އުންމީދަކީ ރިޔާސީ ދެކޮމިޝަންގެ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމުން: ރައީސް

ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: މިޖަލްސާގައި އެމަނިކުފާނުވަނީ އެކިދާއިރާތަކުން މަތީވަނަތައް ހޯއްދެވި ބޭފުޅުންނަށް އިނާމް ދެއްވާފައި، ފޮޓޯ ރައީސް އޮފީސް

ރިޔާސީ ދެކޮމިޝަންގެ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް، އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލީހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ، އެންމެ މުހިންމު އެއް ވަޢުދަކީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައިދީ، ޢާއިލާތަކަށް އިންޞާފު ހޯދައިދިނުންކަމަށެވެ. ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލަ ބެލުމަކީ ވެސް އެމަނިނުފާނުގެ ސަރުކާރުގެ ވަޢުދެއްކަމަށް ވިދާޅުވިއެވެ. އެ ވަޢުދުތައް ފުއްދުމަށް އެކުލަވައިލެއްވި ދެ ކޮމިޝަނުން ވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި އަހަރު ނިމުމުގެ ކުރިން، އެ ދެ ކޮމިޝަންގެ މަސައްކަތްވެސް މުޅިން ނިމޭނެ ކަމަށް އުމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެދެކޮމިޝަނަކީ ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނެވެ.

"އަޅުގަނޑު މި މަޤާމާ ހަވާލުވިއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ދައުލަތުގެ މުއައްސަސާތަކުގައި، ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވެފައި އޮތުން. ކޮރަޕްޝަންގެ ވަބާއިން ދައުލަތް މިންޖުކުރުމަކީ ބުރަ، އެހެނަސް ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް." ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަރުގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި، ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިޔަ ބުރާސްފަތި ދުވަހު  އެމަނިކުފާނަށް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ. އެ ދެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިޔުމަށް މި ހަފްތާގެ ތެރޭގައި، ކަމާގުޅޭ އިދާރާތަކަށް  ފޮނުއްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެ ދެރިޕޯޓްގެ މަޢުލޫމާތު ވެސް މިހަފަތާ ތެރޭގައި ހާމަކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަނީ، އެމް.އެމް.ޕީ.އާރް.ސީ.ގެ ޚިޔާނާތުގެ މައްސަލަތައްކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.  މިހާރުވެސް 49 ރަށަކާއި ފަޅެއްގެ މައްސަލަ، އެ ކޮމިޝަނުން ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ. އެ މައްސަލަވެސް މުޅިން ބަލައިނިމި، އެމަނިކުފާނަށް ރިޕޯޓް ލިބިވަޑައިގެންނެވުމުން، އެހެން ރިޕޯޓްތަކާ މެދުގައި ވެސް ޢަމަލުކުރައްވާ އުޞޫލުން، ޢަމަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ކޮރަޕްޝަން ނައްތާލުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބީލަމުގެ މަރުޙަލާގައި، އެކި ގޮތްގޮތުން ކުރިމަތިވާ ނުފޫޒުތައްކަމަށް ރައީސުލް ޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބީލަމުގެ މައްސަލަތައް ބެލުމަށްޓަކައި، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މުސްތަޤިއްލު ރިވިއު ކޮމިޓީއެއް އެކުލަވައިލައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.