އަމާންކަން ޤާއިމް ކުރެވިފައިވާ މިންވަރާމެދު ރައީސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ

މިސަރުކާރުގެ ފުރަތަމަ އަހަރުގައި އަމާންކަން ޤާއިމްކުރެވިފައިވާ މިންވަރާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ހާމަވެއްޖެއެވެ. ނަމަވެސް، މާލޭގެ މަގުތަކުގެ އަމާންކަން ދަމަހައްޓައި، ޞުލްޙަވެރިކަން ޤާއިމުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ  ވޭތުވެދިޔަ 6 އަހަރުގެ ޕޮލިސް ރެކޯޑުތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް، އެންމެ މަދުން ހިނގީ މި އަހަރުތެރޭގައި ކަމަށެވެ.  ގުރޫޕް މާރާމާރީގެ ޢަދަދުވެސް މިދިޔަ އަހަރަށްވުރެ 50 އިންސައްތަ މަދުވެފައިވާކަން ފާހަހަގަ ކުރެއްވިއެވެ.

"މިދިޔަ 6 އަހަރު ތެރޭގައި ގޭންގް ކުށްތަކުގައި، މާލޭގެ މަގުތަކުގައި 21 މީހަކު މަރާލެވިފައިވޭ. ނަމަވެސް އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލާނީ، ގޭންގް ކުށްތަކުގައި، އެންމެ މީހެއްގެ ފުރާނަވެސް މި އަހަރު ގެއްލިފައި ނުވާކަން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން، މި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވައިފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްކަށެވެ.

"މިއީ މާތް ﷲގެ ވާގިފުޅާއި މަދަދާއެކު، ދާޚިލީ ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި، ދިވެހި ފުލުހުން ކުރަމުން އަންނަ ވަރަށް ބުރަ މަސައްކަތްތަކެއްގެ ވެސް ނަތީޖާކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަށްޓަކައި ދިވެހި ފުލުހުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް މިއަދު ދަންނަވަން. ނަމަވެސް، މާލޭގެ މަގުތަކުގެ އަމާންކަން ދަމަހައްޓައި، ޞުލްޙަވެރިކަން ޤާއިމުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަސްކަރީ ޒިންމާގެ އިތުރުން، ޤައުމުގެ އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމުގައި، ދިވެހި ސިފައިން އަދާކުރާ ދައުރުވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. މާލޭގައި ދާދިފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، މީހުންގެ ފުރާނައާއި ގެދޮރާއި މުދާ ސަލާމަތްކުރުމުގައި، ދިވެހި ސިފައިން އަދާކުރި ފުރިހަމަ ދައުރު ފާހަގަކުރައްވައި ވަރަށް ޚާއްޞަ ޝުކުރެއް އެފަރާތްތަކަށް ރައީސް އަދާކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.