ފަލަކް - 10 (އެންމެ ފަހު ބައި)

( 27 ނޮވެންބަރު 2019ގައި ޝާއިއުކުރި ބަޔާގުޅޭ)

"އިއްޔެގެ މަސައްކަތަށް ލިބުނު ފައިސާއިން ވިހި ރުފިޔާ ގެއްލިގެން މިއުޅެނީ. ހޯދަހޯދާ ނުފެނުނު." ފަލަކް އޭނާގެ މޫނަށް ބަލަން ހުރެފައި ދޯޕައްޓާގެ ކަނުގައި އައްސާފައި ހުރި ގޮށް މޮހެލިއެވެ. ބަސް ދަތުރަށް ލާރި ދީފައި އޭނާގެ އަތުގައި އޮތް ސާޅީސް ރުފިޔާ އެމީހާ އަތަށް ދިނެވެ. ދެން މަޑުމަޑުން ހިނގާފައި މިސްކިތަށް ދިޔައެވެ. އޭނާގެ އަތުގައި މިހާރު އެއްވެސް ފައިސާއެއް ނެތެވެ. މިއީ އޭނާގެ އަތުން ފައިސާ ހުސްވީ ފުރަތަމަ ފަހަރެވެ. އެނބުރި ގެއަށް ދާން ބަހަށް ދޭނެ ލާރިއެއްވެސް ނެތެވެ. ރޯދައަށް ހުރެ ގެއަށް ދާން ހަތަރު މޭލަށް ހިނގަން ޖެހޭނެއެވެ. އެކަމާ އޭނާ ކަންބޮޑުވާ ހެން ހިއެއްނުވެއެވެ.
ނަމާދުކޮށްގެން މިސްކިތުން ފައިބާ އިރަށް ފަލަކަށް ރޮވެން ފެށިއެވެ. ފަލަކް ގެއަށްދާން ބޭނުމެއް ނުވިއެވެ. އެއީ ކީއްވެގެން ކަމެއް ޚުދު އޭނައަށް ވެސް ނޭނގެއެވެ. އޭނާ މިސްކިތުގެ ސިޑިބަރީގައި އިށީނެވެ. އަންހެންވެރިން މިސްކިތުން ފައިބައިގެން ގެއަށް ދަނީއެވެ. ގެއަށް ދިއުމުގެ ފިކުރެއް ފަލަކުގެ ނެތެވެ.

"ކިހިނެއްވީ؟" މީހަކު އޭނާގެ ބޮލުގައި ފިރުމަމުން އެހިއެވެ.

"ނޭނގޭ..."

"ކާކާ އެކީ އައީ؟"

"ނޭނގޭ."
"ކީއްވެ ތި ރޮނީ؟" ފަލަކުގެ މޫނަށް ރަނގަޅަށް ބަލާލާފައި އެމީހާ އެހިއެވެ.

"އެޔެއްވެސް ނޭނގޭ."

"ބަލީތަ؟"

"ގައިގަ ބޮޑު ވަރަށް ވޭން އަޅާ."

"ތިހާ ޒުވާން އުމުރު؟"

"ދައްތާ، މިކަހަލަ ކަންތަކާ ކުރިމަތިވާނީ ޒުވާން އުމުރު."

"ކީއްވެ ގެއަށް ނުގޮސް ތީނީ؟"

"ގެއެއް ހުރި ނަމަ ދިޔައިމުސް."

"ގެއެއް ބޭނުންތަ؟"

"ނޫން."

"ކޮއްކޮ ތިކިޔާ އެއްޗެއް ނޭނގޭ."

ފަލަކް ކަރުނައިން ފުރިފައިވާ ދެލޮލުން އެ މީހާއަށް ބަލައިލިއެވެ. "ބޭނުންވާ ކަމެއް ކިިހިނެއް ބުނެދޭނީ؟"

"އަޅެ ބުނެބަލަ."

