ފަލަކް - (1)

"ހެޔޮނުވާނެ ފަލަކް! މޭކަޕްކުރަން ތި ހޭދަވާ ވަގުތަށް ވުރެ އަވަހަށް ހަނދަށް ގޮސްފައި ވެސް އާދެވޭނެ. އަދި އެއްފަހަރު ބުނަންތަ، ސަލްމާން އަންޞަރު އެތަނަކަށް ނުދާނެ؟ އެހެންވީމާ ތިވަރަށް މޭކަޕް ކުރުމުގެ ބޭނުމެއް ނެތް!"

އިތުރަށް އެމަންޒަރު ބަލަން ރަޝްނާއަކަށް ނުހުރެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާގެ މަލާމާތަކުން ނުވަތަ ޖެއްސުމަކުން ފަލަކަށް އެއްވެސް އަސަރެއް ކުރާހެން ހިއެއް ނުވެއެވެ. ހަމަޖެހިލައިގެން އިނދެ ކެތްތެރިކަމާއެކު އޭނާ ލޮލުގައި މަސްކާރާގެ އިތުރު ފަށަލައެއް ލަނީއެވެ.

"ފަލަކް، ނިންމަން އުޅޭ ދެން! އަހަރެމެން ދާން މިއުޅެނީ ކޮންސަރޓަކަށް. ފެޝަން ޝޯއަކަށް ނޫން. ފަލަކްގެ ހިމޭންކަމުގެ ސަބަބުން ރަޝްނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އައި ރުޅީގައި ޑްރެސިން ޓޭބަލް މަތީގައި ހުރި މޭކަޕް ފޮށި ނަގައި ލައްޕާލައިފިއެވެ.

ފަލަކް އޭނާގެ އަތުން އެ ފޮށި ޖަހައިގަތެވެ. އަދި ބުންޏެވެ. "ކޮބައިތަ މައްސަލައަކީ؟ ދެތިން މިނެޓަށް ކެތް ނުކުރެވެނީތަ؟"

"އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ބުނަންތަ؟ ތިކަމަށް ތި ހޭަދަކުރާ ވަގުތުގެ އަސަރު ފަލަކަށް ފެންނާނެ ދުވަހެއް އަންނާނެ!"

ރަޝްނާގެ ވާހަކަ އޭނާއަށް އަޑު އިވޭހެން ހިއެއް ނުވެއެވެ. މަޑުމަޑުން ލޮލުގައި މަސްކާރާ އުނގުޅަމުން ދިޔައެވެ. ރަޝްނާގެ ތުންފަތަށް ނުލަފާ ހިނތުންވުމެއް ވެރިވިއެވެ. ޑްރެސިން ޓޭބަލް މަތީގައި އިށީނދެ ފަލަކްގެ މޫނާ މޫނު ކައިރިކޮށް އޭނާގެ މޫނަށް ބަލަން ފެށިއެވެ. މީހަކު ޖެއްސުންކުރަން އުޅޭކަމެއް ފަލަކަކަށް ނޭނގެއެވެ. އޭނާ ފަރުވާތެރިކަމާއެކު މޭކަޕް ކުރަމުން ދިޔައެވެ.

"ފަލަކް، ތިވަރަށް މޭކަޕް ކުރުމުގެ ބޭނުމެއް އަޅެ ބުނެބަލަ! މީހާގެ އެއްވެސް އުނި ސިފައެއް ހުރީކީ ނޫން. ހުރިހާ ގޮތަކުންވެސް އެހާ ފުރިހަމަ. އުފެދުމުގައި އުނި ސިފައެއް، ނުވަތަ އައިބެއް ހުންނަ މީހުންނަށް މޭކަޕްގެ ބޭނުންޖެހޭނެ. އެކަމަކު ފަލަކުގެ މޫނުގައި ތިވަރަށް ތިއެއްޗެހި އުނގުޅުމުގެ ބޭނުމެއް އެބައޮތްތަ؟"

