2019 – ރައްޔިތުންގެ މަޖިލިސް ތަފާތު ދެއްކި އަހަރެއް!

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިމިދިޔަ އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައި އެންމެ ބޮޑު ތަފާތު ދެއްކި އަހަރެވެ. 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވަނީ ވެރިކަންކުރާ މައިޕާޓީ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދީފައެވެ. ޖުމުލަ 87 ގޮޑި ހިމެނޭ މަޖިލީހުގެ 65 ގޮޑިއަށް އިންތިޚާބުވެފައި ވަނީ ހަމައެކަނި އެމްޑީޕީން އެޖެންޑާ 19 ގެ ވަޢުދުވި މެމްބަރުންނެވެ. ރާއްޖެއަށް ސިޔާސީ ޕާޓީ ތަޢާރަފްވިފަހުން ސިޔާސީ ޕާޓީއަކަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ ނިމިދިޔަ އަހަރުކަމުގައި ދެންނެވިދާނެއެވެ. ސަބަބަކީ ރާއްޖޭގެ ވެރިކަން ކުރާ މައިޕާޓީއެއްގެ ގޮތުގައި އެމްޑޕީ އޮއްވާ އެޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ރައްޔިތުން ދިނުމެވެ.

2019 ގައި އިންތިޚާބުވި މަޖިލީހަކީ ރާއްޖޭގައި ވެރިކަންކުރެއްވި ބޭފުޅަކު މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވައި އަދި ގޮނޑިއެއް ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރުވެސް މެއެވެ. މައްޗަންގޮޅީ މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމްޑީޕީގެ ސްޕަރ މެޖޯރިޓީއާއެކު ފަސޭހަ ކަމާއެކު މަޖިލީހުގެ ރައީސްގެ މަޤާމުވެސް ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ.

މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއެކު ސަރުކާރަށް ވެސް އިތުރު ބާރެއް ލިބުން!

އެޖެންޑާ 19 އާއެކު އެމްޑީޕީ އަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުމުން ވީވަޢުދުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ އެޕާޓީއަށް މާއުދަނގޫ ކަމަކަށް ނުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި މަޖިލީހުގެ ރައީސް އާއި ނާއިބް ރައީސަކީ ވެސް އެމްޑީޕީގެ މެމްބަރުންނަށް ވުމުން މަޖިލީހުގެ ތެރެއިން ނިންމަންޖެހޭ ކަންކަން ނިންމުމަށް ވެރިކަންކަންކުރާ އެމްޑީޕީއަށް އަދި ޚާއްޞަކޮށް ސަރުކާރާށް މާބޮޑު ހުރަހެއް ނެތެވެ. ރާއްޖެއަށް ސިޔާސީ ޕާޓީ ތަޢާރަފްވި ފަހުން ސަރުކާރަކަށް މިހާފަސޭހަކަމާއެކު މަޖިލީސް ތެރެއިން ކަންކަން ނިންމުމަށް ފުރުޞަތު ނުވަތަ މަގު ފަހިވެފައިވާ ސަރުކާރެއް ނެތޭވެސް ދެންނެވިދާނެއެވެ. މިވާހަކަ ދައްކާލުމުން ހިތައް އަންނަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހާ ހުރެ، ސަރުކާރު ހިންގަން ދަތިވެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިޢުފާ ދިނުމުގެ ކަންތައް ގަނޑެވެ. މިހާރު އޮތް ސަރުކާރަށް ހަމަގައިމުވެސް އެފަދަ ކަމެއް ކުރިމަތި ވެގެނެއް ނުދާނެއެވެ. ސަބަބަކީ އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮތީ ސަރުކާރާއެކުގައި ކަމަށް ވާތީކަމަށެވެ. އަދި ސަރުކާރުގެ ހިއްސާވާ ޖުމުހޫރީ ޕާޓީގެ މެމްބަރުންވެސް ތިބޭނީ ސަރުކާރުގެ ދިފާޢުގައި ކަމަށް ވުމުންނެވެ. އެހެންކަމުން ޤާނޫނޫތަކުގެ އިތުރުން ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެންވެސް ކުރަން ބޭނުންވާ ކަންކަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އޮތީ ފަހިވެފައެވެ.

