(19 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަލަކްގެ ކެރުންތެރިކަން ފެނިފައި ހައިދަރު ދިޔައީ ސިއްސައިގެންނެވެ. "ކާން؟ ހިނގާ." އޭނާ ބުންޏެވެ.
އެ މީހުން ބާޒާރުން ނުކުތެވެ. ފަލަކް އޭނާގެ ޑްރައިވަރު ފޮނުވާލާފައި ސަލްމާންގެ ކާރަށް އެރިއެވެ. ސަލްމާން އާއި ޖެހިގެން އޭނާ އިންއިރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
"ކޮންތާކަށް ދާނީ؟" ކާރު ދުއްވައިލަމުން ސަލްމާން އެހިއެވެ.
"ފުޖިޔާމާ." އޭނާ ކާރު އަނބުރާލާފައި މަގަށް ނުކުތެވެ.
"ކިޔަވާ ނިމުނީތަ؟" އޭނާ އެހިއެވެ. ޓީޝާޓުގެ ކަރުގައި އަޅުވާފައި އޮތް އަވި އައިނު ނަގައި ލޮލުގައި އެޅިއެވެ.
ފަލަކު އޭނާގެ ސުވާލަށް ޖަވާބު ދީފައި އެހިއެވެ. "ސަލްމާން އޯ؟"
"އަހަރެން ކިޔަވައި ނިމުނުތާ ދެތިން އަހަރެއް ވެއްޖެ. މާސްޓަރސް ހެދީ އިކޮނޮމިކްސް އިން. ބައްޕަގެ ތަށިމުށި ފެކްޓަރީގައި ވެސް މަސައްކަތް ކުރަން." މަޑުމަޑުން އޭނާގެ ބައެއް ވާހަކަ ހިއްސާކުރަމުން ދިޔައެވެ.
އެ ދުވަހަކީ އެމީހުން ކާން ދިޔަ ފަހު ދުވަހެއް ނޫނެވެ. ރެސްޓޯރަންޓުތަކަށް ކާން ދިއުން އާދައަކަށް ވިއެވެ. ގިނަގިނައިން ބައްދަލުކުރަން ފެށިއެވެ. އާޚިރު ނަތީޖާއަކަށް ވީ ފަލަކު އެދިއެދި ހުރިގޮތަށް ސަލްމާން އޭނާގެ ކާވެންޏަށް އެހުމެވެ. ފަޅި ސިކުންތަކަށް މަޑުކުރުމެއް ނެތި ފަލަކް ސަލްމާންގެ ހުށަހެޅުން ގަބޫލުކުރިއެވެ.
ފުރަތަމަ ބައްދަލުވީއްސުރެ ސަލްމާނަކީ އެހެން ފިރިހެނުންނާ ތަފާތު މީހެއްކަން ފަލަކަށް އިހުސާސްކުރެވެއެވެ. ފަލަކުގެ އުމުރަކީ ވިހި އަހަރެވެ. ސަލްމާން އޭނާއަށް ވުރެ 10އަހަރު ދޮށްޓެވެ. މިޒާޖުގެ ގޮތުން ދެމީހުން ވަރަށް ތަފާތެވެ. އެކަމަކު ކުދިކުދި ކަންތައް މާބޮޑު ކަމަކަށް ހަދައިގެން ސަލްމާނެއް ނޫޅެއެވެ. ވިސްނާ ނުލައި ކުއްލިއަކަށް އެއްވެސް ކަމަކަށް ލަފައެއް ނުދެއެވެ. އޭނާއަކީ މަޑުމައިތިރި ރަނގަޅު މީހެކެވެ. ވާހަކަ ދައްކަނީ އޯގާތެރިކަމާއެކުއެވެ. ފަލަކް އޭނާ އަށް ބަލަހައްޓައިގެން ކިތަންމެ އިރަކުވެސް އިނދެދާނެއެވެ. އޭނާއަކީ އެއްވެސް މީހަކު ވާހަކަ ދައްކާ އަޑު އަހަން އިނދެވޭ މީހެއް ނޫނެވެ. އެކަމަކު ސަލްމާންގެ އަޑު އަހަން ކިތަންމެ އިރަކު އިނދެއެވެ. ކާވެންޏަށް އެހުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުން ކަހަލަ ކަމެކެވެ. ނަސީބު އަތުގައި ހިފާކަން އޭނާއަށް ގަބޫލުކުރެވުނު ފުރަތަމަ ފަހަރަކީ އެއެވެ. ނަމަވެސް އޭނާ އޮޅުންފިލުވަން ބޭނުންވާ ބައެއް ކަންކަން އަދިވެސް އެބަހުއްޓެވެ.
