެ އިރުޝާދުފުޅަށް އަމަލު ނުކުރެވިގެންނެވެ. އުނދަގުލަށް ކެތް ނުކުރެވިގެންނެވެ. މިއީ އަހަރެމެން ކަހަލަ އެތައް ބަޔަކު މިއަދު އުޅޭ ގޮތެވެ.

ގަދައަވީގައި ހުސްފައިގައި ހިނގާފައި އުޅޭ މީހުންގެ އިހުސާސް އޭނާއަށް މިއަދު އެނގިއްޖެއެވެ. އެދުވަހު ގެއަށް އައިސް ބާކީ ހުރި ފައިވާން އަލަމާރިން ނެގިއެވެ. އެއް އެއްޗެހި ހިފައިގެން އޭނާ ދިޔައީ ގޭގެ ފުރަގަހުގައި ހުންނަ ކުޑަކުޑަ ގެއަކަށެވެ. ހުރިހާ ޚާދިމުން ތިބެނީ އެގޭގައެވެ. "އަމީނާ، މި ގެންދޭ. މި ފައިވާނަަށް އަރާބަލަ." ގުދުވެފައި އަމީނާ ފައިވާނަށް އެރުވިއެވެ. އޭނާއަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ފަލަކް އެނބުރި އަތުވެއްޖެއެވެ.

"ކޮއްކޮ ހަމަ ރަނގަޅަށް ވެސް މޮޔަވެއްޖެ." އަމީނާގެ ހިތަށް އެރިއެވެ.

އެއްދުވަހަކު ހެނދުނު އޭނާ ބާޒާރަށް ގޮސް ސޭޓު ގާތު ބުންޏެެވެ. "ތަންކޮޅެއް އަގުހެޔޮ ހެދުމެއް ދައްކާލަބަލަ، މީހަކަށް ގަންނަންވެސް ކަމުނުދާކަހަލަ." ސޭޓު ހައިރާންވެފައި ފަލަކަށް ބަލައިލިއެވެ. ފަލަކު ސިކުނޑި ހަމަތޯ އޭނާގެ ހިތުގައިވެސް ސުވާލު އުފެދުނެވެ. ޖެހިލުންވެފައި ހުރެ ހެދުމެއް ނަގާފައި ފަލަކަށް ދިއްކޮށްލިއެވެ. ފަލަކް އެ ހެދުން ގަނެގެން ގެއަށް އަތުވެއްޖެއެވެ.

މައިމޫނާއާ ޝޭރް އަފްޣާން ފަލަކްގެ ދިރިއުޅުމަށް މަޑުމަޑުން ހޭނެން ފެށިއެވެ. ހަޅޭއްލެވުމާއި ރުއިން ހުއްޓާލުމަކީ އެމީހުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ކޮންމެ ދުވަހަކު ބޭރަށް ގޮސްފައި ހަވީރުވާން ވާއިރަށް އެނބުރި ގެއަށް އާދެއެވެ. ގެއަށް އައިސް ކޮޓަރީގައި އިނދެގެން ގުރްއާން ތަރުޖަމާ ކިޔަނީއެވެ. އޭނާގެ މައިންބަފައިން ތިބީ އޭނާ ކުރިން އުޅުނު ގޮތަށް ރުޖޫއަވާނެ ކަމަށެވެ. އެމީހުން ރާވައިގެން ތިބީ ސަލްމާން ކައިރިން ވަރިކުރުވާފައި ބޭރަށް ފޮނުވާށެވެ. ގެއަށް އައިފަހުން ދުވަހަކުވެސް އޭނާ ސަލްމާންގެ ނަން ގަތް އަޑެއްވެސް ނީވެއެވެ. ސަލްމާންގެ އެއްވެސް ވާހަކައެއް އޭނާ ނުދައްކައެވެ.

ރޯދަ މަސް ފެށިއްޖެއެވެ. ރޯދަމަހުގެ ފުރަތަމަ ހުކުރު ދުވަހު ފަލަކް މިސްކިތަށް ދިޔައެވެ. ބަހުން ފައިބައިގެން މިސްކިތަށް ދިޔަ މަގުމަތީން މަގުގެ އެއްފަރާތުގައި ފައިސާ ގުނަން އިން އުމުރުން ދުވަސްވީ މީހަކު ފެނުނެވެ. ފަލަކު ތަންކޮޅެއް ދުރުގައި އެމީހާއަށް ބަލަން ހުއްޓެވެ. އެމީހާ ބޮނޑިވެފައިވާ ފައިސާއާއި ވަކި ލާރި ގުނަމުން އޭނާގެ ކުރިމަތީ ބިންމަތީގައި ބެހެއްޓިއެވެ. އެއްފަހަރު ގުނާފައި އަނެއްކާވެސް ގުނަން ފެށިއެވެ. ވަށައިގެން ހިނގާ ކަމަކާ މެދު އޭނާގެ ޚިޔާލު ހުރި ހެނެއް ހިއެއްނުވެއެވެ. އެމީހާ އެތައް ފަހަރަކު އެ ފައިސާ ގުނައިފިއެވެ. ފަލަކު ދުރުގައި ބަލަން ހުއްޓެވެ. އެއްގޮތަކީ އޭނާއަށް ވަކި ހިސާބަކުން އޮޅެނީއެވެ. ނުވަތަ ކަމަކަށް ބޭނުންވާ ވަރަށް ފައިސާ ހަމަނުވަނީއެވެ.

ބޭއިޚްތިޔާރުގައި ފަލަކް އެމީހާ ކައިރިއަށް ދިޔައެވެ. "ބެބޭ، ކިހިނެއްވީ؟" އެ މީހާ އިސް އުފުލާފައި ފަލަކަށް ބަލައިލިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.