ދެކުދިންވެސް މަރުވެފައިވާކަމަށް ބެލެވެނީ ވިހެއުމުގެކުރިން- އައިޖީއެމްއެޗް

އައިޖީއެމްއެޗްގައި ރޭ ވިހޭ ދެ ކުދިން މަރުވެފައިވާ ކަމަށާއި އެދެކުދިން ވެސް މަރުވެފައިވަނީ، ވިހެއުމުގެކުރިން ކަމަށް ބެލެވޭކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގައި ވިހޭ ތިންކުއްޖަކު މަރުވެފައިވާކަމަށް ރެއިންފެށިގެން އަޑުފެތުރިފައި ވަނިކޮށް ކަން ހިނގާ ދިޔަ ގޮތް ސާފުކޮށް ދިނުމުގެ ގޮތުން އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި މަރުވީ  ދެ ކުދިން ކަމަށެވެ. ތިންވަނަ ކުއްޖަކީ އޭޑީކޭ ހޮސްޕިޓަލުގައި ވިހެއި ކުއްޖެއްކަމަށް ބެލެވެއެވެ.

މިފަދަ މަރުގެ މައްސަލަތަކުގެ ތަހްޤީގް، އެ ހޮސްޕިޓަލުން އަބަދު ވެސް ކުރިއަށް ގެންދަވާކަމަށް ނޫސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ޕެރިނޭޓަލް / ޕޯސްޓް ނޭޓަލް ކޮންމެ މަރަކީ ވެސް މި ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގުކުރެވި މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ކޮމެޓީން ވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުންގެންދާ ކަމެއްކަމުގައި ވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

ކޮންމެ މަރެއްގެ ތަފްޞީލް އާއިލާއިން ބޭނުންވެއްޖެނަމަ ޙިއްސާކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އައިޖީއެމްއެޗްގައި ފުރާނައެއް ވަކިވާ ކޮންމެ ފަހަރަކު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ފުން ހިތާމަ އިހްސާސްކުރެވޭ ކަމަށް ބަޔާނުގައި ފަހަގަކޮށްފައިވެއެވެ.

މިމަސްތެރޭގައި އެކަނިވެސް އައިޖީ އެމްއެޗްގައި ވިހެއުމުގެތެރޭގައި ގިނަ ޢަދަދެއްގެ ކުދިން މަރުވެފައިވާކަމަށް ބައެއް މީޑިއާ ތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެހޮސްޕިޓަލުގެ ބަޔާނުގައި ވަނީ ހަމައެކަނި ރޭގައި މަރުވި ދެކުދިންގެ މަޢުލޫމާތެވެ. މިފަހަކަށް އައިސް ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ ޢަދަދު އިތުރުވަމުން ދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.