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުވެ އެމަޖިލީހުގެ ޖަލްސާތައް ފެށުނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރާއެކުގައެވެ. މަޖިލީހުގެ ތިން ދައުރުގެ ތެރެއިން ފުރަތަމަ ދައުރުގައި އޮތީ 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެހެންކަމުން މިދިޔަ އަހަރަކީ ދެ މަޖިލީހުގެ މަސައްކަތް ކުރިއަށް ދިޔަ އަހަރެކެވެ.

ސްޕަރ މެޖޯރިޓީގެ ބޭނުން، ބޭނުންވާ ގޮތަށް!

އެޖެންޑާ 19 އާއެކު އެމްޑީޕީ އިން ހޯދި ސްޕަރމެޖޯރިޓީއާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުން 2019 ގައި ވަނީ ތަފާތު ދައްކައިފައެވެ. މަޖިލީހުގެ ހަޤީޤީ މަސައްކަތްތައް ހިނގާ ތަނަކީ މަޖިލީހުގެ ކޮމެޓީތަކެވެ. މަޖިލީހުގެ ހުރިހާ ކޮމެޓީތަކެއްގެ މެޖޯރިޓީވެސް ހޯދައިފައި ވަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއިންނެވެ. އެހެންކަމުން ކޮމެޓީތަކުންވެސް އެޕާޓީން އަދި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ބާރު އޮތީ ލިބިފައެވެ. އަދި އެބާރުގެ ބޭނުންކޮށްގެން ބައެއް މަސައްކަތްތައް ވެސް ވަނީ ކޮށްފައެވެ. އަދި ހަމައެހެންމެ ޝަރުޢީ ނިޒާމް ގޯސްވެ ފަނޑިޔާރުގެ ހަމަޔަކަށް އަޅުވަން އެޖެންޑާ 19 ގައި ވަޢުދުވި ފަދައިން އެކަންވެސް ނިމިދިޔަ އަހަރުތެރޭގައި މަޖިލީހުން ވަނީ ކޮށް ނިންމައިފައެވެ. ސްޕަރ މެޖޯރިޓީ އޮތުމުން އެކަމަށް ވެސް މަޖިލީހުން ވަނީ އިންތިހާއަށް މަގުފަހިވެގެން ގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާއިރު ޖޭއެސްސިން މަޖިލީހަށް ކަނޑައަޅައިފައިވާ ގޮޑީއަށް ވެސް ސްޕަރ މެޖޯރިޓީން ހޮވިވަޑައިގެންނެވީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ޙިސާން ޙުޞައިންނެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތުން އާންމުންގެ ތެރެއިންވެސް ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކު ކަނޑައަޅަނީ މަޖިލީހުގައި ނަގާ ވޯޓަކުން ކަމަށް ވުމުން އެގޮނޑިވެސް ދީފައިވާނީ ވެރިކަން ކުރާ އެމްޑީޕީގެ ފިކުރާ އެގޮތް ފިކުރެއްގެ ރައްޔިތަކަށެވެ. މަޖިލީސް ތެރެއިން ސާފުކޮށް ވެރިކަން ކުރާ މައިޕާޓީގެ ފިކުރުގެ ތިން މެމްބަރަކު ޖޭއެސްސީ ގައި އިންނަވާއިރު ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން ވެސް ދެ މެމްބަރަކު ޖޭ އެސްސީގައި އިންނަވައެވެ. އެއީ ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެވެ. އެހެން ކަމުން އެޖެންޑާ 19 ގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފަނޑިޔާރުގެ އިޞްލާޙު ކުރުމަށްޓަކައި ފަނޑިޔާރުންގެ މައްސަލަތައް ބަލާ ވެރިކަންކުރާ އެމްޑީޕީއިން ހިތް ނުރުހޭ ފަނޑިޔާރުން ވަނީ ވަކިކޮށްފައެވެ.