ފަލަކަކީ ޝޭރް އަފްޣާންގެ ހުރި ހަމައެކަނި ދަރިއެވެ. އެހެން ކަމުން އޭނާވަނީ ދަނބި ދަރިއަކަށް ވާނެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ކަނޑައަޅާފައެވެ. ފަލަކާ އިންނާކަށް ސަލްމާންގެ ޝަރުތު ހަމައެއް ނުވެއެވެ.
ނަމަވެސް ފަލަކުގެ ގޮތް ދޫނުކުރުމުގެ ސަބަބުން މާ ގިނަ ދުވަހެއް ނުވެ ޖަލީލު އެ ކާވެންޏަށް އެއްބަސްވިއެވެ. ދަރިފުޅު ހިމޭނުން އިނދެ ކަރުނަ ބާލާތަން ބަލަން ކެތް ނުކުރެވުނީއެވެ. އޭނާ އަށް ކަމުދާ އެއްވެސް ސިފައެއް ނެތް ނަމަވެސް ސަލްމާންގެ ހުށަހެޅުން ޖަލީލު ގަބޫލުކުރިއެވެ.
ނަމަވެސް ސަލްމާން އާ ދޭތެރޭ އޭނަ ދެކޭ ގޮތް ފޮރުވައިގެން މާގިނަ ދުވަހަކު ނުހުރެވުނެވެ. އެންގޭޖްމެންޓު ނިމުމާއެކު ސަލްމާން އާ މެދު އޭނާ ދެކޭގޮތް ފާޅުކުރަން ފެށިއެވެ. ޝޭރް އަފްޣާން ބޭނުންވީ ބައްޕަގެ ފެކްޓަރީ އިން ވަކިވެ އޭނާގެ އަމިއްލަ ވިޔަފާރިއާ ސަލްމާން ހަވާލުވުމަށެވެ. ފަލަކް މެދުވެރިކޮށް މި ވާހަކަ އޭނާ ސަލްމާނާ ހިއްސާކުރިއެވެ. "ފަލަކު ތި ބުނަނީ ބައްޕަ ބޭނުންވަނީ އޭނާގެ ބްރީފްކޭހާއި ފައިލްތައް އުފުލައިދޭނެ މީހެކޭތަ؟ އަބަދު އޭނާގެ ފަހަތުން އުޅޭނެ މީހެކޭތަ؟ ޚާދިމެއްގެ ގޮތުގައި ހުންނާނެ ދަނބި ދަރިއެއްތަ؟" މަލާމާތުގެ ރާގަކަށް ސަލްމާނު އެހިއެވެ.
ފަލަކްގެ މޫނު ރަތް އަނގުރުގަނޑަކަށް ބަދަލުވިއެވެ. "ކީކޭ ތިބުނީ؟ އަހަރެންގެ ބައްޕަ ސަލްމާން ގެންގުޅޭނީ ޚާދިމެއްގެ ގޮތުގައޭތަ؟ ބައްޕަ ބޭނުންވަނީ ސަލްމާން ބައްޕަގެ ވިޔަފާރި އާ ހަވާލުވާން. ބައްޕަގެ ފިރިހެން ދަރިއެއް ނެތްކަން ސަލްމާނަށް ވެސް އެނގޭނެ. އަހަރެން ކޮންމެ މީހަކާ އިނަސް ބައްޕަގެ ވިޔަފާރިއާ ހަވާލުވާން އެ މީހަކަށް ޖެހޭނެ؟" އޭނާ ސަލްމާނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"އަހަރެންގެ ބައްޕަގެ ވިޔަފާރި އަށް ހަދަންވީ ކިހިނެއް؟" އޭނާ ފަލަކާ ސުވާލުކުރިއެވެ.
"ބޭބެއާ ހަވާލުކުރޭ، ނޫނީ އެހެން މީހަކު ހޯދާފަ އެމީހަކާ ހަވާލުކުރޭ."
