އަގު ހަމަވާ ވަރަށް "ރަން ސްވިމް" އިން ހިތްހަމަޖެހުން ލިބިއްޖެ: ކުޑަ ޙުސައިން

އައްޑޫސިޓީގައި އިއްޔެ ބޭއްވި "ރަން ސްވިމް" ޙަރަކާތުގައި ބައިވެރިވި އެތުލީޓުންގެ ތެރެއިން އެންމެ ޚާއްސަ އެއްފަރާތަކީ މަޝްހޫރު ކޯޗު، ޑރ. ޙުސައިން ހަލީމް (ކުޑަ ޙުސައިން) އެވެ.

ދުވުމާއި ފަތުން ހިމެނޭގޮތަށް ބޭއްވި މި ރޭހާމެދު އޭނާ ހުރީ އިންތިހާއަށް އުފާވެ ހިތްހަމަޖެހިފައެވެ. މިރޭހަށް އަންނަން އުޅުމުން އޭނާގެ ރައްޓެހިން އެކަމާ ސުވާލުވެސް ކުރިއެވެ. ސިންގަޕޫރާއި ޖަޕާނުފަދަ ގައުމުތަކުގައި ބާއްވާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ މީހަކު ބޮޑު ޚަރަދުކޮށްލާފައި އައްޑުއަށްދަނީ ކީއްވެތޯ އެވެރީން ސުވާލު ކުރިއެވެ.

"މިރޭހަށް އަންނަން އުޅުމުން ރައްޓެހިން ބުނި ކީއްކުރަންހޭ އެހާ ޚަރަދުކޮށްގެން ރާއްޖޭގައި ބާއްވާ ރޭހަކަށްދަނީ. ޖަޕާނާއި ސިންގަޕޫރުފަދަ ގައުމުތަކުގައި ބާއްވާ ރޭސްތަކުގައި ބައިވެރިވާ މީހަކު،" ޑރ. ޙުސައިން ބުންޏެވެ. އޭނާ ރައްޓެހިންގެ އެބަހަށް ނުވަތަ ސުވާލަށް ފަރުވާއެއް ނުބަހައްޓައި އައްޑުއަށް އައިސް ރޭހުގައި ބައިވެރިވީއެވެ. ނަތީޖާ ވެސް ރަނގަޅެވެ. އުފަލާއި ހިތްހަމަޖެހުން ވެސް ލިބުނެވެ. ރައްޓެހިން އެހެން ބުންޏަސް އޭނާ ބުނީ މިހަރަކާތުގައި ބައިވެރިވުމުން "އަގުހަމަވާ ވަރަށް ހިތްޖަޖެހުން ލިބިއްޖެ،" ކަމަށެވެ.

"އަޅުގަނޑު މިރޭހަށް އައީ ވަރަށްބޮޑު މަގުސަދެއްގައި. އެއްކަމަކީ މިވަރުގެ އިވެންޓެއް މާލެ ސިޓީފިޔަވާ އެހެންސިޓީއެއްގައި ނުވަތަ އެހެން އަތޮޅެއްގެ ރަށެއްގައި ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި ބާއްވާފައިނެތް. ޒުވާނުން ތަކެއް އިސްނަގައިގެން މިވަރުގެ ރޭހެއް ބާއްވާތީ ހިތަށްއެރި އަޅުގަނޑަކީ އެތައްޒަމާނެއް ވަންދެން ކުޅިވަރު ކުޅެފައި މިހާރު ކުޅިވަރު ދިރާސާކޮށް އަދި މިހާރު ކޯޗެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހަކަށްވާތީ އެމީހުންނަށް ހިތްވަރުދޭން (މޯރަލް ސަޕޯޓުދޭން) ދާނީއޭ. އާދެވުނީތީ ވަރަށް އުފާވޭ ވަރަށް ހިތްހަމަޖެހޭ،" ޙުސައިން ބުންޏެވެ.