"ބުނިއްޔާ ލިބޭނެތަ؟"

"ހުރިހާ އެއްޗެއްވެސް ލިބެނީ ބުނެގެން. ނުބުނެ އެއްވެސް އެއްޗެއް ނުލިބޭނެ. ބޭނުންވާ ކަންކަން ބުނަން ޖެހޭނެ. ދަންނަވަން ޖެހޭނެ. ތަކުރާރުކޮށް ވެސް ބުނަން ޖެހޭނެ. އިންސާނުންނަށް އޮންނަނީ ކަލާނގެ ހަޒްރަތުގައި ދެންނެވުން. ދެއްވުމަކީ އިލާހީ ކަމެއް. ބޭނުންވާ ކަމަކަށް އެދި ކަލާނގެ ހަޒްރަތަށް ދުއާކުރޭ."

ފަލަކަށް ހީވީ އޭނާގެ މައިބަދައިން އަނގުރު އަލިފާނުގެ އޮއިވަރެއް ދައުރުވީހެންނެވެ. އޭނާ އިސް އުފުލާފައި އެ މުސްކުޅި އަންހެން މީހާއާ ހަތަރު ކަޅި ހަމަކުރިއެވެ.

"އިންސާނުންނަށް އޮންނަނީ ކަލާނގެ ހަޒްރަތުގައި ދެންނެވުން. ދެއްވުމަކީ އިލާހީ ކަމެއް. ބޭބެއާއި ކޮއްކޮ، އަދި ހުރިހާ އިންސާނުންނަކީ ސަލާންޖަހާ މީހުން. މިއަދު ނޫނީ މާދަމާ، ނުވަތަ ކޮންމެވެސް ދުވަހަކުން އަހަރެމެން އެންމެންވެސް ކަލާނގެ ހަޒްރަތުގައި ކަންކަމަށް އެދި ދަންނަވާނެ. ބައެއް މީހުން އެދޭނީ ލޯތްބަށް. އަނެއް ބަޔަކު އެދޭނީ ދުނިޔަވީ ތަކެއްޗަށް. އެ ކަންތަކަށް ނޭދޭ މީހުން އިންސާނާގެ ބޭނުންތަކާއި އެދުންތަކަށް ނިމުމެއް ގެނެސްދެއްވުމަށް އެދި ދަންނަވާނެ."

އޭނާ ދެއަތުން އެ މުސްކުޅި އަންހެން މީހާގެ އަތުގައި ހިފިއެވެ.
"ދަރިފުޅު ބޭނުންވާ ކަމެއް ބުނެބަލަ." މިދިޔަ އެއް އަހަރުތެރޭ އޭނާގެ ކަންފަތުގައި ގުގުމަނީ މި ޖުމުލައެވެ. މިއީ ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟ އެ އަންހެން މީހާގެ އަނގައިން މިއަދު އޭނާއަށް އަޑު އިވުނީ މީގެ ދެއަހަރު ކުރިން ކޯރު ކައިރީގައި އިން މުސްކުޅި މީހާ ބުނި ވާހަކައެެވެ.

"ކޮއްކޮ ބޭނުން ކަމެއް ބުނެބަލަ." އެމީހާ އެ ޖުމުލަ ތަކުރާރު ކުރިއެވެ. 

