ބަޖެޓްގެ ފަހު ބަހުސް އަންނަ ހޯމަ ދުވަހު ފަށްޓަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓްގެ ފަހު ބަހުސްގައި މެމްބަރަކަށް ހަތް މިނެޓް ދެއްވާނެކަމަށެވެ.
ބަޖެޓަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު މެމްބަރުންނަށް ހުޅުވައިލައްވައިފައިވާކަމަށް ވެސް މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ބަޖެޓް ކޮމެޓީން ބަޖެޓް ދިރާސާ ކޮށް ނިންމެވި އިރު ބަޖެޓަށް ވަނީ 366 މިލިއަން ރުފިޔާ އިތުރުކުރައްވައިފައެވެ. ސަރުކާރުން މަޖިލީހަށް ފޮނުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓް ޑެފިސިޓް ބޮޑުވާގޮތަށް، ބަޖެޓް ތަންފީޒުކުރުމަށް ދަތިވާ ގޮތަށް ބަޖެޓަށް ބަދަލު ގެނައުމަކީ މަޖިލީހުން ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް ޢަދަދުތައް އެއްތަނުން އަނެއް ތަނަށް ބަދަލު ކުރެވިދާނެކަމަށެވެ. ސަރުކާރުން މަޖިލީހަށް ބަޖެޓްގެ ފޮނުވީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓާއެކުއެވެ. 366 މިލިއަން އިތުރުކުރުމުން 5.9 ބިލިއަން ރުފިޔާއަށް ޑެފިސިޓް އިތުރުވާނެއެވެ.
ބަޖެޓްގެ ފަހު ބަހުސް އަންނަ ހަފަތާ ފަށްޓަވާއިރު، ބަޖެޓް ފާސްކުރުމުގެ ކުރިން ނިންމަންޖެހޭ މުހިންމު ބިލްތަކެއް ހުރިކަންވެސް މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެބިލްތަކުގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ޤާނޫނީ އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލާއި ލާމަރުކަޒީ ބިލް ހިމެނެއެވެ. މިއަދުގެ ޖަލްސާގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލްގެ މަސައްކަތް މުޅި މަޖިލީސްގެ ކޮމެޓީގައި ކުރިއަށް ގެންދަވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.