ފަލަކް (3)

(20 ނޮވެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މަންމައެކޭ އެއްފަދައިން ފަލަކް ވެސް ރޯދައެއް ނުހިފައެވެ. ނަމާދެއް ނުކުރެއެވެ. އޭނާ ދެކޭ ގޮތުގައި ނަމާދުކުރުމާއި ރޯދަ ހިފުމަކީ މި ޒަމާނަށް ބަލާއިރު މުސްކުޅި، ބޯދާ އުޅުމެވެ. އެކަމާ ބެހޭ ގޮތުން ރައްޓެހިންނާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އޭނާ ބުނެއެވެ. "ބުނަންތަ، މަރުވުމަށް ފަހު އަލުން ދިރުއްވާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ވާން އޮތް ކަމެއްވާނީ މި ދުނިޔެމަތީގައި. ކޮންމެ ގޮތަކަށް ހަޔާތް ވޭތިކުރިއަސް އެ ދިރިއުޅުން އުޅޭނީ އެންމެ ފަހަރަކު. އަލުން ދިރިއުޅޭކަށް ފުރުސަތެއް ނުލިބޭނެ." ފަލަކް ދައްކާ ވާހަކައަަށް ރަޝްނާ ބައެއްފަހަރު އެއްބަހެއް ނުވެއެވެ. އަނެއްބައިފަހަރު އޭނާގެ ހިތުގައި ޖެހެއެވެ. އެއީ ގަވާއިދުން ނަމާދު ނުކުރެވުނު ނަމަވެސް އޭނާ ނަމާދުކުރާތީ އެވެ. ރަޝްނާ ދެކޮޅު ހެދުމުން ފަލަކު އަބަދުވެސް ހިނތުންވެލާފައި ބުނެއެވެ. "ރަޝްނާ، މީހުން ނަމާދުކޮށް ދުއާ ކުރަނީ ﷲގެ ކިބައިން ބޭނުންވާ ކަންތައްތަކުގެ ދިގު ލިސްޓެއް އޮތިއްޔާ. ނުވަތަ ފާފަކުރެވިފައިވާ ނަމަ. އެއިން އެއްވެސް މައްސަލައެއް އަހަރެންގެ ނެތް. އަހަރެން ﷲ އަށް ދަންނަވާނެ ކަމެއް ނެތް. އަހަންނަކީ ފާފަކުރާ މީހެއް ނޫން. އެހެންވީމާ މުސައްލަ މަތީގައި އަހަރެން އިންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް."

ފަލަކުގެ ވާހަކަ އަޑުއަހަން ރަޝްނާ އަންގައިން ނުބުނެ އިންނަނީ އެވެ. ފަލަކާ ދެބަސްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާއަށް ފަލަކަށް ވިސްނައެއް ވެސް ނުދެވޭނެއެވެ. އޭނާއަކަށް ވެސް މާ ރަނގަޅަކަށް ދީން ނޭނގެއެވެ. އެހެންވީމާ ފަލަކަށް ވިސްނައިދޭނީ ކިހިނެއްހެޔެވެ. ދައްކާނީ ކޮން ހެއްކެއް ހެއްޔެވެ. ފަލަކް ދައްކާ ގޮތަށް ސަލްމާން ދީނާ ބެހޭ ވާހަކަ ދައްކައެއް ނޫޅެއެވެ. ނަމަވެސް އޭނާ ވެސް ނަމާދެއް ނުކުރެއެވެ. ރޯދައެއް ނުހިފައެވެ. އޭނާ އަށް ކިޔަނީ މުސްލިމް ނަމެކެވެ. އެވަރުން އޭނާއަށް ފުދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދިރިއުޅެންވާނީ އޭރަކު އެ އޮންނަ ގޮތަށެވެ. ޒަމާނާ އެއްގޮތަށެވެ.

އެއްދުވަހަކު ފަލަކާއި ސަލްމާން ރާވީއަށް ދިޔައެވެ. ކާވެނިގެ ކުރިން އެމީހުން އާއްމުކޮށް ދަތުރު ގޮސް އުޅެއެވެ. ކޯރުގެ އައްސޭރީގައި އެކަނި މާއެކަނި އިށީނދެލައިގެން އިންނަން އޭނާ އަބަދުވެސް ލޯބިކުރެއެވެ. ސަލްމާން ރަށުގައި ނޫޅެނަމަ އޭނާ އެތަނަށް އަންނަނީ ރައްޓެއްސަކު ގޮވައިގެންނެވެ.