ލުއި ފަތެއް ހެލިލާހެން އޭނާގެ މުޅި ހަށިގަނޑު ހެލެން ފެށިއެވެ.
"އަހަރެން ބޭނުންވަނީ ކަލާނގެ ރުއްސެވުން. އެނޫން އެއްޗެއް ބޭނުމެއް ނޫން." އެމީހާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ ފަލަކް ގިސްލަގިސްލާފައި ރޯން ފެށިއެވެ. "އަހަރެން ބޭނުން ވަނީ އިލާހީ މަދަދު. އަހަރެން އެދެނީ ޚާލިޤަށް. އަހަރެން ބޭނުން ވަނީ ﷲ. ހަމައެކަނި ﷲ. އަހަރެންގެ މައްޗަށް ބައްލަވައި ވޮޑިގަންނަވާން ﷲ އަށް ދަންނަވައިދީ. އެންމެފަހަރަކު. އެންމެ ހިނދުކޮޅަަކަށް. އަހަންނަކީ ﷲ ގެ ބައްލަވައިވޮޑިގަތުން ލިބޭ ކަހަލަ މީހެއް ނޫންކަން އަހަންނަށް އެނގޭ. އެކަމަކުވެސް ދަންނަވައިދީ. މަގުފުރެދިފައިވާ އަހަންނަށް ބައްލަވައި ވޮޑިގަންނަވާން ދަންނަވައިދީ. އަޅުއްވާނުލައްވައި ދޫކޮށްލެއްވުމާއި އިޖާބަ ނުކުރެއްވުމަކީ ﷲ ގެ އުސޫލެއް ނޫން. ﷲ އަކީ މީސްމީހުން ތަފާތު ކުރައްވާ ފަރާތެއް ނޫން. ﷲ އަކީ މީސްމީހުން ހަލާކު ކުރައްވާ ފަރާތެއް ނޫން." އޭނާ އެމީހާގެ އަތުން ދޫކޮށްލުމަށް ފަހު ދެއަތް ޖޯޑު ކޮށްލިއެވެ.

"އަހަރެމެން އުފައްދަވާފައި ދޫކޮށްލައްވާނެތަ؟ މަންމައަކު އޭނަގެ ދަރި މީހުންގެ ތެރެއަށް އޭނާގެ ދަރި ދޫކޮށްލާނެތަ؟ ދަރިފުޅު މަންމަގެ އަތުން ދޫކޮށްލިޔަސް މަންމަ ދަރިފުޅު ދޫކޮށެއް ނުލާނެ. އެހެންވީމާ ﷲ އަހަރެމެން ދޫކޮށްލައްވާނީ ކިހިނެއް؟" އެމީހާ ބުންޏެވެ.

އޭނާއަށް އަނެއްކާވެސް އެ އަންހެން މީހާ ވާހަކަ ދެއްކި އަޑު އިވުނެވެ. އޭނާ ސިޑިބަރި އަށް ލެނގިލިއެވެ. އެއާއެކު ފިނިކަމެއް އިހްސާސް ކުރެވެން ފެށިއެވެ. އެތައް ދުވަހެއް ވަންދެން ސިކުނޑީގައި އުފެދިފައި ހުރި އުދާސްތައް ފިލައި ހަމަޖެހުން ލިބުނެވެ. ލޮލުން ކަރުނަ ފޭބުން ހުއްޓުނެވެ.

"ގެއަށް ދޭ. އިތުރު ކަމެއް ބޭނުންތަ؟" އެ އަންހެން މީހާ އަނެއްކާ އެހިއެވެ.

ފަލަކް ފުން ނޭވައެއް ލިއެވެ. "އާނ، ދައްތާ. ދަނީ ގެއަށް. އިތުރު ކަމެއް ބޭނުމެއް ނޫން." ފަލަކް ލޯ ހުޅުވައިލިއެވެ. އެ އަންހެންމީހާ އޭނާގެ ލޯމަތިން ގެއްލިއްޖެއެވެ. މިހާރު އޭނާ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެމީހާ ހޯދާކަށް ވެސް ނޫޅެއެވެ.

ފަލަކު ގެއަށް އައިސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނާއަށް ރަނގަޅަށް ބަލައިލިއެވެ. އެއް އަހަރުތެރޭގައި އޭނާގެ ހަަށިގަނޑަށް ވަރަށް ގިނަ ބަދަލު އަތުވެއްޖެއެވެ. އޭނާގެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އެތެރެ ފުށާއި ބޭރު ފުށެވެ. ފަލަކު މޫނު ދޮވެލައިގެން އަނެއްކާވެސް ލޯގަނޑުން މޫނު ބަލައިލިއެވެ. އޭނާގެ މޫނުގައި އަތް ކާއްތާލިއެވެ. އޭނާގެ މޫނުން ކުރިން އެ ފެންނަ ރީތިކަމެއް ނުފެނެއެވެ. ކުރިން އެހުންނަ ޖާދޫއެއް އެ މޫނަކު ނެތެވެ. އެކަމަކު މިއަދު ބުުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ވެއެވެ. އަހަރަކަށް ފަހު އޭނާ މަންމައާއެކު ސެލޫނަށް ދިޔައެވެ. މައިމޫނާ މިއަދު ހުރީ ވަރަށް އުފަލުންނެވެ. އޭނަގެ ދަރިފުޅުގެ ބަލި ރަނގަޅުވެ އާއްމު ހާލަތަށް ރުޖޫއަވީއެވެ.