ފަލަކްގެ މޫނުމަތީން ހިނިތުންވުމުގެ އަސަރު ފާއްދާލިއެވެ. ކަނާތު ބުމަ ހިއްލާލާފައި ފަޚުރުވެރިކަމާއެކު ބުންޏެވެ. "އަހަންނަށް އެނގޭ މޭކަޕްގެ ބޭނުމެއް އަހަންނަށް ނެތްކަން. އެކަމަކު މޭކަޕަކީ ސަލްމާން ވަރަށް ގަޔާވާ އެއްޗެއް. ސަލްމާން އެހާ ގަޔާވާ އެއްޗެއް ފަލަކަށް ކަމުނުދާންވީ ކީއްވެ؟ ރަޝްނާ ކަމާލް! އަހަރެން މޭކަޕް މިކުރަނީ އެންމެ މީހަކަަށްޓަކައި. އޭނާގެ ނަޒަރު އެކި ދިމަދިމާއަށް އެނބުރުނަ ނުދިނުމަށް. އޭނާގެ ޚިޔާލުގައި ހަރުލާފައި ހުންނަ ހަމައެކަނި މޫނަކަށް ވާންވާނީ މި މޫނު. ފަލަކްގެ މޫނު. އެއްވެސް އިންސާނަކަށް އޭނާގެ ހިތް ފަތަހަ ކުރެވޭނެ ނަމަ އެ އިންސާނަކަށް ވާންވާނީ އަހަރެން." ފަލަކް މޭކަޕް ފޮށި ލެއްޕުމަށްފަހު ވަތްގަނޑަށް ލިއެވެ.

"މިހާރުވެސް އޭނާގެ ހިތް ފަތަހަކޮށްފީމު. އިތުރަށް ބޭނުންވެގެން ތިޔައުޅެނީ ކޮން އެއްޗެއް؟ އޭނާ ހުންނަނީ ފަލަކުގެ މަސްތުގައި ޖެހިފައި. ތިވަރަށް ނަލަހެދިލައިގެން ނެތަސް އެހެން މީހަކާ ދިމާއަށް ބަލައިލާނެ ހިތްވަރެއް އޭނާގެ ނުހުރޭ." ރަޝްނާގެ އަޑުގައި ހުރީ ހަސަދަވެރިކަމުގެ އަސަރެވެ.

ފަލަކްގެ އިސްތަށިގަނޑު އޮންނަނީ ކުރުކޮށް ކޮށާލާފައެވެ. ބޯ އޮމާންކޮށްގެން އޭނާ ތެދުވިއެވެ. މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. ދުނިޔެ މަތީގައި ރީތީގެ ލާމަސީލު މިސާލެއް ވާނަމަ އެ މީހަކީ ފަލަކް އަފްޣާން އެވެ. އެންމެ ފަހަރަކު އޭނާއަށް ނަޒަރު ހުއްޓުނު މީހަކު އެހެން މީހަކާ ދިމާއަށް ދުވަހަކުވެސް ނުބަލާނެއެއެވެ. އޭނާގެ ލޮލުގައި މީހުން މަސްތުކުރުވާ ފަދަ ބާރެއް ހުރެއެވެ. ފަލަކަށްވެސް އޭެނާއަކީ ރީތި ފަންމިންޏެއްކަން އެނގެއެވެ. މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓި ހުންނައިރު އޭނާގެ ހިތަށް އަރައެވެ. "އަންހެނަކަށް ވެހުރެމެ އަހަރެންވެސް މިއުޅެނީ އަމިއްލަ ނަފްސު ނޫން އެހެން ދިމާއަކަށް ކަޅި ހުއްޓާނުލެވިގެން. ވީއިރު ފިރިހެނަކަށް އަދި ކިހާ އުނދަގޫވާނެ!" މިކަހަލަ ޚިޔާލުގެ ސަބަބުން އޭނާ ކްލިއޮޕެޓްރާއަކަށް ބަދަލުވިއެވެ. ފާޚާނާގަ އާއި މޫނުބަލާ ލޯގަނޑު ކުރިމަތީގައި އެތައް ގަޑިއިރެއް ހޭދަކުރެއެވެ.

