ފަލަކް - 5

(22 ނޮވެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

"ސަލްމާން. އަހަންނަށްވުރެ ބޮޑަށް އޭނާ ސަލްމާން ދެކެ ލޯބިވޭތަ؟" ފެތެމުންދާ ބޯޓެއްގައި އޮތް މީހަކު ސަލާމަތްވާން ހިތްވަރު ކުރާހެން އެންމެ ފަހު ހިތްވަރު އޭނާ ލިއެވެ.

"އާނ. އޭނާ އަހަރެން ދެކެ ވަރަށް ލޯބިވޭ. މިދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކަށްވުރެ، ނުވަތަ މީހަކަށް ވުރެ ބޮޑަށް އޭނާ އަހަރެން ދެކެ ލޯބިވޭ."

"އަަހަންނަށްވުރެ ބޮޑަށް އެހެން މީހަކު ސަލްމާން ދެކެ ލޯބިވާނީ ކިހިނެއް؟"

"އޭނާ ވޭ. ތާބިންދާ އަހަރެން ދެކެ އެއަށްވުރެ ބޮޑަށް ލޯބިވޭ. އެކަން އަހަންނަށް އެނގޭ."

"އޭނާ އެ ހަދަނީ ދޮގު." ސަލްމާންގެ އަތުގައި ބާރަށް ހިފަހައްޓައިގެން އިނދެ ކުޑަ ކުއްޖެއްހެން އޭނާ ރޯން ފެށިއެވެ.

ފަލަކުގެ އަތުތެރެއިން ސަލްމާން އަތް ދަމައިގަތެވެ. "ނޫން. އޭނާ ދޮގެއް ނަހަދާނެ. ތާބިންދާ އަކީ ދޮގު ހަދާނެ މީހެއް ނޫން. އޭނާގެ އަނގައިން ބޭރުވާ ކޮންމެ ލަފުޒެއް އަހަރެން ގަބޫލުކުރަން. އެއީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގޭ. ފަލަކް، ތާބިންދާ ވާހަކަ އެއް ބުނެފިއްޔާ އަހަރެންގެ ހިތް އެ ވާހަކަ ދޮގެއް ނުކުރޭ. އޭނާ ބުނާ ކޮންމެ ވާހަކައަކީ ތެދުކަން އަހަރެންގެ ހިތް ހެކިވޭ. ހުރިހާ ކަމެއްވެސް ހިނގަނީ އަހަރެންގެ އިޚްތިޔާރުން ބޭރުން. އޭނާ ދެކެ ލޯބިވުމާއި ނުވުމަކީ ވެސް އަހަރެންގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން." އެއިން ކޮންމެ ޖުމުލައެއް ތޫނު ހަންޖަރެއްހެން ފަލަކުގެ ހިތް ކަތިލަމުން ދިޔައެވެ.

"ސަލްމާން ކުރިން ލޯބިވީ އަހަރެން ދެކެ. ކިހިނެއް މިހާރު އެހެން މީހެއް ދެކެ ލޯބިވީ؟"

