ޖުމްހޫރީ ވެރިކަމެއް ދެމި އޮންނާނީ ރައްޔިތުންގެ ލޯބި އޮތްހާ ހިނދަކު: ހޯމްމިނިސްޓަރ

ހަގީގީ ޖުމްހޫރީ ވެރިކަމެއް ދެމިއޮންނާނީ އެވެރިކަމަށް ރައްޔިތުންގެ ކުލުނާއި ލޯބި އޮވެގެން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކުވެސް ގައުމުދެކެ ލޯބިވާންވާނެ ކަމަށާއި، އަދި އެމީހެއްގެ މައްޗަށް އޮންނަ ގައުމީ ވާޖިބު އަދާ ކުރުމަކީ އެމީހެއްގެ މައްޗަށް އޮންނަ ޒިންމާއެއް ކަމަށެވެ. "ހަގީގީ ޖުމްހޫރީ ވެރިކަމެއް ދެމިއޮންނާނީ ރައްޔިތުންގެ ކުލުނާއި ލޯބި އެވެރިކަމަކަށް އޮތްހާ ހިނދަކު،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވާޖިބު އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޚާއްސަކޮށް ގައުމީ ވާޖިބަކީ އެންމެންނާ ވެސް ގުޅުންހުންނަ ކަމަކަށްވާތީ އެފަދަ ވާޖިބު އަދާކުރުމަކީ ގައުމުގެ އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. ގައުމީ ވާޖިބު އަދާ ނުކުރެވޭ ކަމަށްވާނަމަ ފިތުނަ އުފެދި ހީވެސް ނުކުރާފަދަ ދެރަގޮތް މެދުވެރިވުމުގެ ފުރުސަތު އޮވެދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބު އަދާކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

މިޖަލްސާގައި މިނިސްޓަރ ވިދާޅުވީ ޖުމްހޫރީ ވެރިކަން ފެށިގެން އަންނަ ހިސާބަކީ ރައްޔިތުން ކަމަށެވެ. އެހެން ކަމަށްވާނަމަ އެފަދަ ވެރިކަމެއްގެ މިލްކުވެރިން ނުވަތަ ހައްގުވެރީންނަކީ ރައްޔިތުން ކަމަށް ވިދާޅުވިއެވެ. އެފަދަ ވެރިކަމެއް ހިންގަންވާނީ ރައްޔިތުން ބޭނުންވާ އަދި ރައްޔިތުންނަށް އެކަމުން މަންފާވެސް ލިބޭގޮތަށް ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމަކަށް ވީފަދައިން އެވެރިކަން ހިމާޔަތްކޮށް ދިފާޢު ކުރުމަކީ ވެސް ރައްޔިތުންގެ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.