އިންސާނުންގެ ތެރެއިން ބައެއް މީހުންނަށް ދުނިޔެ މަތިން ލިބިފައިވަނީ އެންމެ ނިއުމަތެކެވެ. އެ ނިއުމަތުގެ އިތުރުން އެހެން އެއްޗެއް އެ މީހުންނަށް ލިބިފައެއް ނުވެއެވެ. އެއާ ޚިލާފަށް ހުރިހާ ނިއުމަތެއް ދެއްވާފައިވާ މީހުން ވެސް ދުނިޔޭގައި އުޅެއެވެ. ބޭނުން ހުރިހާ އެއްޗެކެވެ. ފަލަކަކީ މި ދެންނެވި ދެވަނަ ގިންތީގައި ހިމެނޭ ކުއްޖެކެވެ. އޭނާއަކީ ޝޭރް އަފްޣާން ޖަލީލްގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. ޖަލީލަކީ މަޝްހޫރު ސިނާއަތްތެރިއެކެވެ. ފަލަކްގެ މައިންބަފައިން އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެމީހުންނަށް ވާނެ ނަމަ އޭނާއަށް ދުނިޔޭގެ އެންމެ މަތީ ދަރަޖަ ދޭނެއެވެ.

ފަލަކް ހުންނަނީ އޭނާގެ ރީތިކަން އަމިއްލައަށް ފެނިފައެވެ. އެ ނޫން އިދިކީލި ސިފައެއް ފަލަކުގެ ކިބައަކުން ފާހަގައެއް ނުކުރެވެއެވެ. އެއީ އޭނާގެ ގައިން ޖިސްމާނީ އެއްވެސް އުނިކަމެއް ނުވަތަ ސިފައެއް އެހެން މީހުންނަށް ފާހަގަ ނުކުރެވޭތީ ކަަމަށް ވެސް ވެދާނެއެވެ.

ގެއާއި، ސްކޫލާއި، ކޮލެޖު އަދި ޔުނިވަރސިޓީ އިން ވެސް އޭނާއަށް އެންމެންގެ ލޯބި ލިބެއެވެ. އޭނާއަށް ތައުރީފު ކުރެއެވެ. އޭނާ ދެކެ ހަސަދަވެރިވާ ކުދީން ވެސް ފަލަކާއި ގާތްކަން ބޭއްވުމަށް ބޭނުންވެއެވެ. އޭނާގެ ޝަކުވާކުރާ މީހުން ނުވަތަ ގަޔާ ނުވާ ބަޔަކު އުޅުނަސް، އެބައެއްގެ ހާލުއަހުވާލު އޭނާ އޮޅުންފިލުވައެވެ. އެހިސާބުން އެ މީހުންނާ ގާތްކަން އުފެދެއެވެ. ފަލަކް ޝޭރް އަފްޣާން ވާހަކަ ދެއްކުމުން އެފަދަ ހަސަދަވެރީންގެ ހިތް އޮންނަނީ އަރާ އާސްމާނުގައެވެ. އެއަށްފަހު ދުވަހަކުވެސް އޭނާއާއި ދެކޮޅަށް އެއްޗެއް ނުބުނާނެއެވެ. އޭނާއަށް ފާޑުކިޔާ މީހުންގެ ހިތް އަތުލުމަކީ ފަލަކް އާއްމުކޮށް ކުރާ ކަމެކެވެ.

ފަލަކު ކިޔެވީ 'މާސްޓަރ އޮފް ފައިން އާޓްސް' އެވެ. އޭނާގެ މާގިނަ ރައްޓެހީންނެއް ނުތިބެއެވެ. ތިބޭ މަދު ރައްޓެހީންނަކީ ސްކޫލު ދައުރުގެ އެކުވެރީންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެކުވެރީންނާ އޮންނަ ގުޅުން ވެސް ބަދަހިވިއެވެ. ނަމަވެސް ރައްޓެހީން އިތުރެއް ނުވެއެވެ. ރަޝްނާއަކީ އޭނާގެ އެންމެ ގާތްް އެކަކެވެ. އެންމެ ގާތް ގުޅުމެއް ބާއްވަނީ ރަޝްނާ އާއި މަރިޔަމް އާއެވެ.

