ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ޖިނާޢީ ކުށް ހިންގައިގެން ފިޔަވަޅު އަޅަން ނިންމި މީހުންގެ ތެރޭގައި ސަޓޯ ހިމެނޭ

ދީނީ ޢިލްމްވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާގައި ޖިނާޢީ ކުށް ހިންގައިގެން ފިޔަވަޅު އަޅަން 241 ކޮމެޓީން ނިންމި މީހުންގެ ތެރޭގައި މިސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ ހ. ހިކޯސްޓް ޢަލީ ޝާން (ސަޓޯ) ހިމެނެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާގައި ޢަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބަޔާން ކޮށްފައެވެ.

އެކޮމެޓީގެ ރިޕޯޓުގެ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާގައި ޖިނާޢީ ކުށް ހިންގައިގެން ފިޔަވަޅު އަޅަންޖެހޭ މީހުންގެ ނަންތައް ވެސް ވަނީ ބަޔާންކުރައްވައިފައެވެ. ޝާންގެ އިތުރުން ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކުގެ ތެރޭގައި، ޑރ އަފްރާޝީމް އަވަހަރާކޮށްލުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ ޙުސައިން ޙުމާމާއި އެޖަރީމާ ހިންގި އިރު ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖާ ވެސް ހިމެނެއެވެ. އަދި ޖަރީމާ ހިންގި ވަގުތު ހ. ފުންވިލުގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ކްރަސްޓީސް ރެސްޓޯރެންޓްގައި ތިބި، ޖަރީމާ ހިންގުމުގައި ބައިވެރިކަމަށް ތުޙުމަތުކުރެވޭ ފަރާތަކާއި އަދި އެޖަރީމާ ހިންގިރޭ ފުންވިލުގޭ ސިޑިމަތީގައި ޙަރަކާތްތެރިވި މީހުންނާ މެދުވެސް ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ވަނީ ރެކޮމެންޑް ކޮށްފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ތުހުމަތު، ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހ. ހިކޯސްޓް ޢަލީ ޝާން (ސަޓޯ) އަށް ކޮށްފައިވުމުން އޭނާ އަދާކުރަމުން އައި ސަރުކާރުގެ ވަޒީފާއިން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭނާ ވަޒީފާ އަދާކުރަމުން އައީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގައެވެ.

ދީނީ ޢލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެމްބަރ ޑރ، އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އޭގެތެރޭގައި ހ. ހިކޯސްޓް ޢަލީ ޝާން (ސަޓޯ) އާއި ޖަރީމާ ހިންގި އިރު އުމުރުން 18 އަހަރުން ނުފުރޭ ކުއްޖާ ވެސް ހިމެނެއެވެ. އެހެންނަމަވެސް ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މަށްޗަށް އެކަންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.