ފަލަކް - 6

(23 ނޮވެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑު މިހުންނަނީ ވަަރަށް ލަދު ގެންފައި. އެކަމަކު ކީއްތޯ ކުރާނީ؟ މުއައްޒަފުންނަަށް ނަސޭހަތް ދެވިދާނެ. އެކަމަކު އިސްވެރިޔާއާ ވާހަކަ ދައްކާނީ ކިހިނެއްތޯ؟ އެ އަންހެން މީހާއާ ސަލްމާންގެ ވާހަކަ މިތާ ތެރޭގައި ދެކެވޭ ވާހަކަ އަޅުގަނޑު ސަލްމާނަށް ދެންނެވިން. އަޅައެއް ނުލެއްވި. ކޮންމެ ދުވަހަކު ހަވީރު އޮފީސް ނިންމާފަ ވަޑައިގަންނަވަނީ އޭނާ ގޮވައިގެން. ކުރިން އޭނާ އުޅުނީ މިތާ އެއްޗެހި ބަންދުކުރަން. ފަހުން އެބައިގެ ބޮޑުމީހަކަށް އޭނާ ބަދަލުކުރި. އެވާހަކަ ބުނުމުން ރުޅި އައިސްގެން ހަޅޭއްލެވި. އަހަންނަކީ އޭނާއާ ގުޅުމެއް އޮތް މީހެއް ނޫންކަމަށް ބުނި. އެހެންވީމާ އޭނާގެ މަސައްކަތާ މެދު ކަންބޮޑުވާނެ ކަމެއް ނެތޭ ބުނި."

"އޭނައަށް ގޮވާ." ފަލަކް އަނެއްކާވެސް ބުންޏެވެ. އޮފިސަރު ފިޔޯނު ގާތު އެ އަންހެން ކުއްޖާ ގެންނަން އެންގިއެވެ. އެއަށްފަހު އޭނާ ފަލަކު ގާތު ކޮންމެވެސް ވާހަކައެއް ބުނަން މަސައްކަތް ކުރިއެވެ. ފަލަކް އޭނާ ހުއްޓުވިއެވެ. "އަހަރެން މިތަނަށް އައީ ތި ހާސަރު އަޑުއަހާކަށް ނޫން." އޭނާ ވަރަށް ހަރުކަށި ރާގަކަށް ބުންޏެވެ. އެމީހާ ލަދުން އިސްޖެހިއެވެ.

އެ އަންހެން މީހާގެ އިންތިޒާރުގައި އިން އިރު ފަލަކުގެ ހިތް ބާރަށް ތެޅެއެވެ. ދޮރު ހުޅުވުނު އަޑަށް އޭނާ ތެދުވިއެވެ. އަދި ހައިރާންވެފައި އެމީހާއަށް ބަލަން ހުއްޓެވެ.

"އަޅުގަނޑު ހޯއްދެވިންތޯ؟" އެ އަންހެން މީހާ އެހިއެވެ.

"އާނ. އަަހަރެން..."

"އޭނާ ފޮނުވާލާ." ފަލަކް ބުންޏެވެ. ފަލަކްގެ މޫނު މައްޗަށް އަނދިރިވާން ފެށިއެވެ. އެތަނުން ނުކުމުގެން ދަމުން އެ އަންހެން މީހާ ފަލަކާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

ފަލަކު ގުޑިލަންވެސް ނޭނގިފައި ހުރީއެވެ. އޭނާގެ ހަނދާނަށް އައީ ކުރީ ރޭ ސަލްމާން ދެއްކި ވާހަކައެވެ. އެ އަންހެން ކުއްޖާގެ މޫނު އެންމެ ދުވަހަކުވެސް ނުފެނިއްޖެނަމަ ދުނިޔެއިން އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ސަލްމާން ބުންޏެވެ. ސަލްމާންގެ ކޮންމެ ލަފުޒެއް ވަކިވަކީން ފަލަކުގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