ފަލަކު ސްކޫލު ނުނިމެނީސް އޭނާގެ ކާވެންޏަށް އެދި މީހުން އަންނަން ފެށިއެވެ. ނަމަވެސް ހިކުމަތްތެރިކަމާއެކު އެހުރިހާ އެންމެންގެ އެދުމަށް އޭނާގެ ބައްޕަ އިންކާރުކުރިއެވެ. ޅައުމުރުގައި އޭނާގެ ދަރިފުޅުގެ ކާވެނިކުރުވަން ބޭނުންނުވީއެވެ. އިންނަން އަހާނެ މީހުން ހުސްނުވާނެކަން ވެސް އެނގޭތީއެވެ. ރީތީގެ ރާނީއެއްގެ އިތުރުން ފަލަކަކީ އޭނާގެ ފުރާނައެވެ. އޭނާގެ ހުރިހާ މުދަލަކާއި ފައިސާއެއް ވާރުތަ ވާނެ ހަމައެކަނި ދަރިއެވެ. ރަން ބިސް އަޅާ ކުކުޅަކާ އިންނާނެ މީހުން ހުހެއް ނުވާނެއެވެ.

ފަލަކުގެ ތައުލީމީ ހަޔާތް ހޭދަކުރީ އަންހެން ކުދީންނާއި ފިރިހެން ކުދީންގެ މަސްހުނި ސްކޫލާއި ކޮލެޖުންނެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާއަށް ހިތްކިޔާ މީހުން އުޅުނެވެ. އޭނާ އެއިން އެއްވެސް މީހަކަށް މާބޮޑު ޝައުގުވެރިކަމެއް ނުބަހައްޓައެވެ. އެކަކާވެސް ގަޔާ ނުވަނީ ތޯއްޗެކެވެ. ލޯބީގެ ގޮތުން މީހުންނާ ގުޅިގެން އުޅޭ މީހުންނަށް އޭނާ ކުރަނީ މަލާމާތެވެ. ރަޝްނާ އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. "ރީތި މީހުން އެހެން މީހުންނަށް މާ ބޮޑު އަޅާލުމެއް ނުބަހައްޓާނެއެވެ. ލޯބީގެ ވާހަކަހެއްޔެވެ؟ އެމީހުންނަށް ލޯބިވާންވެސް ނޭނގޭނެއެވެ." އެހެން ބުނާ ކޮންމެ ފަހަރަކު ފަލަކު ހިނިގަނޑެއް ޖަހާލައެވެ.

އޭނާއަށް ސަލްމާން އަންޞަރް ފެނުނީ ރައްޓެއްސެއްގެ ކޮއްކޮގެ ކާވެނީގެ ހަފްލާއިންނެވެ. އޭނާ އިނީ ރައްޓެހިންނާއެކު ސްވިމިންޕޫލް ކައިރީ އިށީނދެލައިގެންނެވެ. އާދައިގެ މަތިން އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައި ހުރީ އޭނާއަށެވެ. އޭނާއަށް އެކަން އެނގެއެވެ. އެކަމަކު އެކަމާ ކަންބޮޑުވެގެންނެއް ނޫޅެއެވެ. ރައްޓެހީންގެ ވާހަކަ އަޑު އަހަމުން އެމީހުންގެ ވާހަކައިގައި ބައިވެރިވެ ދޭތެރެއަކުން ހީނލައެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ޕޫލް ކައިރީގައި ހުރި އެހެން މޭޒަކަށެވެ. އެ މޭޒުގައި އިށީނދެގެން ތިބި މީހުންގެ ތެރޭގައި ވަރަށް ރީތި ފިރިހެނަކު އިނެވެ. އޭނާ ލައިގެން ހުރީ ކަޅު ޖިންސަކާއި ކަޅު ޖެކެޓެކެެވެ. ފަލަކް އިށީނދެގެން އިންތަނުން އެ މީހާގެ ރީތިކަން އޭނާއަށް ފެނެއެވެ. އެމީހާވެސް އިނީ ރައްޓެހީންގެ ވަހާކަ އަޑު އަހާށެވެ. އަތުގައި ހުރި ކޯކް ތަށިން ދޭތެރެއަކުން ކޯވަރެއް ބޯލައެވެ. ފަލަކު ކަޅިޖަހައިނުލައި އޭނާއަށް ބަލަން އިނެވެ.