"ނޭނގޭ. ފަލަކް ދެކެ ލޯބިވެވުނު ކަމެއް ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގޭ. ހަނދާނެއް ނެތް. އެކަމަކު އޭނާ ދެކެ އަހަރެން ލޯބިވޭ. ލޯބި އެކަންޏެއް ނޫން. އޭނައަށް ހިތް ޖެހިއްޖެ. ހަނދާންވޭތަ، ލޯތްބަކީ ލޭ ފަދައިން ހަށިގަނޑުގައި ދައުރުވާ އެއްޗެކޭ ފަލަކް ބުނީމެއްނު؟ އެ ވާހަކަ އަހަންނަށް ވިސްނުނީ އޭނާއާ ބައްދަލުވުމުން. ތާބިންދާ ފެންނަ ކޮންމެ ފަހަރަކު އަހަރެން މޮޔަވޭ. އޭނާ ބުނާ ކޮންމެ ކަމެއް އަހަރެން ކުރަން. އޭނާގެ އަޑު ނީވެންޏާ އެހެން އަޑެއްވެސް އަހަންނަކަށް ނީވޭ. އޭނަގެ ކޮންމެ ހީނލުމަކުން އަހަރެންގެ ލޭގެ ހިނގުން އަވަސްވޭ. އޭނާގެ ފައިތިލަ ހިއްލާލާ ކޮންމެ ފަހަރަކު ބިންމަތީގައި ފެތުރިގަންނަން އަހަރެން ބޭނުންވޭ. އޭރުން އޭނާގެ ފައިތިލަ ދަށުގައި އޮންނާނީ އަހަރެން. އޭނާ ހިނގާނީ އަހަރެންގެ ބުރަކަށި މަތިން. އަހަރެން ނޫން އެހެން އެއްޗެއްގައި އޭނާގެ ފައިތިލަ ބީހޭކަށް އަހަރެންގެ ހިތެއް ނޭދޭ. އޭނާ ހިނދުކޮޅަކަށް މަޑު ޖެހިލިއަސް މުޅި ދުނިޔެ ހުއްޓުވަން އަހަރެން ބޭނުންވޭ. އެއީ އިންސާނެއް، މެޝިނެއް، ނުވަތަ ދެމިދެމި އޮތް ކޯރެއް ވިޔަސް މެ. އަހަރެން ބޭނުންވަނީ އޭނާ އުފަލުގައި ބަހައްޓުން. އަހަރެން އޭނާ ދެކެ ލޯބިވާކަން އޭނާއަށް އިހުސާސްކުރުވަދޭން ބޭނުންވޭ. އަހަރެންގެ މުޅި ހަށިގަނޑަކީ އޭނަގެ ހައްގެއް. އޭނާ ބޭނުން ކޮންމެ ގޮތެއް އަހަންނަށް ހެދޭނެ. މީ ކިހިނެއް ވީ ކަމެއްކަން ކިޔާދޭކަށް އަހަންނަކަށް ނޭނގޭ. އެކަމަކު އޭނާ ދެކެ އަހަންނަށް އިންތިހާއަށް ލޯބިވެވިއްޖެ. އޭނަޔާ ނުލާ އަހަންނަކަށް ނޫޅެވޭނެ. ތާބިންދާއަށްޓަކައި އަހަރެންގެ ނަފްސު ގުރުބާންކުރަންވެސް ތައްޔާރު. އޭނާ ނެތް ދުނިޔެއެއްގައި އަހަންނަކީ ކަނު މީހެއް. ބީރު މީހެއް. މަންމަނެއް. އަހަންނަކަށް ދެން އިތުރަކަށް މިހެން ނޫޅެވޭނެ. އަހަންނަކަށް..." ސަލްމާން ގިސްލަގިސްލާފައި ރޯން ފެށިއެވެ.

ސަލްމާނާއެކު ހޭދަކުރެވުނު ފަސް އަހަރުތެރޭގައި އޭނާ ރުއި ތަން ދުށް ހަނދާނެއް ފަލަކު ނުވެއެވެ. އޭނާ އެ ރޮނީ އަންހެނަކަށްޓަކައެވެ. ހިލޭ އަންހެނަކާ ހެދިއެވެ. ފަލަކްގެ ހިތަށް އެރިއެވެ. "އަހަންނަށްވެސް ސަލްމާން ނެތް ދުނިޔެއެއްގައި ނޫޅެވޭނެ. ތާބިންދާ ދެކެ ސަލްމާން ތިވާ ލޯބި އަހަރެން ސަލްމާން ދެކެވޭ. އެކަން ނޭނގެނީތަ؟" ބުނަން ބޭނުންވި ނަމަވެސް އޭނާ އެ ވާހަކަ ނުބުނެއެވެ. ކަރުނައިން ފުރިފައިވާ ދެލޮލުން ސަލްމާނަށް ބަލަން އިނީއެވެ.

"ފަލަކް، އަހަރެން ބޭނުންވަނީ އޭނާއާ އިންނަން، ފަލަކު ރުހުނަސް ނުރުހުނަސް... އެކަމަކު އަހަރެން ބޭނުންވަނީ ފަލަކުގެ ރުހުމާއެކު ކާވެނިކުރަން. އަހަރެމެން ދެމީހުން ވަރަށް ގިނަ ވަގުތު އެކުގައި ހޭދަކޮށްފީމު. އުފާވެރި ދުވަސްތައް ވޭތިކުރީމު. ފަލަކުގެ ހިތުގައި ޖައްސާކަށް އަހަރެން ބޭނުމެއް ނޫން. ރުޅި އަރުވާކަށް ވެސް ބޭނުމެއް ނޫން. އެކަމަކު ތާބިންދާއާ ނުލާ އަހަންނަކަށް ނޫޅެވޭނެ. ފަލަކު އަހަރެން ދެކެ ލޯބިވަމެއްނު. ލޯބިވާ މީހުން ކިތަންމެ ބޮޑު ގުރުބާނީއެއް ވެސް ވެދާނެ. ތާބިންދާއާ އިންނަން ހުއްދަ ދޭނަންތަ؟" ފަލަކުގެ އަތުގައި ހިފަހައްޓައިގެން ހުރެ ސަލްމާން ބުންޏެވެ.