ސެލޫނުން ނުކުމެ އޭނާ ގައިގައި ސާލު ރަނގަޅަށް އޮޅާލިއެވެ. މައިމޫނާ އޭނާއާ ދިމާއަށް ލޯ ކުނިކޮށްފައި ބަލައިލިއެވެ. އަދި މިކަންތައް ވެސް ރަނގަޅުވާނެއޭ އޭނާގެ ހިތަށް އެރިއެވެ.

"ފަލަކު، ދަރިފުޅުގެ ގައިގެ ހަން މުޅިން ހަލާކުވެއްޖެއެއްނު." އޭނާ ކާރު ދުއްވާލަމުން ބުންޏެވެ. ފަލަކް ހިނިތުންވެލިއެވެ.

"ކަލާނގެ ވަނީ އަހަރެންގެ ހިތުގައި ހުރި ލައްތައް ފިލުވާފައި. މޫނާ ދޭތެރޭ އަހަރެން މިހާރަކު ކަންބޮޑެއް ނުވޭ."

މައިމޫނާ އަނގައިން ނުބުނެ އިނެވެ. ފަލަކް ހާސަރު ދަމަން ފަށާފާނެތީއެވެ. ފަލަކް ގެއަށް ގޮސް އަނެއްކާވެސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އެ ސޫރައަކަށްޓަކައި އޭނާ މީގެ ކުރިން ފަޚުރުވެރިވާ ސޫރައަށް ބަލައިލިއެވެ. އެކަމަކު މިހާރު އެ ބޮޑާ ކަމާއި ކިބުރުވެރިކަމެއް އޭނާގެ ކިބަޔަކު ނެތެވެ. ފުން ނޭވައެއް ލާފައި އޭނާ ލޯގަނޑު ކުރިމަތިން ދުރަށް ދިޔައެވެ.

"ދަރިފުޅާ، ފަލަކް. ސަލްމާން އަތުވެއްޖެ." މައިމޫނާ ދުވެފައި ކަަހަލަ ގޮތަކަށް ގޮސް ފަލަކްގެ ކޮޓަރިއަށް ވަނެވެ. މައިމޫނާ ހުރީ އުފަލުން ފޮޅިފައެވެ. ފަލަކް އޭނާގެ މަންމައާ ދިމާއަށް ބަލާލާފައި ދުރަށް ބަލައިލިއެވެ.

"އަހަންނަށް އެނގޭ ސަލްމާން އައިކަން. އޭނާ އަންނާނެކަން އެނގޭ."
"އޭނާ އެ އަންހެންމީހާ ވަރިކޮށްފި. މާފަށް ވެސް އެދިއްޖެ. ދަރިފުޅު ބަލާ އޭނަ އައީ." މައިމޫނާ އެއް ނޭވައިން ހުރިހާ ވާހަކައެއް ބުނެލިއެވެ.
"އޭނާ ކަންތައް އެކުރީ ރަނގަޅަކަށް ނޫން." ފަލަކް ހިމޭނުން ހުރެފައި ބުނެލިއެވެ.