ރައްޓެހިންނާ ވާހަކަ ދައްކަމުން ދިޔައިރުވެސް އޭނާގެ ނަޒަރު ހުރީ އެ ފިރިހެން މީއާ އަށެވެ. އިރުކޮޅެއް ވަންދެން އެ ދިމާއަށް ބަލަން އިނެވެ. އެ ދިމާއަށް ބަލަން އިން ހަމައެކަނި މީހަކީ އޭނާ ނޫންކަށް ފަލަކަށް ރޭކާލީ ދެނެވެ. އެހެން މޭޒުމޭޒުގައި ތިބި ކުދީން ވެސް އެ މޭޒަށް ކަޅިއަޅަމުން ދިޔައެވެ. އޭނާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ދެމިގަތެވެ. ތެދުވެގެން އެ މޭޒާ ދިމާއަށް ދާން އޭނާގެ ހިތަށް އެރިއެވެ.

ރަޝްނާ ގާތު ސިއްރުސިއްރުން އެހިއެވެ. "ރަޝްނާ، ސްވިމިން ޕޫލުގެ އަނެއް ފަރާތުގައި ހުރި މޭޒުދޮށުގައި އޭނީ ކާކު؟ ދަންނަ މީހެއްތަ؟"

ރަޝްނާ އެދިމާއަށް ބަލައިލިއެވެ. އޭނާ ބޯ ހޫރައިލިއެވެ. "ނޫން، ނުދަންނަން. ތީ އާ މީހެއް. އަލަށް މި ފެނުނީ." ފަލަކް އޭނާގެ އެހެން ރައްޓެހީން ގާތު އެ ސުވާލު ތަކުރާރު ކުރިއެވެ. އެއިން އެކަކު ވެސް އޭނާ ދަންނަ ކަމަކަށް ނުވިއެވެ.

"ރަމްޝާ ގާތު އަހާލަންވީނު. އޭނާގެ ޅިޔަނުގެ ރައްޓެއްސަކަށް ވެދާނެ." ރަޝްނާ ބުންޏެވެ.

އޭނާ ތެދުވެގެން ރަޝްނާއާއެކު ސްޓޭޖާ ކައިރިއަށް ދިޔައެވެ. ރަމްޝާ ހުރީ ސްޓޭޖު މަތީގައެވެ. ކޮއްކޮއާއި ޅިޔަނާ އެކު ފޮޓޯ ނަގާށެވެ. ފަލަކް އޭނާގެ އަތުގައި ހިފައިގެން އެއްކައިރިއަކަށް ޖެހިލާފައި އެ ފިރިހެން މީހާގެ ވާހަކަ އެހިއެވެ. އެއީ ކާކުތޯ އޮޅުންފިލުވަން ރަމްޝާ އޭނާގެ ބޭބެ ގާތަށް ދިޔައެވެ.

"އެއީ ސަލްމާން އަންޞަރް. އަހަރެންގެ ޅިޔަނު އަސްޢަދާ ދެބެންގެ ދެދަރި މީހެއް."

ސަލްމާނަށް އޭނާ ތައާރަފްކޮށްދިނުމަށް ފަލަކު އެދުނެވެ. "އެންމެ ރަނގަޅު. އަސްޢަދުގެ ކޮއްކޮ، ޖަމްޝީދު ވެސް އެބައިން އެ މޭޒުގައި. އެތަނަށް ގެންގޮސްދީފާނަން. އޭރުން އޭނާ އެ މޭޒުގައި ތިބި އެންމެންނަށް ފަަލަކު ތައާރަފުކޮށްދީފާނެ."