ފަލަކުގެ މޫނަށް ބަލަހައްޓައިގެން އިނދެ ސަލްމާން ކޮފީ ބޮމުން ދިޔައެވެ. "ފަލަކާ މަޝްވަރާ ކުރަންޖެހޭ ބައެއް ކަންކަން އަހަންނަށް ކިޔައިނުދެވޭހެން ހީވަނީ. އެއީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް. އެންގޭޖްމެންޓުގެ ކުރިން މަޝްވަރާ ކުރެވުނު ނަމައޭ މިހާރު ހިތަށް އަރާ." ސަލްމާން ބުންޏެވެ.
ފަލަކަށް ލިބުނީ ސިހުމެކެވެ.
"އަހަރެން އިންނާން ބޭނުންވަނީ އަންހެނަކާ. ވެރިއަކާ ނޫން. ފަލަކާއި ފަލަކްގެ އާއިލާ އިން ބޭނުންވާ ކަހަލަ ފިރިއަކަށް އަހަންނަށް ވެވޭނެހެން ހިއެއްނުވޭ. އަމިއްލަ ވިޔަފާރިއެއް ނެތް ނަމަ ފަލަކްގެ ބައްޕަގެ ވިޔަފާރިއާ އަހަރެން ހަވާލުވެދާނަން. ނަމަވެސް ރަނގަޅަށް ހިނގަހިނގާ ހުރި އަމިއްލަ ފެކްޓަރީ އެއް އެބަހުރި. އަހަންނަކަށް ފަލަކުގެ ބައްޕަގެ ޝަރުތު ގަބޫލުކުރެވޭކަށް ނެތް. އަހަރެން އުޅެން ބޭނުންވަނީ އަހަންނަށް ރަނގަޅުހެން ހީވާ ގޮތަށް. އަނބިމީހާ ނުވަތަ އޭނާގެ އާއިލާއިން ބޭނުންވާ ގޮތަކަށް ނޫން."
"އަހަރެން ހީކުރީ އަހަންނަކީ ކާކުކަން ފަލަކަށް ދަސްވާ ހައި ދުވަހު އެކުގައި އުޅެވިއްޖެކަމަށް. އެކަމަކު އެއީ ކުށް ހީއެއް. އަހަރެމެން އިނދެގެން އާ ގުޅުމެއް ފެށުމަކީ ބުއްދިވެރި ކަމެއްހެން އަހަންނަކަށް ހިއެއްނުވޭ." އިނގިލީގައި އޮތް އެންގޭޖްމެންޓު އަނގޮޓި ނަގައި ފަލަކުގެ ކުރިމަތީގައި ބާއްވަމުން އޭނާ ބުންޏެވެ. ފަލަކް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސަލްމާން ޖީބުން ވޮލެޓު ނެގިއެވެ. ބިލަށް ވާ ފައިސާ މޭޒުމަތީގައި ބެހެއްޓުމަށްފަހު ދާން ތެދުވިއެވެ.
ކުޑަކުޑަ ކަމެއްގައި ސަލްމާން އެހާ ބޮޑު ނިންމުމެއް ނިންމަފާނެ ކަމަށް ގަބޫލުކުރަން ފަލަކަށް އަދިވެސް ދައްޗެވެ. ސަލްމާން ރެސްޓޯރެންޓުން ނުކުތެވެ.
ފުން ޚިޔާލަކަށް ގެއްލިފައި އިރުކޮޅަކު އިނުމަށް ފަހު ހޭވެރިކަން ވުމުން ދަބަސް ނަގައިގެން ސަލްމާންގެ ފަހަތުން ދުވެފައި އޭނާ ދިޔައެވެ. ސަލްމާން މިސްރާބު ޖަހާފައިހުރީ ކާރު ޕާކާ ދިމާއަށެވެ. ފަލަކު ދުވެފައި ގޮސް ސަލްމާންގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.
"ހިތުގަ ޖެހުނީތަ؟ އަހަންނަށް މާފުކުރޭ." ފަލަކް އާދޭހުގެ ރާގަކަށް ބުންޏެވެ.
ސަލްމާން ހުއްޓުނެވެ. "އަހަރެންގެ ހިތުގައި ޖެހުނުތޯ މުހިއްމެއް ނޫން. މުހިއްމީ ކޮންމެ މީހަކުވެސް ބޭނުންވެގެން އުޅެނީ ކޮންކަމެއްތޯ؟ ފަލަކްގެ ބައްޕަ ބޭނުންވަނީ އޭނާގެ ވިޔަފާރި ބަލަހައްޓައި ހިންގާނެ މީހެއް. އަހަންނަކަށް އެކަމެއް..."
