މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެންމިހާތަނަށް 11 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. ނަވެސް އެއީ ސީދާ ކޮންމައްސަލަތަކަކާ ގުޅިގެންކަމެއް ތަފުސީލެއް ނުދެއްވައެވެ.

މިއަދު ބޭއްވި އެކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރު މިސްބާޙު ޢައްބާސް ވިދާޅުވީ މިހާރު ކޮމިޝަނުން އެންމެ އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވަނީ ރިޟްވާން ޢަބްދުﷲ ގެ މައްސަލަ ކަމަށެވެ. އެ މައްސަލައިގައި ފާހަގަ ކުރެވޭ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓައި އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް ސީދާ އެމައްސަލައިގައި ހިފައިޓައިފައި ވަނީ ކިތައް މީހުންގެ ޕާސްޕޯޓުކަމެއް ހާމައެއް ނުކުރައްްވައެވެ. 

ކޮމިޝަންގެ އަމާޒަކީ ރިޟްވާންގެ މައްސަލައިގައި، އެ އަމަލު ހިންގުމުގެ ހުރިހާ މަރުހަލާއެއްގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށްވެސް މަރު ކޮމިޝަނުން ވިދާޅުވިއެވެ. އިއްޔެ ވަނީ ރިލްވާނުގެ މައްސަލައާ ގުޅޭ ވަޅިއާ ބެހޭ މައުލޫމާތު ހާމަކުރި ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް އެ ކޮމިޝަނުން ހުށަހަޅައިފައެވެ. ސަރިއަތަށް ސާބިތު ކުރެވޭ ވަރަށް ސައްހަ މައުލޫމާތެއް ދޭ ފަރާތަކަށް އެ އިނާމު ދެއްވާނެކަމަށް މިސްބާހު ވިދާޅުވިއެވެ. އެ ވަޅިއަކީ ރިޟްވާނުގެ މައްސަލައިގެ މުހިންމު ހެއްކެއްކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. ވަޅިއާބެހޭ  ފޮރެންސިކް ތަހުލީލުތަކެއް ދިވެހި ފުލުހުންވެސް ހަދައިފައިވާކަމަށް ފާހަގަ ކުރެއްވިއެވެ. އެ ތަހުލީލުތަކުގެ އަލީގައި ވަޅިއާ ގުޅޭ އިތުރު ފޮރެންސިކް ތަހުލީލުތަކެއް ރާއްޖެއިން ބޭރުން  މިހާރު ހަދަމުންގެންދަވާކަމަށް ވެސް ކޮމިޝަނުން ވިދާޅުވިއެވެ. 

ރިޟްވާނުގެ މައްސަލައިގައި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިއުމުގައި އެކަން އެނގޭނެ މީސްމީހުން ތިބޭނެ ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭކަމަށް ވިދާޅުވިއެވެ.  އެފަދަ މީސްމީހުން ފަސް ނުޖެހި ކޮމިޝަނަށް މައުލޫމާތު ދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި މައުލޫމާތު ދޭ މީސްމީހުންނަށް ރައްކާތެރިކަން ދެއްވާނެކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. 

މަރު ކޮމިޝަނުން ބަލަމުންދާ 27 މައްސަލައިގެ ތެރެއިން ގިނަ މައްސަލަތަކެއްގެ ވަރަށް ބޮޑު ބައި ނިމިފައިވާކަމަށް ވެސް ކޮމިޝަނުން މިއަދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.