ރަމްޝާ އާއެކު ފަލަކް އެ މޭޒު ކައިރިއަށް ދިޔައެވެ. އޭނާގެ ހިތް ބާރަށް ތެޅެއެވެ. ކައިރިން ފެންނައިރު އެ މީހާ އަދި މާ ރީއްޗެވެ. ރަމްޝާ ޖަމްޝީދަށް ފަލަކު ތައާރަފުކުރިއެވެ. މޭޒުގައި އިށީނދެގެން ތިބި އެންމެންނަށް ޖަމްޝީދު އޭނާ ތައާރަފުކުރިއެވެ.

"ސަލާމް." ސަލްމާން ހިިނިތުންވެލާފައި ބުންޏެވެ. އެއަށް ފަހު އެކި ދިމަދިމާއަށް ބަލަން ފެށިއެވެ. ފަލަކް ހައިރާންވިއެވެ. އެ މޭޒުގައި ތިބި އެހެން މީހުންނާ ޚިލާފަށް ސަލްމާން އޭނާއާ ހަތަރުކަޅިވެސް ހަމަނުކުރިއެވެ. އޭނާ އަށް ލިބުނީ ބޮޑު ސިހުމެކެވެ. ނުރުހިފައި ހުރެ ދުންޖަހާފައި ގޮސް މޭޒު ދޮށުގައި އިށީނެވެ. ހަފްލާ ނިމެންދެން ކަޅިޖަހައިނުލައި ސަލްމާނަށް ބަލަން އިނެވެ. އޭނާއާ ދިމާއަށް ސަލްމާން އެންމެ ފަހަރަކުވެސް ބަލައިނުލައެވެ.

ފަލަކަށް އޭނާގެ މަތިން ހަނދާން ނައްތައެއް ނުލެވެއެވެ. އަބަދު އިންނަނީ އޭނާގެ ޚިޔާލަށް ގެއްލިފައެވެ. އެ މޫނު އޭނާގެ ހިތަކުން ނުފިލިއެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް އެ ހަނދާންތަކާ ދުރަކަށް ނުދެވެއެވެ.

ދެން އޭނާއަށް ސަލްމާން އާއި ދިމާވީ ބާޒާރުންނެވެ. ކޮތަޅުތަކެއް ހިފައިގެން ފިހާރައަކުން ނުކުތް ވަގުތު ފަލަކް ފިހާރައަށް ވަންނަނީއެވެ. އޭނާ ފެނުމުން ފަލަކު މަޑުކުރިއެވެ. ހާސްވެފައިހުރެ ސަލާން ގޮވައިލިއެވެ. ސަލްމާން ހައިރާންވިއެވެ. އޭނާއަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. ފަލަކަށް ލިބުނު ސިހުން މާ ބޮޑެވެ. "އަހަރެން މަތިން އޭނާ ހަނދާނެއް ނެތްތަ؟ އަހަރެންގެ ކިބައިގައި އަޅައިގަންނަ އެއްވެސް ސިފައެއް ނެތީތަ؟" ފަލަކް ހިތާ ހިތުން ބުނެލިއެެވެ.

"ވަރަށް ބޮޑަށް މާފުކުރޭ. ތީ ކާކުކަމެއް ނޭނގުނު." ސަލްމާން ބުންޏެވެ.

މީގެ ދެ ހަފްތާ ކުރިން ބައްދަލުވި ވާހަކަ ފަލަކު ހަނދާންކޮށްދިނެވެ. އޭނާ ހިނިތުންވެލާފައި ބުންޏެވެ. "އާނ. މިހާރު ހަނދާންވެއްޖެ. ކިހިނެއް؟"

އޭނާގެ ހިނިތުންވުން ފެނިފައި ފަލަކުގެ ހުރިހާ ހާސްކަމެއް ފިލިއެވެ. "ރަނގަޅު. ކިހިނެއް؟"

"ރަނގަޅު ހަމަ."

"މާ ބޮޑު ކަމަކަށް ނުވަންޏާ ހިނގާ މެންދުރު ކާލަން ދާން." ހިނދުކޮޅަކަށް ވެސް މަޑުނުކޮށް ފަލަކު ބުންޏެވެ.

(ނުނިމޭ) 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.