ފަލަކް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަލުން މަޝްވަރާ ކުރަމާ. ސަލްމާން ބޭނުންވާ ގޮތަކަށް ނިންމާނީ. މީގެ ފަހުން ބައްޕަ ބޭނުންވާ ގޮތުގެ ވާހަކައެއް އަހަރެން ނުދައްކާނަން. އަލުން އަނގޮޓި އަޅާ، ހެޔޮނުވާނެ." ފަލަކު ބުންޏެވެ.
ސަލްމާން ކަންތައް ކުރީ ހިކްމަތްތެރިކަމާއެކު އެވެ. އޭނާ އަލުން އަނގޮޓި އެޅިއެވެ.
ވިޔަފާރިއާ ހަވާލުވާން ސަލްމާން ދެކޮޅުހެދިކަން އެނގުމުން ޝޭރް އަފްޣާން ވަރަށް ރުޅި އަތުވެއްޖެއެވެ. ސަލްމާންއާ ދެކޮޅަށް އޭނާގެ ދަރިފުޅަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ފަލަކު ހުރީ އެ ވާހަކަ އަޑުއަހަން ތައްޔާރަކަށް ނޫނެވެ. ފަލަކަށް ވިސްނުނު ގޮތުގައި ބައްޕަގެ ވިޔަފާރިއާ ހަވާލުވާން ސަލްމާން އިންކާރު ކުރަންޏާ އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. ކުރިން ސަލްމާން ކަންތައް ކުރިގޮތުން އޭނާ ހުރީ ހިތް ބިރުގެންފައެވެ. އެތައް ދުވަހެއް ވީ އިރުވެސް އެ ނޫން ޚިޔާލެއް ނުކުރެވެއެވެ. "އޭނާ އެއްވެސް ވަރަކަށް އަހަންނާ ދޭތެރޭ ނުވިސްނަނީ ހެއްޔެވެ؟ އެހާ ކުޑަ ކަމަކާ އަނގޮޓި ނަގައި ހޫރާލީ ކީއްވެހެއްޔެވެ؟ ސަލްމާނަށް އަހަރެން މުހިއްމުނުވަނީތަ، ކުޑަކުޑަ ކަމަކާ ހެދި އަނގޮޓި ނަގައި އެއްލާލީ؟" މި ސުވާލުތަކުގެ ސަބަބުން އޭނާގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ.
"އަހަރެން މުހިއްމު ނޫންނަމަ އަހަންނާ އިންނާން އެހީ ކީއްވެބާ؟" އެހެން ހިތަށް އަރުވައިގެން ފަލަކު އޭނާ ހިތްހަމަ ޖައްސައިލިއެވެ. ލޯތްބަކީ މީހާ މުޅިން ނިކަމެތި ކޮށްލާ އެއްޗެކެވެ. މީގެ ކުރިން މީހަކު އެއްޗެއް ބުނެގެން އަހަރެން ދުވަހަކުވެސް ކަންބޮޑެއް ނުވެއެވެ. މި މީހާ ދެކެ އަހަންނަށް މާ ބޮޑަށްވެސް ލޯބިވެވިއްޖެއެވެ. ލޯތްބަށްޓަކައި މީހުން ކޮންމެ ކަމެއް ވެސް ގުރުބާން ކޮށްފާނެއެވެ. ތިމާ ކުރިން ގަބޫލުނުކުރާ ކިތަންމެ ކަމެއް ގަބޫލުކުރަން ޖެހެއެވެ. ކުޅޭ އެއްޗެއްހެން ނަގައި އެއްލާލާނެތީ އަބަދު ހުންނަނީ ހިތް ވިރިވިރިއެވެ.