"އޭނާ ކަންތައް އެކުރީ ވަރަށް ރަނގަޅަށް. އެ އަންހެން މީހާއަށް އެގޮތް ހައްގު. ދަރިފުޅަށް އެނގެނީ ކޯޗެއް. އޭނާ ސަލްމާން އަތުގައި ހުރި ހުރިހާ ފައިސާއެއް ނުގެންދާ ކަމެއް އެނގެނީ ކިހިނެއް؟ ދަރިފުޅު..."
ފަލަކު އަތުގެ އިޝާރާތުން އޭނާގެ މަންމަގެ ވާހަކަ ހުއްޓުވިއެވެ. "ހުއްޓާލާ މަންމާ. ތާބިންދާއާއި ފައިސާ އާއި ސަލްމާންގެ ވާހަކަ ވެސް ދައްކައިގެން ނުވާނެ."

"ދަރިފުޅާ ބައްދަލުކުރަން ސަލްމާން ބޭނުން."

"އޭނަ މިތަނަށް ފޮނުވާ." ފަލަކުގެ މޫނުމަތިން ހާސްކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ.

މައިމޫނާ ހިނިތުންވެލާފައި ކޮޓަރިން ނުކުތެވެ.

ފަލަކަށް ސަލްމާން މި ފެނުނީ އަހަރަކަށް ފަހުއެވެ. އެއީ އޭނާ އެންމެ ދެކެން ބޭނުންވާ މީހާއެވެ. އެ މޫނު އޭނާގެ ހިތުން ނުފިލި މޫނެވެ. އެ އަޑެއް އޭނާގެ ކަންފަތުގައި ގުގުމާފައި ހުންނާ މީހާއެވެ. އެކަމަކު އެ މީހާ ފެނުމުން މިއަދު އޭނާއަކަށް މާ ބޮޑު އަސަރެއް ނުކުރިއެވެ. އޭނާގެ ހިތުގެ ހިނގުމަކަށް ބަދަލެއް ނައެވެ.

ސަލްމާން ވަދެގެން އައިތަން ބަލަން އޭނާ ހަމަޖެހިލައިގެން އިނެވެ. އޭނާ ހުރީ ލަދުންނެވެ. "އައްސަލާމް އަލައިކުމް." އިސްވެ ވާހަކަ ފެށީ ފަލަކެވެ. ސަލްމާން ކުޑަކޮށް ސިހުނެވެ. މީގެ ކުރިން ފަލަކް ދުވަހަކުވެސް ސަލާމެއް ނުގޮވައެވެ. ސަލްމާން ސަލާމާނުގެ ޖަވާބު ދިނެވެ.

'އިށީނދޭ."

ސަލްމާން އަދަބުވެރިކަމާއެކު އިށީނެވެ.

"ކިހިނެއް ހާލު؟"

ސަލްމާން ރަނގަޅަށް ވެސް ސިހުނެވެ. "ރަނގަޅު، ފަލަކް ކިހިނެއް؟"
"ވަރަށް ރަނގަޅު."

ސަލްމާން އިސް އުފުލާފައި ފަލަކަށް ބަލައިލިއެވެ. ފަލަކް ހުރީ ކޮޓަން ފޮތީގެ ކަޅު ހެދުމެއް ލައިގެންނެވެ. ކުރިއާ ޚިލާފަށް އޭނާގެ މޫނަކު މޭކަޕެއް ނެތެވެ. މިހާރު އޭނާ ވަރަށް ތަފާތެވެ. ފަލަކްގެ ޖާދޫގައި އޭނާ ރަނގަޅަށް ޖެހިއްޖެއެވެ.

