ވެރިކަމުގެ ނިޒާމަށް އިޞްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

މަޖިލީހުގެ ރައީސް ވިދާޅުވަނީ މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް ހިނގަންވީ ވަގުތު ނޫންކަމަށް 

ވެރިކަމުގެ ނިޒާމަށް އިޞްލާހު ގެނައުމަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމުގެ ބިލެއް،މަޖިލީހަށް ހުށަހަޅައިފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ޤާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ. 

މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމަށް އިޞްލާޙެއް އަންނަޖެހޭ ކަމަށް އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް މެމްބަރު ޖާބިރު ހުށަހަޅުއްވައިފައިވާ އިޞްލާޙަކީ އެމަނިކުފާނު ތާއީދު ކުރައްވާ މަގަށް އޮތް އިޞްލާޙެއް ނޫން ކަމަށެވެ. އަދި މި ވަގުތަކީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބަހުސެއް ހިންގަންވީ ވަގުތު ނޫންކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން އެބިލް އެޖެންޑާ ކުރައްވައި ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސްކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ. ބިލާމެދު ގޮތެއް ނިންމެވުމަކީ މެމްބަރުންގެ އަތްޕުޅުގައި އޮތް ބާރެއްކަމަށް ވިދާޅުވިއެވެ. 

"ވެރިކަމުގެ ނިޒާމަށް އިޞްލާޙެއް ގެނައުމަކީ، ޢިއްޒަތްތެރިމެމްބަރުންނަށް ވެސް، ރާއްޖޭގެ ރައްޔިތުންނަށްވެސް އެނގޭނެ، އަޅުގަނޑު ދައްކާ ވާހަކައެއްކަން. އެހެންނަމަވެސް އެއްގޮތަކަށް ވެސް އޮޅޭކަށް އަޅުގަނޑެއް ނޭދެން. ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވައިފައި ވަނީ ކުޑަކޮށްވެސް އެބާވަތުގެ އިސްލާޙެއްވެސް ނޫން. އަދި އެމަގަށް ދިއުމަށް ބަހުސެއް ފަށަންވީ ވަގުތު ކަމަކަށްވެސް އަޅުގަނޑު ނުދެކެން މިވަގުތަކީ. އިސްލާހަކަށް އަޅުގަނޑުވެސް އެދެން. އެހެންނަމަވެސް އަޅުގަނޑު ނުދެކެން މިއީ އަޅުގަނޑުމެން އެބަހުސް ހިންގަންވީ ވަގުތުކަމަކަށްވެސް އަދި މިއިސްލާޙު ބަޔާންމިކުރެވެނީ އެމަގަށް ކަމަށްވެސް. އެހެންނަމަވެސް އަޅުގަނޑުގެ އަތް ވަނީ ބަނދެވިފައި މިތަނުގެ ޤަވާޢިދު ބުނާ ގޮތަށް އަޅުގަނޑު ޢަމަލުކުރަންޖެހޭ. އެހެންވީމާ މި ބިލްގެ ފުރަތަ  ކިޔުމާއި އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވޭނެ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

ޤާނޫނު އަސާސިއަށް އިތުރު އެހެން އިޞްލާހެއްވެސް ހުށަހަޅައިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެއީ ޖޫޑިޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށް ،މަހިބަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޠާރިޤް ހުށަހަޅުއްވައިފައިވާ އިޞްލާހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.