ފަލަކަށް އިހުސާސްކުރެވުނީ އިސްރާފީލުގެ ތާޅަފިލީގެ ބާރު އަޑެވެ. އެއީ މަރުގެ ރަނގަބީލެވެ. "އަހަރެންވެސް ސަލްމާން ދެކެ ލޯބިވޭ. ތާބިންދާ އަށްވުރެ ބޮޑަށް ލޯބިވޭ." އޭނާ ބުންޏެވެ.

ފަލަކުގެ އަތް ފޮޅުވާލާފައި ސަލްމާން އެނދުން ތެދުވިއެވެ. "އަހަރެން ތި ލޯތްބެއް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ އޭނާގެ ލޯބި."

"ސަލްމާން، އަހަރެންގެ ކުށަކީ ކޮބާ؟"

"އަހަންނަކަށް ނޭނގޭ. އަހަންނަށް އެނގެނީ އޭނާ ދެކެ އަހަރެން ލޯބިވާކަން."

"މިދިޔަ ތިން އަހަރުތެރޭ އަހަރެން ސަލްމާނަށް ކޮށްނުދެނީ ކޮންކަމެއް؟"

"އަހަންނަކަށް ނޭނގޭ. ކޮންމެ ކަމެއް ކޮށްދިނަސް ހެޔޮ، އަހަރެން ބޭނުންވަނީ ތާބިންދާ."

"އެ ތިން އަހަރު ސަލްމާން ބޭނުންވާ ހުރިހާ ކަމެއް އަހަރެން ކުރިން. އަހަރެންގެ މުޅި ދިރިއުޅުން ސަލްމާން ބޭނުންވާ ގޮތަށް ބަދަލުކުރިން. އެކަމަކުވެސް އަހަންނާ ދޭތެރޭ ހިތްހަމަނުޖެހިގެން ތިއުޅެނީ. އަހަރެން މަތިން ފޫހިވެއްޖެ."

"އަހަރެން ކީއްކުރާނީ ތިކަމަށް؟ ފަލަކުގެ ދިރިއުޅުން ބަދަލުކުރީ ފަލަކު އަމިއްލައަށް ބޭނުންވެގެން. ކުރިންވެސް އެވާހަކަ ބުނީމެއްނު. އަހަރެން ބޭނުންވަނީ ތާބިންދާ. އޭނާ ނޫން މީހަކު އަހަރެން ބޭނުމެއް ނޫން."

"ސަލްމާން އުފަލުގައި ބަހައްޓަން އަހަރެން އިތުރަށް ކޮށްދޭންވީ ކަމެއް ބުނެބަލަ. އޭރުން އަހަރެން އެކަމެއްވެސް ކުރާނަން. ސަލްމާން އަހަރެން ދެކެ ލޯބިވާނީ އަހަރެން ކިިހިނެއް އުޅުނިއްޔާ؟"

"އަހަރެން އެއްވެސް ވަރަކަށް ފަލަކު ބޭނުމެއް ނޫން. އަހަރެން އުފާވާނެ އެއްވެސް ސިފައެއް ފަލަކުގެ ނެތް. އެއީ ފަލަކު ތާބިންދާއަށް ނުވާތީ."

"ސަލްމާން ދެކެ އަހަރެން ލޯބިވިން. އަހަރެން ވީ ލޯބީގެ އަގު އަދާކުރާ ގޮތަކީ މީތަ؟ ތިގޮތަށް އަހަރެން ނަގައި އެއްލައިލާނީތަ؟"

"ތާބިންދާ އާއި އަހަންނާ ދެމެދަށް އަންނަ ކޮންމެ ހުރަހެއް ނައްތާލާނަން. އެހެން މީހަކު އަހަރެން ދެކެ ލޯބިވިޔަސް ނުވިޔަސް އަހަރެންގެ ފަރުވާލެއް ނެތް. އަހަންނަށް އޭނާގެ ލޯބި ފުދޭ."