"އަހަރެން މިއައީ ފަލަކް ބަލައި. އެނގޭ މިހެން ބުނުމުގެ ހައްގެއް ނެތްކަން، އެކަމަކުވެސް މާފަށް އެދެން ބޭނުން. އަހަންނަށް ކުރެވުނު ހުރިހާ ކަމަކަށް މާފަށް އެދެން. އޭރު އެގޮތަށް ކަންތައް ކުރެވުނީ ކީއްވެގެން ކަމެއް ނޭނގޭ. އެކަމަކު..." ސަލްމާން މަޑުމަޑުން ބުންޏެވެ.
"ސަލްމާނާ ވަކިވުމުން އަހަންނަށް އެއަށްވުރެ މާ މުހިއްމު އެއްޗެއް ލިބިއްޖެ. ސައްބީސް އަހަރަށް ފަހު ޖުމުލަ އެއް އަހަރު އަހަރެން ﷲގެ ހިދާޔަތުގައި އުޅެފިން. މި އެއް އަހަރުތެރޭ އަހަރެން ﷲ ފިޔަވައި އެހެން އެއްވެސް ކަމަކާ މެދު ފިކުރެއް ނުކުރަން. ސަލްމާނާ މެދުވެސް. އެއްވެސް ވޭނެއް ކެކުޅުމެއް، ހިތާމައެއް ނެތް މިހާރަކު. ސަލްމާނާ ވަކިން ހޭދަކުރި އެއް އަހަރު، ސައްބީސް އަހަރުތެރޭ ހާސިލުނުކުރެވުނު ކަންތައް ހާސިލުކުރެވިއްޖެ. އަހަރެން ސަލްމާނާ މެދުވެސް އަދި ސަލްމާނާ ތާބިންދާގެ ކާވެންޏާ މެދު ވެސް ނުވިސްނަން. އެހެންވީމާ ކޮންކަމަކާތަ ލަދުގަންނަނީ؟"

ބުނާނެ އެއްޗެއް ނޭނގިފައި ސަލްމާން އެތައް އިރަކު އިނެވެ. "ހިނގާ ގެއަށް ދާން. އަހަރެން މިއައީ ފަލަކް ބަލައި." ފަލަކް އޭނާއަށް ބަލައިލިއެވެ.

"މި މީހާގެ އަގު މި ކޮޓަރީގައި އަޅާފައިވާ ދޫލަ ނުވަތަ ދޮރުފޮއްޗާ އެއްވަރުވާނެތަ؟ އެ އެއްޗެހި ހުއްޓަސް ނެތަސް ފަރަގެއް ނެތް. މި ފިރިހެން މީހާ ދެކެ އަހަރެން ވަރަށް ލޯބިވިން. އޭނާ ނޫން މީހަކު، ނުވަތަ އެއްޗެއް އޭރު އަހަންނަށް ނުފެނޭ. މިހާރު އަހަންނަށް އޭނާއެއް ނުފެނޭ." ފަލަކް ހިތާހިތުން ބުނެލިއެވެ.

"ދާނަން. އެކަމަކު ވާހަކައެއް ބުނަން ބޭނުން. ހަތަރު އަހަރު ކުރިން ސަލްމާން ކާވެނި ކުރި ފަލަކް މިހާރު މަރުވެއްޖެ. މިއަދު ގޮވައިގެން ދާން ތިއުޅެނީ އެހެން މީހެއް. ކުރިން އޭނާގެ ހުރިހާ އެއްޗަކީވެސް ތީ. މިހާރު ހުރިހާ ވެސް އެއްޗަކީ ﷲ. އެ ފަލަކުގެ ރީތީ ބޭރުފުށް. ފެންނަން އޮތީވެސް ބޭރުފުށް، މިއަދު ގެންދަން ތިއުޅޭ މީހާގެ އެތެރެ ރީތިވާނެ. އޭނާއަށް މުހިއްމީ ވެސް އެތެރެފުށް. ކުރިންް އުޅުނު ދިރިއުޅުމަކަށް އޭނާ މިހާރަކު ލޯތްބެއް ނުކުރޭ. އޭރު އޭނާއަކަށް އަމިއްލަ އައިބު ފޮރުވާކަށް ނުވަތަ ހަށިގަނޑު ފޮރުވާކަށް ނޭނގޭ. މިހާރު ހަށިގަނޑާއި އައިބުވެސް ފޮރުވާން ބޭނުން. މިހުރިހާ ކަމަކާ ރުހެންޏާ އަހަރެން މިހިރީ ދާން ތައްޔާރަށް. އެހެން ނޫނީ ގެއަށް ދިޔަޔަސް އެންމެ ރަނގަޅު. ދެ މީހުންގެ ހަޔާތް ބަރުބާދު ކުރަން އުޅޭނެ ކަމެއް ނެތް." ފަލަކް ފަހަރަކު ވާހަކައެއް ބުނެ ނިންމައިލިއެވެ.
"އަހަރެންގެ އިއުތިރާޒެއް ނެތް ތިއިން އެއްވެސް ކަމަކާ. ހިނގާ ގެއަށް ދާން." ސަލްމާން ބުންޏެވެ. ފަލަކް ތެދުވިއެވެ.

