ދައުލަތުގެ މުހިންމު ތިން މަޤާމަށް ރުހުން ދިނުމުގެ ވޯޓު ދައުރުގެ ފަހު ޖަލްސާ މިއަދު

ދައުލަތުގެ މުހިންމު ތިން މަޤާމަށް ރުހުން ދިނުމަށް ނަގާ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މިއަދު އޮންނާނެއެވެ. މިއަދު ބޭއްވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 77 ވަނަ ޖަލްސާއެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރެއިން ވޯޓަށް އަހަން ހުރި ކަންކަން ފިޔަވައި ހުރިހާ ކަމެއް މިހާރު ވަނީ ނިމިފައެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ރުހުން ދިނުމުގެ ވޯޓްތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަޤާމަށް ޙުޞައިންޝަމީމަށް ރުހުންދެއްވުމާ މެދު ގޮތެއް ނިންމުމާއި އުއްތަމަފަނޑިޔާރަކަށް މ.ގުލްފާމްގޭ އަޙްމަދު މުޢްތަޞިމް ޢަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ.މީދޫ، ހަސަންކާރިގޭ ޙުސްނުއްސުޢޫދު ޢައްޔަން ކުރެއްވުމާ މެދު ގޮތެއް ނިންމުމެވެ. މި މަޤާމުތަކަށް އެބޭފުޅުން އައްޔަން ކުރުމާމެދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯރޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅައި މިއަދުގެ ޖަލްސާގައި ވަނީ ބަހުސް ކުރަށްވައި ފައެވެ.

ޕީޖީ ކަމަށް އައްޔަން ކުރައްވަން ނަން ފޮނުއްވައިފައިވާ ޝަމީމަކީ ކުރިން ޑެޕިއުޓީ ޕީޖީކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މެމްބަރުން ވިދާޅުވެފައިވަނީ ޝަމީމަކީ އެމަޤާމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅާކަމުގައެވެ. އަދި އޭނާއަކީ އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މުޢުތަސިމް ޢަދުނާނަކީ ވެސް ކުރިން ސްޕްރީމް ކޯރޓްގެ ފަނޑިޔާރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މުޢުތަޞިމަކީ އުއްތަމަ ފަނޑިޔާރުކަމަށް އެންމެ އެކަށޭނަ، ގިނަ ވެގެން ނުޅުއްވާ ޢަބުރުވެރި އަބުއި ބޭފުޅެއްކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި ކުރިން ސްޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ހުންނަވައިގެން މުހިންމު މަސައްކަތްތަކެއް އޭނާ ކުރައްވައިފައިވާކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ޙުސްނު ސުޢޫދަކި ކުރިން ދައުލަތުގެ ބަންޑާރަނައިބްކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވައިފައިވާ މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަންގެ ރައީސް ވެސް މެއެވެ. ސުޢޫދު ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމާމެދު ބައެއް އާންމުންނާއި ބައެއް މެމްބަރުންގެ ޚިޔާލު ވަނީ ތަފާތުވެފައެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޙުސްނުއްސުޢޫދު ޢައްޔަން ކުރުމާމެދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯރޓަށް ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ވިދާޅުވީ ޙުޞްނު ސުޢޫދަކީ ރައީސް ނަޝީދު ފިޔަވައި ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅާ ކަމަށެވެ. އެފަދަ ސިޔާސީ ބޭފުޅަކު ސްޕްރީމް ކޯރޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް، ނަންފޮނުވުމަކީ ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސުޢޫދަކީ ޢިލްމީ ގޮތުން ޤާބިލް ފަންނީ ބޭފުޅެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ސުވާލަކީ ސަރުކާރަށް މިއަށްވުރެ ރަނގަޅު ބޭފުޅަކު ނުފެނުނީ ބާއޭ؟ ނުވަތަ ސަރުކާރުގެ އިޚްލާސް ތެރިކަމެއް އެބަ އޮތްބާއޭ؟ އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއަށްވުރެ ރަނގަޅު ބޭފުޅުން ތިއްބަވާނެ. ޙުސްނު ސުޢޫދަކީ ސިޔާސި ރަގަނޅު މަޤާމެއް އަދާކުރަން ރަނގަޅު ބޭފުޅެއް. އެހެން ނަމަވެސް މިމަޤާމަށް (ފަނޑިޔާރު) ކަމަށް އެމަނުކުފާނު އައްޔަން ކުރުމަކީ ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭނެ މަސައްކަތަކަށް ނުވާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކު ޢައްޔަންކުރުމަށް ރުހުން ހޯދުމުގެ މައްސަލަވެސް މިއަދު ޖަލްސާގައި ވޯޓަށް އައްސަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.