(9 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަޤްޞާގެ ފައިތިލަދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އެކަމަކު ކަންބޮޑުވުން ސިއްރު ކުރަމުން އަނެއްކާވެސް ސުވާލު ކޮށްލިއެވެ. "އޮފީސްތައް ހުންނަތީ ތިރީގެ ދެތިން ބުރީގައެއްނު؟ މަތީގައި މީހުން ދިރިއުޅޭ ފުލެޓު ހުރެއެއްނު؟"
"ނޫން. މި އިމާރާތް ބިމުން ފަށައިގެން ހަދައި ނިމުނީ އަޅުގަނޑުގެ ކުރިމަތީގައި. މިތާނގައި ވަޒީފާ އަދާކުރާތާ މިހާރު ފަނަރަ އަހަރު ވެއްޖެ. ހުރިހައި ބުރިއެއްގައިވެސް ހުންނަނީ އޮފީސް. އެންމެ ފުލެޓެއްވެސް ނުހުންނާނެ. އެންމެ މަތީ ދެބުރީގައި ހުންނަނީ އިމާރާތުގެ ވެރިފަރާތުގެ އޮފީސް." ދޮރުވާނު އެ އޮފީހުގެ ނަންވެސް ބުނެދީފިއެވެ. "އެންމެ ތިރީގެ ދެބުރީގައިވެސް ހުންނާނީ އޮފީސް. އަޅުގަނޑުގެ ވާހަކަ ގަބޫލު ނުކުރެއްވޭ ކަމަށް ވަންޏާ އެތެރެއަށް ވަޑައިގެން އައްސަވާ."
އަޤްޞާގެ ބޮލަށް އުޑު ވެއްޓުނު ކަހަލައެވެ. އޭނާ ދުވެފައި ކަހަލަ ގޮތަަށް ކާރާ ހަމައަށް އަތުވެއްޖެއެވެ.
"ދޮރުވާނު ބުނާ ގޮތުން ވިއްޔާ މި އިމާރާތަކު ފުލެޓެއް ނުހުރޭ. ހުންނަނީ ހައްތަހާވެސް އޮފީސް." އަޤްޞާ ހާސްވެފަައި ބުނެލިއެވެ. އެޔާއެކު އަފްޝާންއާއި މަރިޔަމް ކާރުން ފައިބައިފިއެވެ.
"ހިނގާ އަމިއްލައަށް ގޮސް ބަލަމާ."
ތިން މީހުން ގޮސް އިމާރާތުގެ ތެރެއަށް ވަދެއްޖެއެވެ. ސުވާލު ކުރި ކޮންމެ މީހަކުވެސް ބުނަނީ އެ އިމާރާތަކު ފުލެޓެއް ނުހުންނަ ކަމުގައެވެ. ހުންނަނީ ހައްތަހާވެސް އޮފީސް ކަމުގައެވެ. ތިން މީހުން ހަދާނޭ ގޮތް ބޮޑުވެގެން އިމާާރާތުގެ އެތެރޭގައި ހުރި ފާރަވެރިއަކާ ވާހަކަދެއްކިއެވެ. އޭނާއަށް ސާރާގެ ސިފައާއި އަޅައިގެން ހުރި ހެދުމުގެ ތަފުސީލު ދިނުމަށްފަހު އޭނާ އެތެރެއަށް ވަދެގެން ދިޔައީ ކޮން ދިމާއަކަށްތޯ އޮޅުން ފިލުވާން މަސައްކަތް ކުރިއެވެ. އެކަމަކު އެމީހާއަށް ސާރާ ފެނުނު ކަމަކަށް ނުވިއެވެ.
"އަމިއްލަފުޅަށް ބައްލަވާ. މި ތަނަށް އެތައް އަންހެނުނެއް ވަދޭ. އަޅުގަނޑަށް އެންމެ މީހަކު ފާހަގަ ކުރެވޭނީ ކިހިނެއްތޯ؟" ފާރަވެރިޔާ ބުންޏެވެ.
"މަންމާ. ބައްޕައަށާއި ޢަޒީމްބޭބެއަށް ފޯނު ކުރޭ. އަހަރެމެންނަކަށް ކުރެވޭނެ އިތުރު ކަމެއް ނެތް." އަފްޝާން މަންމަ ގާތު ބުންޏެވެ.
ޕަބްލިކް ފޯނަކުން އަޤްޞާ ޢަޒީމަށް ފޯނު ކޮށްފިއެވެ. ބައިގަޑިއެއްހައި އިރުގެ ތެރޭގައި އޭނާ އަތުވެއްޖެއެވެ. އޭނާވެސް ފުރަތަމަ މަސައްކަތް ކުރީ ފާރަވެރިންނާ ވާހަކަދައްކައިގެން ސާރާ ދުށް މީހަކު ހުރިތޯ ބަލާށެވެ. އެކަމަކު އެދެވޭ ނަތީޖާއެއް ނުނުކުތެވެ.