ލާހޯރުގައި މުޣަލް ރަސްގެފާނު ބިނާކޮށްފައި ހުންނަ ގަނޑުވަރެއް ހުރެއެވެ. އެތަނަކީ ފަލަކަށް މާ ރީތި ތަނެކެވެ. ކޯރުގެ އައްސޭރީގައި އިށީނދެލައިގެން އިރުކޮޅަކު އިނުމަށް ފަހު ސަލްމާން އާއެކު ބޯޓެއްގައި އޭނާ އެ ގަނޑުވަރަށް ދިޔައެވެ. ސަލްމާނާ އެކު އޭނާ އެތާ ތެރެއަށް ވަނެވެ. އެތަނުގައި އެތައް އިރެއް ހޭދަކުރުމަށްފަހު ހަވީރު އެނބުރި ކޯރުގެ އައްސޭރިއަށް އައެވެ. އެތަނުން ދެމީހުން މަގުމައްޗަށް ނުކުތެވެ.

ކުއްލިއަކަށް އުމުރުން ދުވަސްވީ ފިރިހެނަކު ފަލަކަށް ފެނުނެވެ. އެ މީހާގެ ފޭރާން ހުރީ ވީދިފައެވެ. އޭނާ އިށީނދެގެން އިނީ ކޯރުގެ އައްސޭރިއަށް ވުރެ ތަންކޮޅެއް ދުރުގައެވެ. އޭނާގެ ބޮލުގައާއި ތުނބުޅީގައި ހުރީ ކިސަޑެވެ. ފޭރާމުގައި ހުރި ބާގަނޑުތަކުގެ ތެރެއިން އަނދިރި ހަށިގަނޑުގެ ތަންތަންކޮޅު ފެނެއެވެ. އޭނާ އިނީ ގަމީހުގެ ފަސްބަޔަށް އޮށްގާ އަޅައިގެންނެވެ. އެހެން އިނދެ ކޯރުގެ އައްސޭރީގައި އޮތް ކިސަނޑު ފެންގަނޑަކަށް ގާ އުކަމުން ދިޔައެވެ. ފެންގަނޑުގައި ގާކޮޅު ޖެހުމާއެކު ކިލާ ފެނާއި ކިސަޑު މުޅި ތަނަށް ބުރައިގެން ދެއެވެ. ސަލްމާން އާއި ފަލަކު ދާން އުޅޭތަނަށް ދެވޭނީ އެ މީހާ ފަސްދީފައެވެ. ފަލަކު އުއްމީދުކުރީ އެމީހުންނަށް އެތަން ހުރަސްކޮށްފައި ދެވެންދެން އެމީހާ ގާ ނުއުކާނެ ކަމަށެވެ. އެހެންކަމުން ސަލްމާނާ ވާހަކަ ދައްކަމުން އޭނާ އެ ވަޅުގަނޑު ފަސްދީ ކުރިއަށް ދިޔައެވެ. އެމީހާ އޭނާގެ އުނގުގައި އޮތް އެންމެ ބޮޑު ގާބުރި ނަގައި ކިސަޑު ފެންގަނޑަށް އެއްލައިލިއެވެ. ކުއްލިއަކަށް ފަލަކުގެ މޫނަށާއި ގަޔަށް ކިސަޑު ބުރައިގެން ދިޔައެވެ. ސަލްމާން ހުރީ އަނެއް ފަރާތުގައެވެ. އޭނާގެ ގަޔަށްވެސް ކޮންމެވެސް ވަރަކަށް ކިސަޑު ދިޔައެވެ. ފަލަކު ލައިގެން ހުރީ ހުދުކުލައިގެ ހެދުމެކެވެ. އޭނާގެ ހެދުމުން ކިސަޑު ބުރައިގެން ދިޔަތަންތަން ރީތިކޮށް ފެނެއެވެ.

"މޮޔަޔާ. ކަލޭގެ ލޯ ކަނުތަ؟ މީހަކު ހިނގާފައި ދާތަން ނުފެންނަނީތަ؟" ފަލަކު ރުޅި އައިސްގެން ހަޅޭއް ލަވައިގަތެވެ.