ސަލްމާނާ ބައްދަލުވުމާއެކު ފެން ފޮދެއް އާތްވަށް ވެގެން މައްޗަށް އަރައިގެންދާ ގޮތަށް ބިރުވެސް ފިލައިދެއެވެ. ބޭރުފުށަށް ހުރިހާ ކަމެއްވެސް ރަނގަޅުހެން ހީވެއެވެ. އެހެން ފިރހެނުންނާ ޚިލާފަށް ސަލްމާނަކީ މާ ގިނައިން ވާހަކަ ދައްކާ މީހެއް ނޫނެވެ. ފަލަކުގެ ރީތިކަމަށް އަބަދަކު ތައުރީފެއް ނުކުރެއެވެ. ފަލަކް ދެކޭ ގޮތުގައި އޭނާ މޫސުމުގެ ވާހަކަ ދެއްކިއަސް އެ ކިޔައިދެނީ ލޯބީގެ ޅެމެކެވެ. އޭނާއާއެކު ސަލްމާން ހޭދަކުރާ ވަގުތު ސަލްމާނުގެ އިހުސާސްތަކެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް ސަލްމާން އާ ވާހަކަ ދައްކާލައި، ނުވަތަ ހިނގާލަން ދެވުމަކީ އޭނާއަށް ލިބޭ ޝަރަފެކެވެ. އެފަދަ ދަނޑިވަޅުގައި މުޅި ދުނިޔެ މިލްކުވެއްޖެކަމުގެ އިހުސާސްކުރެވެއެވެ. އަދި އޭނާއަށް ލިބިފައިވާ ނިއުމަތްތަކާ އަޅާބަލާއިރު އެހެން ކުދީންނަނީ ލޯބީގެ ދުނިޔޭގައި ހުސްއަތާ ތިބޭ ކުދީންނެވެ.
ސަލްމާނަކީ އޭނާގެ ހަޔާތަށް އައި ފުރަތަމަ ފިރިހެން މީހާއެވެ. އަދި އޭނާ އަކީ ސަލްމާނުގެ ހަޔާތަށް އައި ފުރަތަމަ އަންހެން މީހާއެވެ. އޭނާއަކީ ފެށުނީއްސުރެވެސް ބަސްމަދު މީހެކެވެ. އެއީ އޭނާގެ މިޒާޖެވެ. އަންހެން ކުދީންނާ ގާތްކަން ބާއްވައި އެމީހުންނާ އެކީ ބޭރަށް ގޮސް އުޅުމަކީ އޭނާއަށް އެހާ ފަސޭހަކަމެއް ނޫނެވެ. ފަލަކެކޭ އެއްފަދައިން އޭނާއަކީ ވެސް ރީތި މީހެކެވެ. އެކަން އޭނާއަށް އެނގެއެވެ. އަދި އަންހެން ކުދީން އޭނާއަށް ހިތްކިޔާކަން ވެސް އެނގެއެވެ. އޭނާވެސް އެކަމާ ފަޚުރުވެރިވެއެވެ.
މި ހުރިހާ ކަމެއް މިހެން އޮތް އިރުވެސް އޭނާ ހުންނަނީ ފަލަކުގެ އަވައިގައި ޖެހިފައެވެ. ނަމަވެސް ފަލަކު ހުރިހާ ކަމެއް ގުރުބާން ކުރިފަދައިން އޭނާ ފަލަކަށްޓަކައި އެއްވެސް ކަމެއް ގުރުބާނެއް ނުކުރާނެއެވެ.
ދެ މީހުން އެންގޭޖުވެގެން ތިން އަހަރުވީއިރު ސަލްމާން ބޭނުންވި ގޮތަށް ފަލަކުގެ މުޅި ދިރިއުޅުން ބަދަލުކޮށްފިއެވެ. އޭނާ ނުރުހޭނެ އެއްވެސް ކަމެއް ކުރާކަށް ފަލަކު ހިތަކަށް ނާރައެވެ. ހެދުން އަޅަނީ ސަލްމާނަށް ރީތި ކުލަކުލައިންނެވެ. ސަލްމާނަށް ހުތުރު ކުލަކުލައިގެ ހެދުންތައް އުކާލީއެވެ. ސަލްމާނަށް މީރު ހުރިހާ އެއްޗެއް އޭނާއަށް ވެސް މީރުވިއެވެ. ސަލްމާން ގަޔާނުވާ އެއްވެސް ކަމެއް އޭނާ ނުކުރެއެވެ. އެކަންކަން ކުރަނީ އަކީ ސަލްމާން އެދިގެނެއް ނޫނެވެ. އޭނާ އަމިއްލައަށެވެ. ފަލަކު ކުރަން ބޭނުންނުވާ ކަމެއް އޭނާ ލައްވައި ކުރުވާކަށް ސަލްމާން ދުވަހަކުވެސް ބާރެއް ނާޅައެވެ. ހުރިހާ ކަމެއް ކުރީ ފަލަކު އަމިއްލައަށެވެ. ސަލްމާން އުފަލުގައި ބެހެއްޓުމަށެވެ. އޭނާ ބޭނުންވަނީ ސަލްމާންގެ ލޯބީގައި ޣަރަގު ވާށެވެ. ސަލްމާން ހިތް އެދޭގޮތަށް އުޅުން ބަދަލުކުރާށެވެ.