"ސަލްމާނާ ވަކިން އަހަންނަކަށް ނޫޅެވޭނެ. އަހަރެން ސަލްމާން ބޭނުން."

"އަހަރެން ފަލަކް ބޭނުމެއް ނޫން. އޭނަޔާ ނުލާ އަހަންނަކަށް ނޫޅެވޭނެ."

"އަހަރެން ބޭނުންވަނީ ސަލްމާނާ އެކު އުޅެން. އެހެން މީހަކަށް ބައި އަޅާކަށް ބޭނުމެއް ނޫން."

"ފަލަކު ބޭނުމިއްޔާ އަހަރެން ފަލަކު ވަރިނުކޮށް ބައިންދަފާނަން. އެކަމަކު އަހަންނާ ދުރަށްދާން ޖެހޭނެ."

"އަހަރެން މަރުވެދާނެ، ސަލްމާނާ ވަކިން ނޫޅެވޭނެ، ހެޔޮނުވާނެ..."

"މަރުވިޔަސް މައްސަލައެއް ނެތް. ފަލަކު ބޭނުން ގޮތަކަށް އުޅޭ."

"ތީ އަހަރެންގެ ފުރާނައަށްވުރެ އަހަންނަށް މުހިއްމު މީހެއް."

"އަހަންނަކަށް ތި ވާހަކަ މުހިއްމެއް ނޫން."

'އަހަރެންގެ ނެތް ކޮން ސިފައެއްތަ އޭނާގެ ހުރީ؟"

"ތިއެއް ނޭނގޭ އަހަންނަކަށް. އަހަންނަށް އެނގެނީ އަހަރެން އޭނާ ދެކެ ލޯބިވާކަން."

"އަހަންނާ އިނީ ކީއްކުރަން؟"

"ތިއެއްވެސް ނޭނގޭ. ކާވެނި ނުކުރެވުނު ނަމައޭ ހިތަށް އަރާ. އަހަރެންގެ ހަޔާތަަށް ތާބިންދާ އަންނާނެކަން އެނގުނު ނަމަ އަހަރެން ފަލަކާ ނީނީމުސް."

"އަަހަރެން މީ އެއްވެސް މީހަކަށް ނުވަނީތަ؟"

"އާނ، ތީ އެއްވެސް މީހެއް ނޫން. އަހަރެންގެ ހުރިހާވެސް މީހަކީ ތާބިންދާ."

އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން ވެސް ސަލްމާންގެ ވިސްނުން ބަދަލެއް ނުކުރެވުނެވެ. ފަލަކުގެ ނޭވާ ހާސްވާން ފެށިއެވެ. އޭނާ އެނދުން ތެދުވެގެން ގޮސް ކޮޓަރިން ނުކުތެވެ. ސިޓިންރޫމަށް ގޮސް ބޮކި ދިއްލައިގެން ސޯފާގައި އިށީނެވެ.

"ދުނިޔޭގައި ތިހާ ފުރިހަމަ އެހެން އަންހެނަކު ނުހުންނާނެ." އޭނާގެ ކަންފަތުގައި ގުގުމަނީ ސަލްމާން މީގެ އަހަރުތަކެއް ކުރިން ބުނި ވާހަކައެވެ.

އޭނާ ހެދުމުގެ އަތުން މޫނު ފޮހެލިއެވެ. އަދި ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. ފާޚާނާގެ ދޮރުގައި ހުރި މޫނުބާލާ ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ އޭނާގެ ސޫރައަށް ބަލާލާފައި މޫނު ދޮވެލިއެވެ. އަނެއްކާވެސް ލޯގަނޑުން މޫނު ބަލައިލިއެވެ. އަހަރެން މިހާރު ރީއްޗެއް ނޫންތަ؟ މީހުންގެ ހިތް ފަތަހަ ކުރުމުގެ ބާރު އަަހަރެންގެ ލޮލުގައި ނެތްތަ؟ މީހުންގެ ހިތްދަމައިގަންނަ ހިނިތުންވުން ގެއްލުނީތަ؟ އަހަރެން ލޮލާއި ނޭފަތް އަދި ތުންފަތް މަސްކޮޅަކަށް ބަދަލުވީތަ؟ އަހަރެންގެ ގައިގައި ހުރި ދޮންކުލަ ރީއްޗެއް ނޫންތަ؟ މޫނާއި ލޮލާއި ތުންފަތުގައި އަތް ޖައްސަމުން އޭނާ ހިތަށް އެރިއެވެ.

އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އަހަރެންގެ ލޮލާއި ތުންފަތް، އަދި ނޭފަތާއި ގައިގެ ކުލައަކަށް ބަދަލެއް ނާދެއެވެ. އެެހެންވީމާ އޭނާގެ ހިތް ބަދަލުވީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އަހަރެން ތަފާތުކޮށް ފެންނަނީ ކީއްވެހެއްޔެވެ؟

ލޯގަނޑުން އޭނާގެ ސޫރަ ފެންނަ އިރު ނުލާހިކު ރީއްޗެވެ. ހުދުކުލައިގެ ނިދާ ހެދުމުގައި ހުރި އިރު ހީވަނީ ބިއްލޫރިން ހަދާފައި ހުރި ރީތި ބުދެއްހެންނެވެ. އައިބެއް ފެނޭތޯ ބޮލުން ފެށިގެން ފައިތިލައާ ހަމައަށް އޭނާ ބަލައިލިއެވެ. އެއްވެސް އައިބެއް ނުފެނުނެވެ.

ލޯބި ލިބެނީ ރީތި ވެގެން ކަމަށް ވާނަމަ އަހަރެން ރީއްޗެވެ. ތާބިންދާ...

އޭނާގެ ހިތުގައި ނަފްރަތު އުފެދެން ފެށިއެވެ.

އާނ. ސަލްމާންގެ ހިތް އަތުލެވޭނީ ހިތް ދަމައިގަންނަ ކޮންމެވެސް ސިފައެއް އޭނާގެ ކިބައިގައި ހުރެގެންްނެވެ. ސަލްމާން އަންޞަރް އޭނާގެ ޖާދޫގައި ޖެހުނު ސަބަބެއް ބަލާނަން. ސަލްމާންގެ ލޯމަތިން ފަލަކް ޝޭރް އަފްޣާން ގެއްލުވައިލީ ސަބަބު ހޯދާނަން. ތާބިންދާގެ ފައިފުއްސަކަށް ވެގެން އޮންނަން ސަލްމާން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ފައިތިލަ އަހަރެންގެ ފައިތިލައަށްވުރެ ރީތީ ހެއްޔެވެ؟

ނައިޓީ ހިއްލާލާފައި އޭނާގެ ފައިތިލައަށް ބަލައިލިއެވެ. އޭނާގެ ފައިތިލައިންވެސް އައިބެއް ނުފެނެއެވެ.

ސަލްމާން މުޅި ހަޔާތް ވޭތިކުރަން އުޅޭ އަންހެން މީހާ ހުންނަ ގޮތް ބަލާނަމެވެ. ފަލަކަށް އަނެއްކާވެސް ރޮވެން ފެށިއެވެ.

އޭނާ އަހަންނަށްވުރެ ރީތިއްޔާ އަހަރެން ކަންތައް ކުރަންވީ ކިހިނެއްޔެވެ؟ ސަލްމާން އޭނާއަށް ދޫކޮށްލާނީ ހެއްޔެވެ؟ ދެމީހުންގެ ގުޅުން ހުއްޓުވޭނީ ކިހިނެއްހެއްޔެވެ؟ އަހަރެން އޭނާގެ ދުވަސް ދުއްވާލާނަމެވެ. އޭނާގެ ހަޔާތް ބަރުބާދުކޮށްލާނަމެވެ. އޭނާގެ ސިފަ ހުތުރުކޮށްލާނަމެވެ.

ފާޚާނާއިން ނުކުމެގެން އައިސް އޭނާ ސޯފާގައި އޮށޯވެ ލޯ މަރައިލިއެވެ. އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބަން ފެށިއެވެ.