"އަހަރެން މީ ކަނެއް. އަހަންނަކަށް ދުނިޔެއެއް ނުފެނޭ." އެ ވާހަކަ އަޑު އިވުމުން ފަލަކް އިރުކޮޅަކަށް ހިމޭންވިއެވެ. އެމީހާގެ ނިކަމެތިކަން އޭނާގެ ފޭރާމުން ހާމަވެއެވެ. ނަމަވެސް އަޑުގައި ހުރީ ކެތްތެރިކަމުގެ އަސަރެވެ. ބަސްމަގު ރީއްޗެވެ. ވާހަކަ ދެއްކީ އަދަބުވެރި ކަމާއެކު އެވެ. އޭނާގެ ވާހަކައިން އެއީ ތަންދޮރު ނުދަންނަ މީހެއްހެން ހިއެއްނުވެއެވެ.

ލޮލަށް ނުފެންނަންޏާ މިތާ އިނދެގެން އެހެން މީހުން ކިލާ ކުރަނީ ކީއްކުރަން؟ އެހެން ތަނަކަށް ދާންވީނު. އެހެން ނޫނީ ތި ދެ އަތް މަތަކޮށްގެން އިނދެބަލަ!" ފަލަކުގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ. ދަބަހުން ޓިޝޫއެއް ނަގައިގެން އޭނާ މޫނު ފޮހެން ފެށިއެވެ.

"ކޮއްކޯ، ކިލާ ދެކެ ބިރުން ތިއުޅެނީ ކީއްވެ؟ ކިލާކޮޅަކުން ކޮއްކޮ ހުތުރުވެދާނެއޭ ހީވަނީތަ؟ ނުވތަ މީހެއްގެ ލޯ މަތިން ގެއްލިދާނެއޭ ހީވަނީތަ؟ ކިލާކޮޅެއްގެ ސަބަބުން އޭނާގެ ލޯބިން މަހްރޫމު ވެދާނެއޭ ހީވަނީތަ؟" ސަލްމާނަށް އިޝާރާތްކުރަމުން އޭނާ ބުންޏެވެ.

"މި އަންހެން ކުއްޖާއާ މެދު ކަންބޮޑުވާނެ ކަމެއް ނެތް. ކަލާނގެ މަތިން ހަދުމަކުރޭ. ކިލާކޮޅަކުން ނުވަތަ ކިސަޑުކޮޅެއް ދެކެ ﷲ ބިރުވެތިވެ ވޮޑިއެއް ނުގަންނަވާނެ. ކޯފާ އިސްނުކުރައްވާނެ. ﷲ ގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކު މަގުން ކައްސައެއް ނުލާނެއެވެ. ބަލާބަލަ..." ކުއްލިއަކަށް ތެދުވެ އެ ފެންގަނޑުން ކިސަޑު ނަގައި މުޅި ގައިގައާއި މޫނުގައި އުނގުޅިއެވެ. އަދި ބުންޏެވެ. "އަހަރެން ކިސަޑު ދެކެ ބިރެއް ނުގަނޭ. ކިލާ ދެކެ ބިރެއް ނުގަނޭ. ﷲ ބައްލަވައި ވޮޑިގެންވަނީ މީހާއަށް. ގައިގައި ހުންނަ ކިލާ ނުވަތަ ކިސަޑަކަށް ނޫން." އެމީހާ ސަލްމާނާ މުޚާތަބުކޮށް ބުންޏެވެ.

ވަށައިގެން ހިނގާ އެއްވެސް ކަމެއް އެ މީހާއަށް އެނގޭހެނެއް ހިއެއްނުވެއެވެ. ޓިޝޫއިން ގައިގައި ހުރި ކިސަޑު ފޮހެމުން ދިޔައިރު ފަލަކުގެ ނަޒަރު ހުރީ އެމީހާއަށެވެ. އޭނާގެ ރުޅި އައިސް ފުފިފައި ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން ބޭނުންވާ މީހާގެ ލޯބި އަހަންނަށް ލިބިއްޖެ. އެވަރުން ފުދޭ. އެހެން މީހެއްގެ ލޯތްބެއް ބޭނުމެއް ނޫން. އެހެން މީހެއްގެ ލޯބި ލިބުނަސް ނުލިބުނަސް ފަރުވާލެއް ނެތް."