ދެން އޭނާގެ ހަނދާނަށް އައީ ކޯރުގެ އައްސޭރީގައި އިށީނދެލައިގެން އިން އުމުރުން ދުވަސްވީ މީހާ ބުނި ވާހަކައެވެ. ކޮންމެ އިންސާނަކަށްވެސް ކަލާނގެ މަތިން ހަނދުމަ ވަނީ ބޮޑު ކަމެއް ދިމާވެ ކަކޫ މައްޗަށް ތިރިވީމައެވެ. އެ މީހާ ދެއްކި ހުރިހާ ވާހަކައެއްވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އަހަންނަށް ލިބިފައިނުވާ ނިއުމަތްތައް އެ އަންހެން މީހާއަށް ވަނީ ލިބިފައެވެ. ސަލްމާންގެ ލޯ މަތިން އަހަރެން ގެއްލުވައިލީ ކަލާނގެއެވެ.

ފަލަކަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ އޮފިސަރު އޭނާއަށް ގޮވުމުންނެވެ. ފަލަކުގެ ދެ ލޯ ހުރީ ކަރުނައިން ފުރިފައެވެ. އޭނާގެ ހާލު ރަނގަޅުހެން ހިއެއް ނުވެއެވެ. ފަލަކު ދަބަސް ނަގައިގެން އޮފީހުން ނުކުތެވެ.

"މިއީ ދޮރެއް. އިންސާނާ އަކީ ދޮރެއް. ދޮރެއްގެ ބޭނުމަކީ މީހާއަށް މަގެއް ހުޅުވައިދިނުން، ނުވަތަ މަގު ބަންދުކުރުން. ކަލާނގެ ވަނީ ކޮއްކޮގެ މަގު ބަންދުކޮށްފައި. މިމަގުން ކުރިއަށް ދެވޭނެހެން ހިއެއްނުވޭ. ލޯތްބަކުން އިންސާނާ ކުރާނެ ކަމެއް ބުނެބަލަ. އަދި އެހެން ދުނިޔެއެއް އެބައޮތް. އެ ދުނިޔެއާ މެދު ވިސްނާލަބަލަ. ކަލާނގެ ރުއްސެވުން ނޭދެނީ ކީއްވެގެން؟" އަނެެއްކާވެސް އެ މުސްކުޅި މީހާގެ އަޑު އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ.

އޭނާ ގެއަށް ގޮސް ގައިގައި އަޅާފައި ހުރި ހުރިހާ ގަހަނާއެއް ނެގިއެވެ. ދެން ފާޚާނާއަށް ވަދެ މޫނު ދޮވެގެން ނުކުމެ ކޮޓަން ފަޮތީގެ ކުރުތާއެއް ލިއެވެ. ގަހަނާތަކަށް ބަލަން ހުރެފައި ސޯފާއަށް ލެނގިލައިގެން ދޫލަ މަތީގައި އިށީނެވެ. ބޮކި އަލި އެޅުމުން ގަހަނާތަކުން ދަޅައަޅައެވެ. އޭނާ ކަޅިޖަހާނުލައި އެއަށް ބަލަން އިނެވެ. އެތާ އިނދެވުނީ ކިހާ އިރަކަށް ކަމެއްވެސް ނޭނގެއެވެ.

ކޮޓަރިއަށް ވަދެފައި ގަހަނާތައް އެތަންމިތަނަށް އުކާފައި ހުރިތަން ފެނުމުން ސަލްމާން ހައިރާންވިއެވެ. އޭރުވެސް ފަލަކް އިނީ ސޯފާއަށް ލެނގިލައިގެންނެވެ.

"މިއަދު ފެކްޓަރީއަށް ދިޔައިންތަ؟" ބްރީފްކޭސް އެނދުމަތީގައި ބަހައްޓާފައި އައިސް އޭނާ ފަލަކު ކުރިމަތީގައި ހުއްޓުނެވެ. ފަލަކް ލޯ ހުޅުވާފައި ސަލްމާންގެ ފައިގެ ބޮޑުވާ އިނގިލިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ.

"ތާބިންދާ އާ ބައްދަލުކުރަން ދިޔައީ ކީއްކުރަން؟" އޭނާ ވަރަށް ރުޅި އައިސްފައި އެހިއެވެ.