ފަލަކުގެ މިޒާޖަށް އައި ބަދަލު ފެނިފައި އޭނާގެ ރައްޓެހިން ހައިރާންވިއެވެ. ފިރިހެނަކަށްޓަކައި ފަލަކުގެ މިޒާޖު ދުވަހަކުވެސް ބަދަލުކޮށްފާނެ ކަމަކަށް އެމީހުންނަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮންމެ ވާހަކައެއް ދެއްކިއަސް ސަލްމާން އަންޞަރްގެ ނަން އާދެއެވެ. ރައްޓެހިން ބައެއް ފަހަރު ފަލަކަށް މަލާމާތްވެސް ކުރެއެވެ. އެކަމަކާ އެނާ އަޅައެއް ނުލައެވެ.
ތިން އަހަރު ފަހުން ސަލްމާން އާއި ފަލަކުގެ ކާވެނި ކުރެވުނެވެ. ކާވެނީގެ ކުރިން ސަލްމާން ގެއެއް ގަތެވެ. ކާވެންޏަށް ފަހު ފަލަކު އެ ގެއަށް ބަދަލުވިއެވެ. ކާވެނީގެ ކުރިން ސަލްމާން އާ މެދު އޭނާގެ ހިތުގައި އުފެދުނު ހުރިހާ އުދާހެއް ފިލިއެވެ. ސަލްމާންވީ އޭނާ ބޭނުންވި ކަހަލަ އޯގާތެރި ފިރިއަކަށެވެ. އޭނާ ފަލަކުގެ ކަންތައް ބަލަހައްޓަމުން ދިޔައީ ކުޑަ ކުއްޖަކު ގެންގުޅޭ ފަދައިންނެވެ. ކުރީން ހުންނަ ހެން ނެގިމަޑުވެފައެއް ވެސް ނުހުރެއެވެ. ވާހަކަ ދައްކައި ސަމާސާ ކޮށް ހަދަން ފެށިއެވެ. ފިރިމީހާ އަތުން ބީވެގެން ހިނގައިދާނެތީ އޭނާގެ ހިތުގައި ކުރިން އޮތް ބިރުވެރިކަމެއް ވެސް މިހާރަކު ނެތެވެ.
މީގެ ކުރިން މިކަހަލަ އުފަލެއް އޭނާއަކަށް ނުލިބެއެވެ. "ފިރިމީހާއަށްޓަކައި އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކުރީމު. އޭނާގެ ހިތް ރުއްސުމަށްޓަކައި އެތައް ކަމެއް ގުރުބާން ކުރީމު. އަހަރެން ވީ ގުރުބާނީ ގައިމު ބޭކާރެއް ނުވި. އޭނާއަށްޓަކައި އަހަރެން ވީ ގުރުބާނީ ސަލްމާން އަންޞަރަށް ރަނގަޅަށް އެނގޭ. އޭނާ އަހަރެން ވީ ގުރުބާނީގެ އަގު ވަޒަންކޮށްފި." ފަލަކުގެ ހިތަށް އެރައެވެ.
ސަލްމާނަކީ މިނިވަން ޚިޔާލުގެ މީހެކެވެ. ފަލަކުގެ ވިސްނުން ހުންނަނީ ވެސް އެކަހަލަ ގޮތަކަށެވެ. ޝޭރް އަފްޣާން އާ މައިމޫނާގެ ހަމައެކަނި ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި ދީނީ ކަންކަމަކަށް ސަމާލުކަމެއް ނުދެއެވެ. ފަލަކު ކުޑައިރު ގުރުއާން ޚަތިމުކުރިއެވެ. އޭގެ ފަހުން ދުވަހަކުވެސް އޭނާ ޚަތިމަކު އަތެއް ނުލައެވެ.
(ނުނިމޭ)
kobaa 3
Nala
Vaahaka kiyaafa comment kuraa kudhin kolhu kobaatha. Aa vaahaka feshunu kan neyn'genee kanneyn'ge dhoa.
Mives hama varah nala vaahaka akah vaanehen heevey
ވ. ރީތި