"މިއީ ދޮރެއް. އިންސާނާ އަކީ ދޮރެއް. ދޮރެއްގެ ބޭނުމަކީ މީހާއަށް މަގެއް ހުޅުވައިދިނުން، ނުވަތަ މަގު ބަންދުކުރުން. ކަލާނގެ ވަނީ ކޮއްކޮގެ މަގު ބަންދުކޮށްފައި. މިމަގުން ކުރިއަށް ދެވޭނެހެން ހިއެއްނުވޭ. ލޯތްބަކުން އިންސާނާ ކުރާނެ ކަމެއް ބުނެބަލަ. އަދި އެހެން ދުނިޔެއެއް އެބައޮތް. އެ ދުނިޔެއާ މެދު ވިސްނާލަބަލަ. ކަލާނގެ ރުއްސެވެން ނޭދެނީ ކީއްވެގެން؟" އޭނާ އަނެއްކާވެސް ސަލްމާނަށް އިޝާރާތްކުރިއެވެ.

"އެހެން މީހުންގެ މަގަށް ހުރަސް އަޅަނީ ތިކަހަލަ ބޭކާރު މީހުން. ސަލްމާން، ހިނގާ ދާން." ފަލަކް ސަލްމާނުގެ އަތުގައި ހިފައިގެން ކުރިއަށް ހިނގަން ފެށިއެވެ. ސަލްމާން އެމީހާ ދެއްކި ހުރިހާ ވާހަކައެއް ކަނުލައި އަޑުއެހިއެވެ. އެކަމަކު އޭނާ އެ މީހާއަށް ރައްދެއް ނުދެއެވެ.

އެމީހާ ބުންޏެވެ. "އަހަރެމެންނަކީ ސަލާން ޖަހާ މީހުން. އެކަމަކު ދިރިއުޅުމުގައި ހުރަހެއް ދިމާވަންދެން ކޮންމެ މީހަކުވެސް އުޅޭނީ ތިމަންނާ އަކީ އެންމެ ބާރު ގަދަ މީހާ ކަމަށް ހެދިގެން. ކަމެއް ދިމާވީމާ ކަކޫ މައްޗަށް ތިރިވާނެ. ސަޖިދަކުރާނެ. ތިމާގެ ނިކަމެތިކަން އިހުސާސްކުރެވެނީ އެދުވަސް އައިމަ. އިންސާނުންނަށް އޮންނަނީ ކަލާނގެ ހަޒްރަތުގައި ދެންނެވުން. ދެއްވުމަކީ އިލާހީ ކަމެއް. ބޭބެއާއި ކޮއްކޮ، އަދި ހުރިހާ އިންސާނުންނަކީ ސަލާންޖަހާ މީހުން. މިއަދު ނޫނީ މާދަމާ، ނުވަތަ ކޮންމެވެސް ދުވަހަކުން އަހަރެމެން އެންމެންވެސް ކަލާނގެ ހަޒްރަތުގައި ކަންކަމަށް އެދި ދަންނަވާނެ. ބައެއް މީހުން އެދޭނީ ލޯތްބަށް. އަނެއް ބަޔަކު އެދޭނީ ދުނިޔަވީ ތަކެއްޗަށް. އެ ކަންތަކަށް ނޭދޭ މީހުން އިންސާނާގެ ބޭނުންތަކާއި އެދުންތަކަށް ނިމުމެއް ގެނެސްދެއްވުމަށް އެދި ދަންނަވާނެ."

އެމީހާ ބާރަށް ވާހަކަ ދައްކަމުން ދިޔައެވެ. މަގުމައްޗަށް ނުކުމެވުނު އިރުވެސް ަލަކަށް އެމީހާގެ އަޑު ފއިވެއެވެ. އޭނާ ރުޅި ގަދަވަމުން ދިޔައެވެ. "ސަލްމާން ވެސް ކަންތައް ތިކުރީ ރަނގަޅަކަށް ނޫން. އެމީހާ ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރޭ. އޭނާ އަހަންނާ ވާހަކަ ދެއްކީ ނުލާހިކު ހަރުކަށިކޮށް. ސަލްމާން ހުރީ މަންޒަރު ބަލަން."