މި އިވެންޓަށް އޭނާވަނީ ތަޢުރީފްކޮށްފައެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ފާޅުކޮށްފައެވެ. މަޝްހޫރު ކުޑަ ޙުސައިނަކީ ދުނިޔޭގެ އެކި ބައްރުތަކުގައި ބާއްވާފައިވާ މިފަދަ ޙަރަކާތްތަކުގައި ބައިވެރިވެފައިވާ އަދި މިހާރުވެސް ބައިވެރިވަމުން އަންނަ މީހެކެވެ. ބޭރުގެ ގައުމުތަކުގައި ބާއްވާ މިފަދަ ރޭސްތަކުން ލިބޭ ހިތްހަމަޖެހުން އޭނާއަށް އިއްޔެ ލިބުނެވެ.

"އަޅުގަނޑަކީ ދުނިޔޭގެ އެކިކަންކޮޅުގައި ބާއްވާފައިވާ  އެތައް އިވެންޓެއްގައި ބައިވެރިވެފައިވާ މީހެއް. އެ ހައިސިއްޔަތުން މިރޭހަކީ ސިންގަޕޫރު ނޫނީ އެމެރިކާ ތަނެއްގައި ބާއްވާ ރޭސް ފަދައިން މަޖާވެފައި ރަނގަޅުރޭހެއް،" ކުޑަ ޙުސައިން ބުންޏެވެ.

ޖުމްލަ 165 އެތުލީޓުން ބައިވެރިވި މިޙަރަކާތަކީ އައްޑޫސިޓީއަށް ވަރަށްފައިދާ ކުރާނެ ޙަރަކާތަކަށްވެގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ. ލޯކަލް ޓޫރިޒަމަށް ބަލާއިރު ދިވެހީންނަކީ ޗުއްޓީއަށް އެކިރަށްރަށަށް ގޮސް އުޅޭ ބައެކެވެ. ޚާއްސަކޮށް ސްޕޯޓްސް ޓޫރިޒަމަށް ލޯބިކުރާ މީހުން ރާއްޖޭގައި މިހާރު ވަރަށް ގިނައެވެ. އެފަދަ ގުރޫޕް ނުވަތަ ގުރޫޕެއް ވެސް ރާއްޖޭގައި އެބައުޅެއެވެ. ކުޑަ ޙުސައިނަކީ އެފަދަ ގްރޫޕެއްގެ އެކެކެވެ. އިތުރަށް މިފަދަ ރޭސްތައް ބާއްވާ ކަމަށްވާނަމަ ފެންވަރު ރަނގަޅުވެ ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ. "މިފަދަ ރޭސްތައް ބާއްވާ ކަމަށްވާނަމަ ފެންވަރު ރަނގަޅުވެގެންދާނެ. މިއީ ލޯކަލް ޓޫރިޒަމަށް ކުރިއެރުން ލިބި ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް އައްޑުއަށް އައުމަށް ވަރަށްބޮޑު ހިތްވަރު ލިބޭނެ އިވެންޓެއްމީ،" ޑރ. ޙުސައިން ހަލީމް ބުންޏެވެ.

މިރޭހަކީ މޯލްޑިވްސް ލައިފްގާޑު އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ޚާއްސަ ޙަރަކާތެކެވެ. މިރޭސް އަންނަ އަހަރުވެސް އޮންނާނެއެވެ. ރޭހުގައި އޮންނާނީ ދުވުމާއި ފެތުމެވެ. މިފަހަރު ވެސް ރޭސް ނިންމި ކޮންމެ ބައިވެރިއަކަށްވަނީ މެޑަލް ދީފައެވެ. މި ރަންސްވިމް ކުރިއަށް ގެންދިޔައީ އައްޑޫ ސިޓީ ހިތަދޫ ސްވިން ޓްރެކް ސަރަޙައްދާއި ލިންކު ރޯޑުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.