"ސަލްމާން ތާބިންދާއާ އިންނަން އަހަރެންގެ އިއުތިރާޒެއް ނެތް." ފަލަކް ބުންޏެވެ. ސަލްމާނަށް ލިބުނީ ޝޮކެކެވެ. ފަލަކް ބިންމަތިން ތެދުވިއެވެ. ސިޓީންރޫމަށް ގޮސް އޭނާގެ ގެއަށް ގުޅިއެވެ.

"އޯ، ފަލަކް. ދަރިފުޅު ހާދަ ދަންގަޑިއެއްގަ. އަނެއްކާ ކިހިނެއްވީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟ ދަރިފުޅު. އަނގައިން ބުނެބަލަ." ފޯނު ނެގީ ފަލަކްގެ މަންމައެވެ.

"މަންމަ ބުނަމެއްނު އަހަންނަށް ދިރިއުޅުމުގެ ހުރިހާ އެއްޗެއް އުނގަންނައިދިނީމޭ. އަހަންނަށް ކިޔައިނުދޭ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވެސް މަންމަ ބުނަމެއްނު. މަންމާ، އެއީ ހުސް ދޮގު. ދިރިއުޅުމުގެ އެންމެ މުހިއްމު ކަންތައް މަންމަ އަހަންނަށް ބުނެއެއް ނުދޭ." އޭނާ ބުންޏެެވެ.

"ދަރިފުޅާ، ކިހިނެއްވީ؟ މަންމަ ދަރިފުޅަށް ބުނެނުދެނީ ކޯޗެއް؟ ދަރިފުޅުގެ އަޑަށް ކިހިނެއްވީ؟"

"މަންމަ އަހަންނަށް ބުނެނުދެމެއްނު ﷲ ދެކެ ލޯބިވުމަށް. ކަލާނގެ ވޮޑިގެންވާކަމާއި ކަލާނގެ ހަޒްރަތުން ވާގި އެދެން އަހަންނަށް ދަސްކޮށެއް ނުދެމެއްނު. މަންމަ ތިވަނީ އަހަރެން ސަލާންޖަހާ މީހަކަށް ހަދާފައި. ކީއްވެ، އަހަންނަށް މިހެން ހެދީ ކިއްވެ؟" މިހާރު އޭނާ ބާރަށް ރޮނީއެވެ. "މަންމަގެ ސަބަބުން އަހަންނަކަށް ނުކެރޭނެ މި ދުނިޔެއަށް އަހަރެންގެ މޫނު ދައްކަން ވެސް. އަހަރެން ވެއްޓިފައިމިވާ ވަޅުގަނޑުން އަހަރެން ސަލާމަތް ކޮށްދޭނެ އެކަކުވެސް ނެތް. އަަހަރެން މުޅިން އެކަނިވެރި ވެއްޖެ. މަންމާ. މަންމަ އަހަންނާ ދެޭތެރޭ ކަންތައް ކޮށްފައިވަނީ ބޭއިންސާފުން." އޭނާ މޮޔައެއްހެން ހަޅޭއްލަަވަމުން ދިޔައެވެ.

ގޭގެ ހުރިހާ ޚާދިމުން ސިޓިންރޫމަށް ނުކުތެވެ. އޭނާގެ ހަޅޭކުގެ އަޑަށް ސަލްމާން ވެސް ކޮޓަރިން ނުކުތެެވެ. ފަލަކުގެ އަތުން ފޯނުގެ އަތްގަނޑު ދޫވިއެވެ. އޭނާ އަދިވެސް ހަޅޭއްލަވަމުން ދިޔައެވެ. "ﷲގެ ލޯތްބަކީ ކޯޗެއްކަން މަންމަ އަހަންނަކަށް ބުނުއެއްނުދޭ. ﷲގެ ހަޒްރަތުން ކަންކަމަށް އެދޭކަށްވެސް ބުނެ ނުދޭ. ﷲ ގެ މަގުން އަހަރެން އެއްކިބާ ކޮށްފީމު."