ކާރު ދުއްވައިލަމުން އޭނާ އިނގިރޭސި ލަވައެއް ޖެހިއެވެ. ފަލަކް އޭނާއަށް ބލާފައި ހީނލިއެވެ.

މީހެއްދެކެ ލޯބިވެވިއްޖެ ނަމަ އެ މީހެއްގެ ހިތުގައި އެ ނޫން އެއްޗެއް ނޯވެއެވެ. ﷲ ދެކެ ލޯބި ވެވިއްޖެނަމަ އިންސާނަކު ދެކެ ލޯބިވާނެ ހެއްޔެވެ؟

"ނިމުމެއް ފަނާވުމެއް ނެތް ފަރާތެއް ހޯދުމުގައި އުޅޭ މީހެއްގެ ހިތުން ނެތި ފަނާވެގެން ދާނޭ ތަކެތީގެ އެދުން ފުހެވިދެއެވެ. އޭނާ ހުރުމެކޭ ނެތުމެކޭ އަހަންނަށް އެއްވެސް ތަފާތެއް ނެތްކަން އަހަރެންގެ ކައިރީގައި މިހިރަ މީހާއަށް އެނގޭނެބާވައެވެ؟"

"ސަލްމާން ދެކެ އަހަރެން ކުރިން ލޯބިވިއެވެ. ނަމަވެސް މިހާރު އެއްވެސް އިންސާނަކަށް އަހަރެންގެ ހިތް ފަތަހައެއް ނުކުރެވޭނެއެވެ. ކުރިން އޮތް ގޮތަށް އެއްވެސް ކަމެއް ނޯންނާނެއެވެ."

ފަލަކް އޭނާގެ ކުރިމަތިން ފެންނަން އޮތް މަގަށް ބަަލަން އިނެވެ.
"ވަކިވުން... ގޮތް ހުސްވުން... އެކަނިވެރިކަން... ކަރުނަ... ކަމަކަށް ބޭނުންވުން... ލޯބި... މިއީ ކޮން އެއްޗެއްސެއް ހެއްޔެވެ؟ އެއީ ހައްތަހާވެސް ނޭނގޭ މަންޒިލަކާ ދިމާއަށް އިންސާނާ ކުރާ ދަތުރުގައި ކަޑައްތުކުރާ ފަނާވަނިވި މަގުމަގެވެ."

ސަލްމާން ލަވަޔާއި އެއްވަރަށް ތުނބުމުން ފުމެން ފެށިއެވެ. ކާރުން ބޭރު ބަލަން އިން އިރު ފަލަކުގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

(ނިމުނީ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

7 ޚިޔާލު

  1. އުރުދޫ ޑްރާމާ ބަލަމުން ދަނިކޮށް ޝެހެރް އެ ޒާތު ކިޔާ ޑްރާމާއެއް ގެ މެދު ތެރޭން ހަނދާންވީ މި ވާހަކަ މަތިން. ވަރަށް އެއްގޮތް.. ވާހަކަ ކިޔާލާ ހިތްވީ މާ ބޮޑަށް. ފުސްބިއްލޫރި އެންމެ ރީތީ އަދިވެސް. އެ ވާހަކައިގެ ޝައުގުވެރި ބައިތައް ވެސް އަލުން ޚިޔާލީ. ހާދަ ރީއްޗޭ. މި ލިއުންތެިއާ މިހާރު ކޮބާ ބާ. މިކަހަލަ ކިއާ ފޫހިނުވާނެ އާ ވާހަކައެއް ކިޔަން ވަރަށް ބޭނުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.