މަރުކޮމިޝަން އުފެއްދި ބޭނުން ފުދުނު ކަމަށް ނުފެނޭ: ޑރ. އިޔާޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުކޮމިޝަން އުފެއްދެވި ބޭނުން ފުދުނުކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މަޝްހޫރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ޖަވާބު ބޭނުންވާ ބައެއް ސުވާލުތައް އުފައްދަވައިފައެވެ. އޭގެތެރޭގައި އަފްރާޝީމް މަރާލުމުގައި އިސްކޮށްހުރި ކަމަށް ބުނެފައިވާ އަޒުލީފް ރައުފަށް ފައިސާދިނީ ކާކުތޯވަނީ ސުވާލު ކުރައްވައިފިއެވެ. އަދި އެފައިސާ ހޯދި ގޮތާއި އަފްރާޝީމާއި އަޒުލީފް ރައުފާ ދެމެދުއޮތީ ކޮންމައްސަލައެއްތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ. އެ ޙާދިސާއަށްފަހު އަޒުލީފް ރާއްޖެ ދޫކޮށް ފުރައިގެން ދިޔައީ ކިހިނެއްތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.

މަރުކޮމިޝަންގެ ރިޕޯޓުގައި މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދެވިފައި ނުވާކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ. ފުލުހުން ކުރިން ނެރެފައިވާ ބަޔާން ނުވަތަ މަޢުލޫމާތަށްވުރެ އިތުރު އެއްޗެއް ފަހުގެ ތަހުގީގުން ސާފުނުވާކަމަށް ވެސް ވިދާޅުވެފައިވެއެވެ. 2011 ވަނަ އަހަރު ޑރ. އަފްރާޝީމް ޖޭއެސްސީގައި ހުންނަވަނިކޮށް އެތަނުން އޭނާ ވަކިކޮށްދިނުމަށް އެދި އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލަ މަރުކޮމިޝަންގެ ރިޕޯޓުގައި ހިމަނާފައި ނުވާތީ  އިޔާޒު ވަނީ ސުވާލު ކުރައްވައިފައެވެ.

އޭނާ ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް ފަދަ ޢިލްމުވެރިއަކު އެހެން ބޭފުޅުންނާ ޚިޔާލު ތަފާތުވެފައިވާ މައްސަލަތަކެއްގައި އެމަނިކުފާނުގެ ރައުޔު ބަދަލު ކުރައްވައި ޓީވީގައި އެކަން އިޢުލާން ކުރެއްވުމަށް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ބާރުއަޅުއްވާފައި ވާނަމައެއީ އެމަނިކުފާނު ވަރަށް ރަނގަޅަށް ކުރެއްވި އަދި ކުރައްވަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް އަފްރާޝީމްގެ މަރާއި ޝަހީމާ ހުރިގުޅުޅުން ސާފުކޮށްދީފައި ނުވާތީ އެކަމާ ހިތާކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ތިޔަ ކޮމިޝަނުން ކުރައްވާ ކަމަކީ މައުސޫމް ބައެއްގެ އަބުރު ކަތިލެއްވުންތޯ؟ އަޅުގަނޑުމެންނަށް ނަސްރުދެއްވާނީ ﷲ،" ޑރ. އިޔާޒު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.