"މި ކާވެނި ކުރެވެނީ ސާރާގެވެސް ރުހުމާއެކީގައެވެ. އެހެންވީމާ އޭނާ ފިލުމުގެ ބޭނުމެއް ނެތެވެ." ޢަޒީމްގެ ވިސްނުން ކޮޅުން ލައިފިއެވެ.
"ދައްތަ އޭނާ ގޮވައިގެން މިތަނަށް އައީ ކީއްކުރަން؟ އަޔަސް އޭނާ އެކަނި އެތެރެއަށް ވަންނަން ދޫކޮށްލީ ކީއްވެގެން؟"
އޭނާ އަޤްޞާއަށް ރުޅި ބާލަން ފަށައިފިއެވެ. އަޤްޞާ ބުނާނޭ އެއްޗެއް ނޭނގިފައި ހުރީއެވެ. އެންމެ ފަހުން ފިރިމީހާ އަޙްސަނަށް ފޯނުކޮށްފިއެވެ. އަންހެނުން ގާތު ބޭރުގައި މަޑުުކުރާށޭ ކިޔައިފައި އަޙްސަނާ ޢަޒީމާ ދެމީހުން އަނެއްކާވެސް އިމާރާތުގެ ތެރެއަށް ވަދެއްޖެއެވެ. ގަޑިއެއްހައި އިރު ކޮށްފައި ހުސްއަތާ އެނބުރި އަތުވެއްޖެއެވެ.
"ދެން އޮތީ އެންމެ ގޮތެއް. ޢާރިފީންބޭބެއަށް ގުޅައިގެން ގެނުވަންވީ. މިހާރު ޙައިދަރުގެ މީހުން ގެއިން ނުކުމެދާނެ. މަރިޔަމް އާއި އަފްޝާން ހޮޓަލަށް ދޭ. ފިރިހެންކުއްޖާއަށް އިސްތިގުބާލު ކުރަން ބަޔަކު ތިބެން ވާނެ. ދައްތަ މިތާނގައި މަޑުކޮށްލާ. މަރިޔަމް ގޮސް ޢާރިފީންބޭބެ ފޮނުވާ. އެކަމަކު ސާރާ ގެއްލުނު ވާހަކަ ނުބުނާތި. ވަރަށް މުހިއްމު ކަމަކު އަހަރެން މިތާނގައި ބައްދަލު ކުރަން ބޭނުމީއޭ ބުނޭ. އެއްވެސް މީހެއް ގާތު އަދި ސާރާގެ ވާހަކަ ނުބުނާތި. ދައްތަޔާއެކީ ބިއުޓީ ޕާލަރުގައި އެބަހުއްޓޭ ބުނޭ." ކަންތައް ކުރާންވާ ގޮތް ކިޔައި ދީފައި މަރިޔަމް އާއި އަފްޝާން ފޮނުވައިލައިފިއެވެ.
ބައިގަޑިއިރުވެސް ނުވަނީސް ޢާރިފީން އަތުވެއްޖެއެވެ. ހުރީ ހާސްވެފައެވެ. ކުއްލިއަކަށް އެތަނަށް އަންނާށޭ ބުނީ ކީއްވެގެންކަން ނޭނގިގެން ކަމުގައިވެސް ވެދާނެއެވެ. ކަންތައް ހިނގި ގޮތް ޢަޒީމް ކިޔައިދިނީމާ އޭނާގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ.
"ތިޔައީ ކިހިނެއް ވާނެ ކަމެއް؟ ސާރާ ދާނީ ކޮން ތަނަކަށް؟ އަޤްޞާ އަނެއްކާ ކަމެއް ކުރީތަ؟" ޢާރިފީންގެ ޝައްކު ފުރަތަމަވެސް އެނބުރުނީ އަޤްޞާއާ ދިމާއަށެވެ.
"ނޫނޭ. ޢާރިފީންބޭބޭ. އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން. އޭނާ ކުއްލިއަކަށް ގެއްލުނީމާ އަޅުގަނޑުވެސް މިހިރީ ވަރަށް ކަންބޮޑު ވެފައި." އަޤްޞާ ދިފާއުގައި ވާހަކަ ދެއްކިއެވެ.
"އަޤްޞާ މި ދަނޑިވަޅުގައި ތިޔަ ކަހަލަ ވިޔާނުދާ ކަންތައް ނުކުރޭ. ﷲ އަށް ޓަކައި މި ބުނަނީ. އާއިލާގެ އެންމެން މިހާރު އަތުވެދާނެ. އަހަރެންގެ ހުރިހައި އެކުވެރިންނާއި ގާތްތިމާގެ މީހުންނާއި ދަންނަ މީހުންނަށް ދާންދެން އަންނާނެ. އަހަރެން އެމީހުންނާ ކުރިމަތިލާނީ ކިހިނެއް؟" ޢާރިފީންގެ އަޑުގައި ހުރީ އާދޭހުގެ އަސަރެވެ.
