ބޯކޮށް ވާރޭވެހި އައްޑޫ ސިޓީގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ

އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގިނަ ސަރަޙައްދުތަކުގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތައް ވެއްޖެއެވެ. ރޭގެ ދަންވަރުއްސުރެ ފެށިގެން ވާރޭ ވެހެމުން އަންނަ އިރު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަގުތަކުގައި ފެން ބޮޑުވެ، ގިނަ ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ބައެއް ތަކެއްޗާއި ފަރުނީޗަރު ވަނީ ހަލާކުވެފައެވެ.  މީގެ ތެރޭގައި ފޭދޫ އާއި މަރަދޫފޭދޫގެ އިތުރުން ހިތަދޫގެ ގެތައް ހިމެނެއެވެ. މިކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކަށް މި މައްސަލަ ބައެއް ގެތަކުން ހުށަހަޅާފައިވާ އިރު ބައެއް ގެތަކުން ދަނީ ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގޭތެރެއަށް ފެން ނުވަދޭވޭނެ ގޮތަށް ވެލި ބަސްތާ ޖަހަމުންނެވެ. އެމްއެންޑީއެފް އިން ދަނީ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

އަދިވެސް ވާރޭވެހެމެން ދާއިރު މޫސުމާއި ބެހޭ އިދާރާއިން ވަނީ ރޭ ދަންވަރު އެކަކުން ފެށިގެން މިއަދުގެ މެންދުރު ދޭއް ޖެހުމާއި ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑުއާއި ހަމައަށް ޔެލޯ އެލާޓު ނެރެފައެވެ. ވާރޭވެހުމާއި މޫސުން ގޯސްވުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ފެން ވަދެ ބޮޑެތި ގެއްލުންތައް ކުރިމަތިވުމަކީ މީގެ ކުރިންވެސް އައްޑޫއަށް ދިމާވަމުން އަންނަ މައްސަލައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.