ފަލަކް މަޑުމަޑުން ލޯ ހުޅުވިއެވެ. އޭނާގެ ކައިރީގައި އިށީނދެގެން މަންމަ އިނެވެ. ތަންކޮޅެއް ދުރުގައި އޭނާގެ ބައްޕައާ ވާހަކަ ދައްކަން މީހަކު ހުއްޓެވެ. ފަލަކު އޮތީ ވާނުވާ ނޭނގިފައެވެ. އޭނާ ވަށައިގެން ހޯދާލިއެވެ.

"މީ ކޮންތަނެއް؟ ކޮން ކޮޓަރިއެއް؟ އާނ. ހަނދާން ވެއްޖެ. މީ އަހަރެންގެ ކޮޓަރި، އަހަރެންގެ ގެ."

އިރުކޮޅަކުން ޑޮކްޓަރު އައިސް އޭނާގެ އަތަށް އިންޖެކްޝަނެއް ޖެހިއެވެ. މާ ގިނައިރެއް ނުވެ އޭނާގެ ލޯ މެރުނެވެ.

"ފަނަރަވަރަކަށް މިނެޓުތެރޭ ހަމައަކަށް އެޅޭނެ. މިހާރު ރަނގަޅުވޭ އެބަ. ދެން ހަޅޭކެއް ނުލަވާނެ." ފަލަކަށް ޑޮޮކްޓަރުގެ ވާހަކަ އަޑުއިވެއެވެ.

އަނެއްކާވެސް ލޯ ހުޅުވިއިރު ކޮޓަރިތެރޭަގައި ތިބީ ހަމަ ކުރިން ވެސް ތިބި މީހުންނެވެ. މަންމައާއި ބައްޕަ އަދި ޑޮކްޓަރެވެ. އޭނާ އެއިން ކޮންމެ މީހަކަށް ވަކިވަކިން ބަލައިލިއެވެ. އެއަށްފަހު ތެދުވެ އެނދުގައި އިށީނެވެ.

"މިހާރު ކިހިނެއް؟ ރަނގަޅުތަ؟" ޑޮކްޓަރު އެހިއެވެ.

"ރަނގަޅު." ފަލަކް ބުންޏެވެ. ދެން ހުރިހާ ކަމެއް ހަނދާންވާން ފެށިއެވެ.

"އަހަރެން ގޮސްލާނަން. ކުޑަ އިރުކޮޅަކުން ލުއި ކާއެއްޗެއް ދީ. މިހާރު ރަނގަޅުހެން ހީވަނީ. މާދަމާ ހެނދުނު އަންނާނަން." އޭނާ ދަބަސް ނަގައިގެން ކޮޓަރިން ނުކުތެވެ.

މަންމަ ފަލަކު ގައިގައި ބައްދާލިއެވެ. "ﷲ އަށް ޙަމްދުހުރި. ދަރިފުޅުގެ މިހާރު މުޅިން ރަނގަޅުވެއްޖެ."

"އަހަންނަށް ކިހިނެއްވީ؟"

'ދަރިފުޅު ބަލިވީ. ހޮސްޕިޓަލުގައި ހަފްތާއެއް ކޮށްފަ ގެއަށް މިގެނައީ. ހޭއަރާ އިރަށް ދަރިފުޅު ހަޅޭއްލަވަން ފަށާ. އެހެންވެ ނިންދަވާފައި ބާއްވަނީ. ކިހިނެއްވީ؟ މަންމަ ގާތު ބުނެބަލަ. ސަލްމާނާ ދަރިފުޅާ މައްސަލަ ޖެހުނީތަ؟" އޭނާ އެހިއެވެ.

"ނޫން. އެއްވެސް ކަމެއް ނުވޭ. ހިނގާބަލަ، ބޭރަށް. މިތާ އޮތީމާ ހާސްވަނީ." ބިންމަތީގައި ފައި ޖައްސާއިރަށް އޭނާ އަނބުރައިގެންފިއެވެ. މަންމަ އޭނާ އެނދުގައި ބޭންދިއެވެ. އިރުކޮޅަކުން އަނެއްކާވެސް އޭނާ ތެދުވަން މަަސައްކަތް ކުރިއެވެ. މިފަހަރު އޭނާ ތެދުވިއެވެ. މަންމައާއެކު އޭނާ ބަގީޗާއަށް ނުކުތެވެ. މަންމަ އޭނާ ގޮނޑިއެއްގައި ބައިންދާފައި ގޮސް ޖޫހާއި މޭވާ ގެނައެވެ.

