ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ މަޢުލޫމާތު ޙިއްސާ ކޮށްފިން: ޢަބްދުﷲ ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލާގައި ލިބިފައިވާ ހުރިހާ މަޢުލޫމާތެއް މަރުތަކާބެހޭ ކޮމިޝަނާ މިއަދު ޙިއްސާ ކޮށްފި ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި މިހާރު ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މަޢުލޫމާތު ޙިއްސާ ކުރެއްވުމުގެ އިތުރުން ކޮމިޝަނުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ވެސް ދެއްވި ކަމަށެވެ.

"ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލާގައި އަޅުގަނޑަށް ލިބިފައިވާ ހުރިހާ މަޢުލޫމާތެއް މަރުތަކާބެހޭ ކޮމިޝަނާ މިއަދު ހިއްސާކޮށްފިން. އަދި ކޮމިޝަންގެ  މެމްބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދީފައިވާނެ،" ޢަބްދުގެ ﷲ ރިޔާޒު ވިދާޅުވެފައިވެއެވެ.

ވަގުތު ޖެހުމުން ޑރ. އަފްރާޝީމްގެ މަރާބެހޭ ގޮތުން ލިބިފައިވާ ހުރިހާ މަޢުލޫމާތެއް ހާމަކުރައްވާނެ ކަމަށް ކުރިން ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ. އަފްރާޝީމް މަރާލީ ކަމުގެ ތުހުމަތުގައި ބަންދުކުރި ޙުސައިން ހުމާމުގެ މައްޗަށް ކުށްސާބިތުވާ ޝަރުޢީ ތިންމަރުހަލާއިން ވެސް ވަނީ ނިންމައި އޭނާ މަރަން ޙުކުމް ކޮށްފައެވެ. އެހެންނަމަވެސް އަދިވެސް އޭނާހުރީ ޖަލުގައެވެ. އެ މައްސަލައިގެ ތުހުމަތު ހުމާމު ނޫން އެހެން ބައެއްގެ މައްޗަށް ވެސް ކުރިއެވެ. އަދި އެމީހުންގެ ތަހުގީގަށްފަހު މައްސަލަ ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް ކުށް ސާބިތުވީ ހުމާމުގެ މައްޗަށް އެކަންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.