"އަހަންނަށް ބުނާނީ ކީކޭ؟ އޭނާ އިނީ ނުލާހިކު ރުޅި އައިސްފައި. ފަލަކު ވެސް އޭނާއާ ޒުވާބުކުރީ. އޭގެން ނުކުތް ނަތީޖާއަކީ ކޮބާ؟ އަނގައިން ނުބުނި ނަމަ މާ ރަގަޅުވީސް. އަޅާނުލާ އައިނަމަ ތިހުރިހާ އުނދަގުލެއް ނުޖެހުނީސް." ސަލްމާން ބުނެލިއެވެ.

ފަލަކު އަނެއްކާވެސް ރުޅި އައިސް ފުފިގަތެވެ. "އަހަރެން އަޅާނުލައި ދޫކޮށްލިނަމަ އޭނާގެ އުނދަގޫ އެހެން މީހަކަށް ޖެހޭނެ. އޭނާ ވާހަކަ ދެއްކިގޮތް އެނގެއެއްނު؟ އޭނާގެ ވާހަކައިން އެއީ މޮޔައެއްހެން ހީވޭތަ؟ އެމީހުން ސަލާން ޖަހާނެ އާ ގޮތް ހޯދަނީ. ބޭނުން ތަނެއްގައި ޖާގަ ޖަހައިގެން އެތިބެނީ ސަލްމާން ކަހަލަ މީހުންނާ ހެދި. އޭނާގެ ފަސްބައިން ގާބުރިއެއް ނަގައި އޭނާގެ ބޮލުގައި ޖަހަން އަހަރެން ބޭނުންވި. އޭނާ އެކުރަނީ ކީއްކަން އޭނާއަށް އެނގެންޖެހޭ. އެއީ އަނދިރި މީހެއް! މޮޔައެއް!" ފަލަކުގެ ރުޅި މައިތިރިއެއް ނުވެއެވެ.

"ހަމަޖެހިބަލަ. ތިވަރަށް ރުޅި އައުމުގެ ބޭނުމަކީ ކޮބާ؟ ވެދިޔަކަމެއް ވެދިޔައީ. އެކަމާ ރުޅި އައިސް ކަންބޮޑުވުމުގެ ބޭނުމެއް އެބައޮތްތަ؟ އަހަރެމެން މިދަނީ ގެއަށް. ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން ފެންވަރާލީމާ ތި ކިލައާއި ކިސަޑު ފިލާނެ. ރުޅިގަދަވެގެން އުޅުމަކީ ބޭކާރު ކަމެއް."

"އެއްވެސް ކަމަކާ ނުލާ ކަންކަމަ ރުޅިގަދަވާ މީހެއް ނޫން އަހަންނަކީ. އަހަރެން ބުނީ އަހަންނަށް ފެންނަ އެއްޗެއް. މީގެ ފަހުން އެކަހަލަ ވިޔާނުދާ ކަމެއް ކުރުމުގެ ކުރިން އޭނާ ސަތޭކަ ފަހަރު ވިސްނާނެ." އެހެން ބުނެފައި ފަލަކު އިތުރު ވާހަކައެއް ނުދައްކައެވެ. އޭނާ ވާހަކަ ހުއްޓާލުމުން ސަލްމާނަށް ވެސް ހަމަޖެހުން ލިބުނެވެ. ގެއާ ހަމައަށް ދެވުނުއިރު އެ ހާދިސާ މަތިން ފަލަކު ހަނދާނެއް ނެތެވެ.

އެ ހާދިސާ ހިނގިތާ ހަމަސް ފަހުން ސަލްމާންގެ އުޅުމަށް ބަދަލުއަންނަކަން ފަލަކަށް ފަހަގަކުރެވެން ފެށިއެވެ. ކާވެނީގެ ތިން އަހަރު ކުރިންވެސް، އަދި ކާވެންޏަށް ފަހު ވީ ދެ އަހަރުތެރޭގައި ވެސް ސަލްމާނުގެ ފަރާތުން އޭނާއަށް އަޅާލުމާއި ލޯބި ލިބުނެވެ. ސަލްމާނަކީ މަޑުމައިތިރި ރުޅި މަޑު މީހެކެވެ. އޭނާ ހިތްހަމަ ނުޖެހޭ އެއްވެސް ކަމަކަށް އޭނާ ވަގުތުން ރައްދުދީއެއް ނަހަދައެވެ. އެއްޗެއް ބުންޏަސް ބުނާނީ ވަރަށް މަޑުމަޑުންނެވެ. ނަމަވެސް މިހާރު ކުޑަ ކަމެއް ދިމާވިއަސް ހަޅޭއް ލަވައިގަންނަނީއެވެ.