އިރުއޮއްސެން ކައިރިވުމުން ގޭތެރެއަށް ވަންނަން ފަލަކު ގާތު މަންމަ ބުންޏެެވެ.

"ނޫން. އަހަރެން އިންނާނީ މިތާ." އޭނާ ގޮނޑިއަށް ލެނގިލިއެވެ.

އޭނާގެ މަންމަ މައިމޫނާ އޭނާއަށް ބަލަން އިނެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ފަލަކްގެ ލޯ ކައިރި ހުރީ މުޅިން ކަޅުވެފައެވެ. އޭނާ ހުރީ ދޮންފޫޑުވެފައެވެ. އޭނާ ކަޅިޖަހާނުލައި ފާރަށް އަރުވާފައި އޮތް ބޯގަންވިލާ ވެލަށް ބަލަން އިނެވެ.

"މަންމާ. އަންހެނަކަށް ފިރިހެނެއްގެ ބޭނުންޖެހެނީ ކީއްވެ؟ މަންމައަށް އެނގޭތަ؟ ފިރިހެން މީހާއަކީ އަންހެން މީހާ އަށް ދޮރެއް. ދޮރެއްގެ ބޭނުމަކީ ކުރިއަށް ދާނެ މަގު ހުޅުވުން ނުވަތަ އެ މަގު ބަންދުކުރުން. މަންމާ. އެ ދޮރު އަހަރެންގެ މަގު ބަންދުކޮށްފި. އަހަރެންގެ އެކަންޏެއް ނޫން. ހުރިހާ އަންހެނުންގެ މަގުވެސް. އަންހެނުންނަށް ނަބިއްޔަކަށް ވެސް ނުވެވެނީ އެހެންވެ. އޭނާ ނޫޅޭނެ ބަންދުވާ ދޮރެއް ހުޅުވާކަށް. ދޮރުބުޑުގައި އިށީނދެ އިންނާނީ. އެ ދޮރަށް ބޮސްދީ ދީ އަޅުކަންކޮށްކޮށް އިންނާނީ. އެހެންވީމާ މަގު ބަންދުނުކުރަންވީ ސަބަބެއްވެސް ނެތްތާ؟" މައިމޫނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ފަލަކް. ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ތިގޮތަށް ވާހަކަ ދައްކަނީ ކީއްވެ؟"

