ޕްރެޒިޑެންޓް ސްކައުޓް ބެޖް ފުރަތަމަފަހަރަށް އަންހެން ދެ ސްކައުޓުންނަށް

ޕްރެޒިޑެންޓް ސްކައުޓް ބެޖް ޙާޞިލުކުރި 5 ސްކައުޓަކަށާއި ބޭޑަން ޕަވަލް ބެޖް ޙާޞިލުކުރި 6 ސްކައުޓަކަށް ރައީސުލް ޖުމްހޫރިޔާ ބެޖް ޙަވާލުކޮށްދެއްވައިފި އެވެ. ޕްރެޒިޑެންޓް ސްކައުޓް ބެޖަކީ ކޮންމެ ޤައުމެއްގައިވެސް ސްކައުޓުން ޙާޞިލްކުރާ އެންމެ މަތީ ދަރަޖައިގެ ބެޖެވެ.

ޕްރެޒިޑެންޓް ސްކައުޓް ބެޖު މިއަހަރު ޙާޞިލްކުރެއްވި ސްކައުޓުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުން އިސްލާމިއްޔާގެ ދަރިވަރުންނެވެ. އޭގެ ތެރޭގައި ދެ އަންހެން ސްކައުންޓުން ވެސް ހިމެނެއެވެ. މިއީ ރާއްޖޭގައި ޕްރެޒިޑެންޓް ސްކައުޓް ބެޖް ޙާޞިލްކުރާ ފުރަތަމަ ދެ އަންހެން ސްކައުންޓުންނެވެ.

ޕްރެޒިޑެންޓް ސްކައުޓް ބެޖު ޙާޞިލްކުރާ ދެ އަންހެން ސަކައުޓުންނަކީ ޢަރަބިއްޔާގެ ގްރޭޑް 12 ގައި ތަޢްލީމު ޙާޞިލްކުރަމުންދާ ދެ ދަރިވަރުންކަމުގައިވާ ށ. ފީވަކު ސަޢީދާ މަންޒިލް، މަރްޔަމް ބަރްޝާ މުޙައްމަދާއި ދަފްތަރު ނަންބަރު ދރ 2406 އާމިނަތު އައިނާ ޢަލީއެވެ. ޕްރެޒިޑެންޓް ސްކައުޓް ބެޖު ޙާޞިލްކުރުމަށް މި ދެ ސްކައުޓުން ވެސް ވަނީ ތަފާތު ގިނަ އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެފައެވެ.

މަރްޔަމް ބަރްޝާ ސްކައުޓް ޙަރަކާތާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭނާ ވަނީ 20 ފަންނީ ބެޖް ޙާޞިލްކޮށްފައެވެ. ބަރްޝާއަކީ ޢަރަބިއްޔާގެ ސްކައުޓް ގްރޫޕުގެ ސީނިއަރ ޕެޓްރޯލް ލީޑަރެވެ. އަދި އެސްކައުޓް ގްރޫޕުން އެ ބެޖް ޙާޞިލްކުރާ އެންމެ ހަގު ސްކައުޓަކީ ވެސް މަރްޔަމް ބަރްޝާއެވެ. އާމިނަތު އައިނާ ޢަލީ ވެސް ސްކައުޓް ޙަރަކާތާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭނާ ވަނީ 29 ފަންނީ ބެޖް ޙާޞިލްކޮށްފައެވެ. އައިނާ ޢަލީ ޢަރަބިއްޔާގެ ސްކައުޓް ގްރޫޕުގެ 2017 ވަނަ އަހަރުގެ ބެސްޓް އޯވަރރޯލް ސްކައުޓެވެ. އަދި އެސްކައުޓް ގްރޫޕުގެ ޕެޓްރޯލް ލީޑަރެކެވެ.

ޕްރެޒިޑެންޓް ސްކައުޓް ބެޖު ޙާޞިލްކުރާ ތިން ފިރިހެން ސަކައުޓުންނަކީ ޢަރަބިއްޔާގެ ގްރޭޑް 12 ގައި ތަޢްލީމު ޙާޞިލްކުރަމުންދާ ގދ. ގައްދޫ ބިލަތްމާގޭ  އިސްމާޢީލް ޖައިޝް ޖަލާލް އާއި  ޢަރަބިއްޔާގެ ގްރޭޑް 11 ގެ ދެ ދަރިވަރުން ކަމުގައިވާ ، ހއ. ކެލާ ބުލްބުލާގޭ މުޙައްމަދު މައުއިލް އާއި މ. ސަނީކޯސްޓް މުޙައްމަދު އަކްމަލް ނަޞީރެވެ.

