ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު 39 ފަރާތަކަށް ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 39 ފަރާތަކަށް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޚާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު މިއަހަރު ދެއްވި ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. އަދި ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފެއް ހޯއްދަވާފައިވާ 6 ބޭފުޅުންނެވެ. މީގެ އިތުރުން ޤައުމީ ކުޅިވަރު ދެޓީމެއްވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކީ ރ. ހުޅުދުއްފާރު އޯކިޑްވިލާ ޑޮކްޓަރ ޔޫސުފް ނިޡާމެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު ހާސިލު ކުރެއްވީ 32 ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރޭގައި މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވި 18 ބޭފުޅުންނާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކުރެއްވި އެއް ބޭފުޅަކާއި، ބެޗްލަރޒް ޑިގްރީ ހާސިލުކުރެއްވި 13 ބޭފުޅުން ހިމެނެއެވެ.

ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހަތް ބޭފުޅަކު ޙާޞިލުކުރެއްވިއެވެ.

އެބޭފުޅުންނަކީ :-

  • ޢާއިޝަތު ރިޝްމީ ރަމީޒް ހ. ދިލާސާއާގެ

2 - އަޙްމަދު މާހިލް ސަޢީދު ރަންކޮކާގެ ސ. ފޭދޫ

3 - މުޙައްމަދު މޫސާ މައިބުޅާގެ ޅ. ނައިފަރު

4- އަޛުނީން ރަޝާދު އެޅެހިށިވިލާ ގއ. ވިލިނގިލި

5- އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު ދަފްތަރު ނަންބަރު ރސ 4844

6- ފާޠިމަތު ދީމާ ޢަލީ މ. އިޝާންވިލާ

7- ޢާއިޝަތު ރަފާ ނާޡިމް މ. ވައިޓްބެލް

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވި ފަރާތްތަކުގެތެރޭގައި މިއަހަރުގެ މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލްޓެނިސް އަންހެން ޓީމް އިވެންޓުން ޗެމްޕިއަންކަން ހޯދައި (ގޯލްޑް މެޑެލް) ޙާޞިލުކުރި ޤައުމީ ޓޭބަލްޓެނިސް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންހިމެނެއެވެ. އަދިސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، (ގޯލްޑް މެޑެލް_) ޙާޞިލުކުރި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ހިމެނެއެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު އެއްވެސް ފަރާތަކަށް ނުލިބެއެވެ.

ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.