"ނޭނގޭ މަންމާ. އަންހެން މީހާ އަކި މި ބޯގަންވިލާ ކަހަލަ ވެޔޮގަނޑެއް. ފިރިހެން މީހާއަކީ އެ ވެޔޮ އަރުވާފައި އެ ހުރި ފާރު. އެ ވެޔޮގަނޑުގެ ހުރިހާ ކަމެއް ބިނާވަނީ ފާރަށް. ފާރަށް ވުރެ މައްޗަކަށް ވެސް ނާރާނެ. ފާރު ނެތިއްޔާ ހީވާނީ ތިމަންނަ އޮންނާނީ ބިންމަތީގައޭ. މަގު އޮޅިފަ. އަދި ހިނގާފައިދާ އެންމެންގެ ފައި ދަށުވެ ޗިސްވާނެ. އެމީހުންނަކަށް ބިންމަތީގައި އޮންނަ އެއްޗެއް ނުފެންނާނެ. މުޅި އުމުރު އެ ވެޔޮގަނޑު ފާރަށް ޝުކުރުވެރިވާނެ. އަދި ފާރަށް ހިޔާދޭނެ. އޭގެ މާތަކުން ފާރު ޒީނަތްތެރިކުރާނެ. ހިކި އަނަރޫފަ ވާން ފެށުމުން ބޮނޑެއްހެން ފާރުގައި ވަކި ހިއްޕައިގެން އޮންނަން މަސައްކަތް ކުރާނެ. ހިކި އަނަރޫފަ ވީމާ ފާރު ނޫން އެހެން އެއްވެސް އެއްޗެއްގެ އެހީއެއް ބޭނުމެއް ނުވޭ. އެކަމަކު ފާރު... މަންމައަށް އެނގޭތަ؟ ފާރަށް ލިބޭ ފައިދާ އެނގޭތަ؟ ވެޔޮގަނޑު އޮންނަނީ މުޅީ ފާރު ފޮރުވައިގެން. ފާރަށް ހިޔާ ދީގެން. ފާރު ހުންނަނީ އޭގެ ފަހަތުގައި ފޮރުވިގެން. އަންނަ ހުރިހާ ނުރައްކަލަކުން ފާރަށް ރައްކާތެރިކަން ހޯދައިދެނީ ވެޔޮގަނޑު. ފާރުގައި މީރު ވަސް ދުއްވައި ފާރު ރީކޮށްދޭ. މި ހުރިހާ ކަމެއް ކޮށްދޭ އިރުވެސް މަރު ދުވަހާ ހަމައަށް ވެޔޮގަނޑު އޮންނަނީ ފާރަށް ދަރަނިވެރިވެފައި. ފާރުކޮށްދޭ ހަމައެކަނި ކަމަކީ ވެެޔޮގަނޑަށް ޖާގައެއް ހޯދައިދިނުން. އެހެންކަމުން ފާރު އޭގެ ނާޖާއިޒު ފައިދާ މުޅި އުމުރު ނަގާ. ވެޔޮގަނޑު މަރުވަންދެން އޭގެ ނާޖާއިޒު ފައިދާ ނަގާ."

"ފަލަކް، ހިނގާ އެތެރެއަށް."

"ފިރިހެނަކު ފެނުނީމާ އަންހެނުންނަށް ހީވަނީ މުޅި ދުނިޔެ މިލްކު ވީހެން. ހުރިހާ ކަމެއް ފުރިހަމަ ވީހެން. އެހެންކަމުން. އެހެންކަމުން އަންހެން މީހާއަށް ހުރިހާ އެއްޗަކީ ފިރިހެން މީހާ، ކަލާނގެ. ހަޔާތުގައި ހާސިލުކުރެވޭ ކޮންމެ ކަމަކީ ފިރިހެން މީހާގެ ސަބަބުން ހާސިލުވާ ކަމެއްހެން ހީވޭ. އަންހެން މީހާގެ މަގްސަދަކަށްވެފައި އޮންނަނީ ފިރިހެންމީހާ ހިތްހަމަޖައްސައިދިނުން. އޭނާ ބުނާ ކޮންމެ ގޮތަކަށް އުޅުން، ކޮންމެ ވާހަކައެއް ގަބޫލުކުރުން. ކަލާނގެ ވޮޑިގެންވާ ކަމެއް ހަނދާނަކު ނުހުރޭ. ހުރިހާ ވެސް އެއްޗަކީ އިންސާނާ. އެހެން އުޅެނިކޮށް ފިރިހެންމީހާ އޭނާ ދޫކޮށްލީމާ އޭނާއަށް ހީވަނީ ދުނިޔެ ހުސްވީހެން. ﷲ އަހަރެމެން އުފެއްދެވީ އެކަލާނގެ އަށް އަޅުކަން ކުރުމަށް. އެކަމަކު އަހަރެމެން މިތިބެނީ ފިރިހެނަކަށްޓަކައި މަރުދޭން ތައްޔާރަށް. ފިރިހެނެއްގެ ލޯބިން މަހްރޫމު ވެއްޖެނަމަ އަހަރެމެން އަމިއްލަ ފުރާނަ ނަގައިލަންވެސް ފަހެއް ނުޖެހޭ."

