ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް ވައްދައިފި

ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީއިންތިޚާބު ބާއްވާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ އަލުން އެއިންތިޚާބު ބޭއްވުމަށް ބާރުއަޅައި މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިޤަރާރު ވެއްދީ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ޖާބިރެވެ. އޭނާ ވިދާޅުވެފައިވަނީ އެފަދަ ޤަރާރެއް މަޖިލީހަށް ވެއްދީ އަލުން މިނިވަން އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކޮށް މަޖިލީހުން ޤަރާރެއް ފާސްކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

ވައްދާފައިވާ ޤަރާރުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާން ވެގެންވާ ގޮތުގެ މަތީން ސިޔާސީޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަކުރެވޭނެ ގޮތުގެ މަތީން އަލުން މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށް މިއިއްޒަތްތެރި މަޖިލީހުން ގަރާރެއް ފާސްކުރުމަށް ބާރު އެޅުމުގެ ގޮތުން މިގަރާރު ހުށަހެޅީމެވެ. އެމަސައްކަތް މިހިނދުން މިހިނދަށް ފެއްޓެވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމް ކުރުމަށް ވެސް އޭނާ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ޤަރުގައި ވިދާޅުވެފައިވެއެވެ.

"2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންތިޚާބުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޚިލާފަށް ބޭއްވުނު ރިޔާސީ އިންތިޚާބަކުން،" ޖާބިރުގެ ޤަރާރުގައިވެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާން ވެގެންވާ ގޮތުގެ މަތީން ސިޔާސީޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަކުރެވޭނެ ރިޔާސީ އިންތިޚާބެއް ބާއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.