އިސްމާޢީލް ޖައިޝް ޖަލާލް ސްކައުޓް ޙަރަކާތާ ގުޅުނީ 2013 ވަނަ އަހަރުއެވެ. 25 ފަންނީ ބެޖް އޭނާ ޙާޞިލްކޮށްފައިވެއެވެ. ކުރެހުމާއި ފަރުމާކުރުމުގެ ފަންނުގައި ކުރިއަށް ދިއުމުގެ ޝައުޤުވެރިކަން ހުރި ޖައިޝް އަކީ ޢަރަބިއްޔާ ސީނިއަރ ޕްރިފެކްޓްގެ އިތުރުން އެސްކޫލުގެ ބްލޫ ހައުސްގެ ކެޕްޓަނެވެ. އަދި އެސްކޫލުގެ ސްކައުޓް ގްރޫޕުގެ ޕެޓްރޯލް ލީޑަރެވެ.

މުޙައްމަދު މައުއިލް ސްކައުޓް ޙަރަކާތާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ 23 ފަންނީ ބެޖް ޙާޞިލްކޮށްފައެވެ. އޭނާއަކީ ކެރަމްކުޅުމުގެ އިތުރުން ޤައުމީ ކެރަމް މުބާރާތުގައި އަމްޕަޔަރުކަންވެސް ކުރާ ސްކައުޓެކެވެ. އަދި 2018 ވަނަ އަހަރުގެ  ޢަރަބިއްޔާގެ ސްކައުޓް ގްރޫޕުގެ އެންމެ ރަނގަޅު ޕެޓްރޯލް ލީޑަރަކީވެސް މުޙައްމަދު މައުއިލް އެވެ.

މުޙައްމަދު އަކްމަލް ނަޞީރު ސްކައުޓް ޙަރަކާތާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ 18 ފަންނީ ބެޖް ޙާޞިލްކޮށްފައެވެ. ޕްރެޒިޑެންޓް ސްކައުޓް ބެޖު ޙާޞިލްކުރުމަށް ތަފާތު އިޖްތިމާޢީ ޙަރަކާތްތަކުގައި އަކްމަލް ވަނީ ބައިވެރިވެފައެވެ. ސްކޫލުކުދިންގެ މަދަޙަ މުބާރާތުން ރަންވަނަ ހާޞިލްކޮށްފައިވާ އަކްމަލަކީ ޢަރަބިއްޔާ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރެއްގެ އިތުން ޢަރަބިއްޔާގެ ޕްރިފެކްޓެކެވެ.

ބޭޑަން ޕަވަލް ބެޖް ހާސިލުކުރި 6 ސްކައުޓުންނަކީ؛

ޢަބްދުﷲ ޔާފިޡް އަޙްމަދު ކޯދު ނ. ވެލިދޫ

 ފައިޙާ ޢަބްދުﷲ އުރަހަ މ. މުލައް

 ސަޢާދާ އަޙްމަދު މއ. ބަރަކޫޑާ

 އިޒްޙާން ޢަބްދުﷲ ގ. އެއްތެޔޮމާގެ

 ޢަލީ ތަޙްނީކު އަޙްމަދު ހ. ހިރެވެރި

މުޙައްމަދު އިޢުޖާޒު ޔަޒީދު ދޮޅަސް ހުޅުމާލެ

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރި ދެ ސްކައުޓެއްގެ އެޚިދުމަތް ފާހަގަކޮށް އެ ސްކައުޓުންނަށް ހަނދާނީ ފިލާ ދެއްވައިފައެވެ. އެ ދެ ސްކައުޓުންނަކީ ރ. އިނގުރައިދޫ ހަތިހާ ޢުމުރުން 16 އަހަރުގެ ޢަލީފައުޒާން އާއި ހަމަ އެރަށު މާހާ، ޢުމުރުން 15 އަހަރުގެ ނިޝާޙް ޢަބްދުލްޣަފޫރެވެ. މި ދެސައުކައުޓުންނަށް ހަދާނީ ފިލާ ދެއްވުމަށް ނިންމަވައިފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު ހަމަ އެރަށު ހުދުފިނިފެންމާގޭ ޢުމުރުން 14 އަހަރުގެ އަޙްމަދު އަޙްނަފް މަސް ހިފަން ފީނަން ގޮސް އުޅެނިކޮށް އެނާގެ ފުރާނައަށް ނުރައްކާވާ ޙާލަތެއްގައި ވަނިކޮށް އޭނާގެ ފުރާނަ މި ސްކައުޓުން ސަލާމަތްކޮށްދީފައި ވާތީއެވެ. އަދި ޤައުމީ ފެންވަރެއްގައި އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.