ނަވާރަވަނަ މަޖިލީސް ފެށުމާއި އެކު ފެންނަން ފެށީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތަފާތު ބަހުގެ ހަމަލާތައް ދެމުން އައިސް މަޖިލީހަށް ސްޕްރީމްކޯޓާ ގުޅުންހުރި ތަފާތު މައްސަލަތައް ވައްދްމުން ގެންދެވު މަންޒަރެވެ. އުއްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓްގެ އެހެން ފަނޑިޔާރުންގެ މައްސަލަތައް ނަގާ އެފަނޑިޔާރުން ވަކި ކުރައްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ދެއްވަމުން ގެންދެވި ތަނެވެ. މިފަދަ އިންޒާރުތަކާއެކު ފަހަރަކު ފަނޑިޔާރަކުން ގޮސް އެންމެ ފަނޑިޔާރެއް ފިޔައި މުޅިސްޕްރީމްކޯޓް ހުރިހާ ފަނޑިޔާރުން ވަނީ ވަކި ކޮށްފަވެ. މަޖިލީހުން ވަކި ކުރުމުގެ ކުރިން ފަނޑިޔާރު ޢަބްދުﷲ ޢަރީފް ވަނީ އަމިއްލަ ފުޅަށް އިސްތިޢުފާ ދެއްވައިފައެވެ. އޭރު އޭނާގެ ސްލޫކީ މައްސަލައެއްވެސް ޖޭއެސްސީ ގެންދެވީ ބައްލަވަމުންނެވެ. ފަނޑިޔާރުން ވަކި ކުރައްވަމުން ގެންދެވީ ޖޭއެސްސީ އިން ފަނޑިޔާރެއްގެ މައްސަލަ ބަލާ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެމައްސަލައެއް ބެއްލެވުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން ފާސްކޮށްގެންނެވެ.

ޝަރުޢީ ނިޒާމު މިނިވަން ކުރުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު އަންނަންޖެހޭ ކަމަށް ޖޭއެސްސީގައި ކުރިން ހިމެނިވަޑައިގެންނެވި ބައެއް މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތީޚާބު ވުމަށްފަހު އެކުލަވާލެއްވި ޖުޑިޝަރީ ކޮމެޓީން ޖޭއެސްސީއާއެކު ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ބަންޑާރަ ނާއިބް ވަނީ ސްޕްރީމް ކޯރޓުން ޖޭއެސްސީއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ އެކަން ހުއްޓުވައި ދިނުމަށް އެދިފައެވެ. ސްޕްރީމް ކޯރޓްގެ ދިފާޢުގައި އެއްޗެއް ވިދާޅުވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުގެ ޙައިޞިއްޔަތުން ޖޭއެސްސީގައި އިންނެވި ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ. ބަންޑާރަނައިބްގެ އެދިވަޑައިގެންނެވުމާއި އެޖެންޑާ 19 ގައިވާ ގޮތަށް މަރުޙަލާއަކުން މަރުޙަލާއަކުން ސްޕްރީމް ކޯރޓްގެ ފަނޑިޔާރުން ވަކިކުރަމުން ގޮސް ހުރިހާ ފަނޑިޔާރުއް މިދިޔައަހަރުތެރޭގައި ވަކިކޮށް ސްޕްރީމްކޯރޓް އެއްކޮށް ވަނީ ސާފުކޮށް އަލުން ފަނޑިޔާރުން އައްޔަންކުރައްވައޮފައެވެ.

ފަނޑިޔާރުގެ އިސްލާޙުކުރުމަށް ފުރަތަމަ ކުރައްވަން ޖެހޭނެ ކަމަކީ ޖޭއެސްސީ އެކުލެވިވާ ގޮތް ބަދަލު ކުރުންކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޤާނޫނޫއަސާސީއަށް ބަދަލު ގެނެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނައުމަކީ ސްޕަރމެޖޯރިޓީއާއެކު އެމްޑީޕީއަށް އުދަނގުލަކަށް ނުވާނެއެވެ. އެހެންނަމަވެސް މަޖިލީހާއި ސަރުކާރަށް ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވެން އޮތް ބާރު ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެހެން ކަމަށްވާއިރު ވެރިކަންކުރާ މައިޕޓީ، އެމްޑީޕީއިން ނުރުހޭ ފަނޑިޔާރު ޝަރުޢީ ނިޒާމު ބޭރުކުރުމަކުން ޝަރުޢީ ނިޒާމު މިނިވަންކުރުމޭ ބުނެވިދާނެހެއްޔެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.