ލޯބި ބީވެގެން ދިއުމަކީ ހިތަށް ތީރެއް ހެރުން ފަދަ ކަމެކެވެ. އަހަންނަށް މި ދުނިޔެއިން ލިބިފައި ނެތީ ކޯޗެއްހެއްޔެވެ؟ އިތުރަށް ބޭނުންވަނީ ސަލްމާނެވެ. ފައިސާ ދީގެން އަހަރެން އޭނާ އަތުން ސަލްމާން ގަންނާނީއެވެ. އެގޮތަށް އެއްބަސް ނުވެެއްޖެނަމަ އޭނާގެ މޫނަށް އެސިޑު ޖަހާނީއެވެ. އޭނާ ބަރުބާދުކޮށްފައި ނޫނީ އަހަރެން ހުއްޓައެއް ނުލާނަމެވެ.

ރޮއެރޮއެ ވަރުބަލިވެގެން އޭނާއަށް ނިދުނެވެ. ހެނދުނު ހޭލިގޮތަށް ނަލަހެދިލައިގެން ފެކްޓަރީ އަށް ދާން ޑްރައިވަރު ގާތު ބުންޏެވެ. "ދާ މަގުމަތީން އެސިޑު ފުޅިއެއް ގަނެދީ." ޑްރައިވަރު ހައިރާންވެފައި ފަލަކަށް ބަލައިލިއެވެ. އޭނާ އެސިޑު ފުޅިއެއް ގަނެގެން އައިސް ފަލަކަށް ދިނެވެ. ފަލަކް އެސިޑު ފުޅި ހުޅުވައި އޭގައި ހުރި އުނގުރި ނަގައި އެއްލައިލިއެވެ. އަދި މަތި ޖެހުމަށްފަހު ދަބަހަށް ލިއެވެ.

ފެކްޓަރީއަށް ގޮސް ސަލްމާންގެ އޮފީހަށް ދިއުމުގެ ބަދަލުގައި އޭނާ ދިޔައީ އިދާރީ ބަޔަށެވެ. އޮފީހަށް އޭނާ ވަންތަން ފެނުމުން އެތާ އިން އޮފިސަރު ސިހުނެވެ. "ކޮން ކަމަކުތޯ؟"

"މުހިއްމު ވާހަކައެއް ދައްކާލަން، އިށީނދޭ." ފަލަކުވެސް ގޮނޑިއެއް ކައިރިކޮށްގެން އިށީނެވެ. އޮފިސަރުގެ ހާސްކަން އިތުރުވިއެވެ.

ފަލަކް އޮފީސް ތެރެއަށް ނަޒަރު ހިންގާލާފައި އެހިއެވެ. "ތާބިންދާ ކިޔާ މީހެއް އުޅޭތަ މިތާ؟" އެ ސުވާލު ކުރުމުން އޮފިސަރު ވަރަށް ކަންބޮޑުވިއެވެ.

"ތިނަން ކިޔާ ކިތަންމެ މީހުންނެއް މިތާ އުޅޭނެ. ކޮން ތާބިންދާ އެއް؟"

"ސަލްމާން އަންޞަރް ރައްޓެހިވެގެން އުޅޭ ތާބިންދާ." ފަލަކު ބުންޏެވެ.

އޮފިސަރު ބިރުން ދާހިއްލަން ފެށިއެވެ.

"ސަލްމާން އަންޞަރް ރައްޓެހިވެގެން އުޅޭ މީހާ އުޅެނީ މިތާކު ނޫންތަ؟"

"އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު..." ފަލަކް އޭނާގެ ވާހަކަ ހުއްޓުވިއެވެ.

"ގޭގަ އިނދެގެން އަހަންނަށް ހުރިހާ ކަމެއް އެނގޭ އިރު މިތާ އިންނަ މީހަކަށް އެއްވެސް އެއްޗެއް ނޭނގިއެއް ނުދާނެ. މިތާ ވެރިމީހާ އާއި އޭނާގެ ދަށުން މަސައްކަތްކުރާ މުއައްޒަފަކު ހިތާވެގެން އުޅޭ އިރު ކަލެއަށް ނޭނގުނިއްޔާ ދެން އެކަން އެނގޭނީ ކާކަށް؟ އޭނައަށް ގޮވާ."

(ނުނިމޭ) 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. Falak thivanee loaiybeh noon.thee amilla edhun.loabinama thimaa loabivaa meehaage ufalattakaa amilla ufaa gurbaan koffaves eyna ufaluga bahattaane.mee avaamendhuru dhanna loabi

    Comment kuraa kudhinnah kihineiyvee .gaimu vaahaka varah shauguveri.reethi

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.