"ފަލަކް، ހުއްޓާލަބަލަ. ތީ ކޮންހާ ބޭކާރު ވާހަކައެއް؟"

"މަންމާ، ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް އޭނާ ދެކެ ލޯބިވާ ވާހަކަ އަހަރެންވެސް އޭނާ ގާތު ބުނިން. އޭނާ ބުނި އެއްޗެއް އެނގޭތަ؟ ތިމަންނައަށް ފަރުވާލެއް ނެތޭ. ﷲ ދެކެ ލޯބިވާ ކަމަށް ބުނި ނަމަ ﷲ  އިޖާބަދެއްވާނީ އެހެންތަ؟ އަހަރެންގެ ކުށަކީ ކޮަބައިތޯ އެހީމާ ބުނީ ނޭނގޭ ކަމަށް. ﷲ އަށް ދެންނެވިނަމަ އިޖާބަ ދެއްވާނީ އެހެންތަ؟ އޭނާއަށްޓަކައި އަހަރެން އިތުރަށް ކޮށްދޭންވީ ކޮންކަމެއްތޯ އެހިން. ޖަވާބުގައި ބުނީ އަހަންނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމުގައު. އެކަމަކު ﷲ ގެ ހަޒްރަތުން ލިބޭނީ އެ ޖަވާބުތަ؟ މަންމާ، ﷲ އާ އިންސާނުންނާ ހުރި ފަރަގަކީ މިއީ. ﷲ މީހުން ދޫކޮށެއްނުލައްވާނެ. އިންސާނާގެ ބޭނުން ފުދުނީމާ މީހުން ނަގައި އެއްލާލާނެ."

"ފިރިހެނުންނަށްޓަކައި އަންހެނުން އެ މީހުންގެ އެތެރެފުށާއި ބޭރު ފުށް މުޅިން ބަދަލުކުރޭ. ހިތާއި މުޅި މީހާ ބަދަލުވޭ. އެއީ އޭނާ އުފަލުގައި ބެހެއްޓުމަށްޓަަކައި، ރުޅީ ނާރުވަން، އެހެން ދިމާއަކަށް ނުދޭތޯ. އެކަމަކު ﷲ އަށްޓަކައި އަހަރެމެން އެތެރުފުށާއި ބޭރުފުށުން ބަދަލުވާން ދެކޮޅު ހަދަމު. އިސްތަށިގަނޑު ނިވައި ކުރަން އެންގެވީމާ ތިމަންނާގެ އަނބިމީހާ އުޅޭނީ ޒަމާނާ އެއްގޮތަށް ކަމަށް ބުނޭ. އަންހެނުންވެސް އަހަނީ އިންސާނާގެ އަޑު. ހަށިގަނޑު ނިވައިކޮށް ރީތިކަން ފޮރުވަން އެންގެވީމާ އެކަން ނުކުރުމަށް އިންސާނާ އަންގާ. މުޅި އުމުރު ހޭދަކުރާނީ އޭނައާއެކު ކަމަށް ބުނެ އެ އިރުޝާދަށް ތަބާވަމު. އެކަމަކު އެ ގުޅުން ކޮންމެ އިރަކުވެސް ވަކިވެދޭ. އެ ވަގުތީ އުފާ ގެއްލުނީމާ އަހަރެމެން ހިތާމަކުރަމު. ﷲ އަންހެން މީހާ ހައްދަވާފައިވަނީ އެހެން މީހަކަށް ބަރޯސާވެގެން އުޅޭކަން ނޫން. ނުވަތަ މީހެއްގެ އަޅެއްގެ ގޮތުގައި އުޅޭކަށް ވެސް ނޫން. މީހެއްގެ އަޅަކަށް ވަނީ އޭނާ އަމިއްލައަށް. ﷲ އަށް އަޅުކަން ކުރުމުގެ ބަދަލުގައި ފިރިހެން މީހާއަށް އަޅުކަން ކުރަނީ އަމިއްލަ އިޚްތިޔާރުގައި."

ފަލަކްގެ ކޯތާފަތްމަތިން ކަރުނަ ފަައިބާތަން ބަލަން މައިމޫނާ އިނެވެ. "ފަލަކް، ދަރިފުޅާ. ނުރޮއެ. ވެދިޔަ ކަމެއް ވެދިޔައީ."  

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

6 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.