ފުރަތަމަ ކޮޅު ފަލަކު އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަން އާދައަކަށް ވާން ފެށުމުން އޭނާ ކަންބޮޑުވާން ފެށިއެވެ. ފަލަކު ވިސްނީ އެއީ ފެކްޓަރީގައި ދިމާވާ ކޮންމެވެސް ކަމަކާ ހެދި އަންނަ ރުޅިއެއް ކަމަށެވެ. އޭނާ ސަލްމާން އާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ސަލްމާންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބެއެވެ. އެއްވެސް ކަމަކާ ބެހޭ ގޮތުން އޭނާ ފަލަކާ ރަނގަޅަކަށް ވާހަކައެއް ނުދައްކައެވެ. އޭނާ ހުންނަނީ އަބަދު ރުޅި އައިސްފައެވެ. ކިތަންމެ ކުޑަކަމެއް ވިޔަސް ފަލަކަށް ރުޅި ބާލައެވެ. އޭނާ ފަލަކާއެކު ފަލަކުގެ މައިންބަފައިންނަށް ޒިޔާރަތްކުރުން ވެސް ހުއްޓާލައިފިއެވެ. ފަލަކު އެގެއަށް ފޮނުވަންވެސް ދެކޮޅު ހަދަން ފެށިއެވެ. އޭނާއާ އަޅާނުލައި މައިންބަފައިންނަށް މާބޮޑަށް ސަމާލުކަން ދެނީ ކަމަށް ބުނަނެ ޝަކުވާ ކުރަން ފެށިއެވެ.

ޝަކުވާކުރަން ފެށުމުން ފަލަކު މައިންބަފައިންނަށް ޒިޔާރަތްކުރުން ހުއްޓާލިއެވެ. އެގެއަށް ނުގޮސް ގޭގައި އިންނަން ފެށުމުން ސަލްމާންގެ ރުޅި މައިތިރިވާނެ ކަމަށެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ފަލަކަށް ރަނގަޅަކަށް އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ކުރާ ކޮންމެ ކަމަކަށް ފާޑުކިޔައެވެ. އޭނާ ފަލަކު ގޮވައިގެން ބޭރަށް ދިއުންވެސް ހުއްޓާލިއެވެ. ބޭރަށް ދާން ބުންޏަސް ފަލަކު އަބަދު ބޭރުގަ އުޅެން ބޭނުންވަނީ ކަމަށް ބުނެއެވެ. އަދި ގޭގެ އެއްވެސް ކަމަކަށް ސަމާލުކަން ނުދޭކަމަށް ވެސް ބުނެއެވެ.

ތިން ހަތަރު މަސް ވީއިރުވެސް ސަލްމާންގެ އުޅުމަކަށް ބަދަލެއް ނައެވެ. ފަލަކުގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. ކުރިން ހެނދުނު ނުވައެއް ޖަހާއިރު ފެކްޓަރީއަށް ގޮސްފައި ހަވީރު ފަހެއް ޖަހާއިރު އެނބުރި އާދެއެވެ. ނަމަވެސް މިހާރު ގެއަށް އަންނަނީ ރޭގަނޑު އެވެ. ފެކްޓަރީގައި މަޑުކުރަން ޖެހުނަސް ނުވަތަ އެހެން ތަނަކަށް ދާން ޖެހުނަސް އޭނާ ފަލަކު ގާތު ބުނެލައެވެ. ކުރިން ފަހެއް ޖަހާއިރު ގެއަށް އަޔަސް މިހާރު އޭނާ ގެއަށް އަންނަނީ ރޭގަނޑު ދިހައެއް ނުވަތަ އެގާރަ ޖަހާއިރުއެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ބުނެއެވެ. "އަހަރެން ބޭނުން އިރަކު ގެއަށް އާދެވޭނެ. އަހަރެން އުޅޭތަނެއް ފަލަކު ގާތު ބުނާކަށް ނުޖެހޭނެ. އަހަންނަކީ ފަލަކުގެ ޚާދިމެއް ނޫން."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.