"ޢާރިފީންބޭބޭ. ގަބޫލު ކުރޭ. އަޅުގަނޑު މިކުރަނީ ހުވައި. އަޅުގަނޑު ސާރާއަކަށް އެއްވެސް ކަމެއް ނުކުރަން. އޭނާ އެއްވެސް ތަނަކަށް ނުފޮނުވަން. އޭނާ ދިޔައީ އަމިއްލައަށް. އަޅުގަނޑު ގާތު އޭނާ ހެދީ ދޮގު. ބުނީ މި އިމާރާތުގައި އޭނާގެ ރައްޓެއްސެއްގެ ފުލެޓެއް ހުންނާނެއޭ، އެ ތަނަށޭ މި ދަނީ. އޭނާ ފިލީމާ އަޅުގަނޑުމެންގެ އަގުވެސް ވެއްޓޭނެ. އަޅުގަނޑުމެންނަކަށްވެސް މީހުންނާ ކުރިމަތިލާކަށް ނުކެރޭނެ." އަޤްޞާއަށް ރޮވިއްޖެއެވެ.
ޢާރިފީން ކުރާނޭ ކަމެއް ނެތިފައި ބަލަހައްޓައިގެން ހުރީއެވެ. އޭނާވެސް ކުޑަކުޑަ އުއްމީދަކާ އެކީ އިމާރާތުގެ ތެރެއަށް ވަދެ ސާރާ ފެނޭތޯ މަސައްކަތް ކުރިއެވެ. އެންމެ ފަހުން ރައްޓެއްސަކަށް ގުޅައިގެން ފުލުހުންނަށް އަންގައިފިއެވެ. ފުލުހުން ކުޑަކޮށް ތަހީގުކޮށް ބެލީމާ އެނގުނު ގޮތުގައި ސާރާ މައި ދޮރުން ވަދެގެން ފުރަގަހު ދޮރުން ނުކުމެގެން ދިޔައީއެވެ. އޭނާ އަމިއްލަ އިޚުތިޔާރުގައި ފިލީ ކަމަށް ކުރިންވެސް އޮތީ ގަބޫލު ކުރެވިފައެވެ. މިހާރު އެނގުނު ގޮތުގައި އޭނާ ފިލައިފައި ވަނީ ރޭވުމެއްގެ ދަށުންނެވެ. ކުރިން މި އިމާރާތަށް އައިސް ބަލައި ހަދައިފައިވާކަން އެނގުނެވެ. ފުރަގަހަށް ނުކުމެވޭނޭ ދޮރެއް ހުންނަކަން އޭނާއަށް އެނގޭނީ އެހެންވީމައެވެ.
ހަވީރު ވެއްޖެއެވެ. އެންމެން އެނބުރި ގެއަށް އަތުވެއްޖެއެވެ. ޢާރިފީން ހޮޓަލަށް ގޮސް ޙައިދަރު ވަކި ކޮޓަރިއަކަށް ގެންގޮސްގެން ހުރިހައި ވާހަކައެއް ކިޔައިދީފިއެވެ.
"ބައްޕާ. ތިޔައީ ކިހިނެއް ވާނެ ކަމެއްތޯ؟" އޭނާއަކަށް ޔަގީނެއް ނުކުރެވުނެވެ. "އޭނާާ ދާނީ ކޮންތަނަކަށްތޯ؟ ދާންވީ ކީއްވެގެންތޯ؟ އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟ މީހުނާ ކުރިމަތިލާނީ ކިހިނެއްތޯ؟"
"ޙައިދަރު. ކަންބޮޑު ނުވޭ. އަޤްޞާ މީހުން ގާތު ބުނަމުން އެބަ ގެންދޭ ސާރާ ކާނާ ވިހަވީއޭ. އެހެންވީމާ އޭނާ ހަސްފަތާލުގައި ބޭއްވީއޭ. އަހަރެމެންވެސް އެންމެން ގާތު އެހެން ބުނާނީ."
"ބައްޕާ. އެއީކީ މޮޔައިންނެއް ނޫން. އަޅުގަނޑުމެން ދައްކާހައި ވާހަކައެއް މީހުން ގަބޫލު ކުރާނެއޭ ބައްޕައަށް ހީވެލައްވަނީތޯ؟ އެމީހުން ކުރާ ސުވާލުތަކަށް އަޅުގަނޑު ޖަވާބު ދޭނީ ކިހިނެއްތޯ؟ އަޅުގަނޑު ގާތު ތެދަށް ބުނުއްވާ. ސާރާ ފިލީ ކީއްވެގެންތޯ؟ ކިހިނެއްވީތޯ؟" ޙައިދަރު މޮޔަވާން ކައިރި ވަނީއެވެ. އެހައިވެސް ބޮޑަށް އޭނާ ހާސްވާން ފަށައިފިއެވެ. "އަޅުގަނޑު އެއްވެސް މީހަކާ ކުރިމައްޗެއް ނުލާނަން. މި ކޮޓަރިއަކުން ނުނުކުންނާނަން. ސާރާއާ އަޅުގަނޑާ ދެވަން ނިންމެވީ ބައްޕަ. އެހެންވީމާ ބައްޕަ ދުރުވެ މީހުން ގާތު ދައްކަވާނެ ވާހަކައެއް ދައްކަވާ."
ޢާރިފީން އަނގައިން ނުބުނެ ކޮޓަރިން ނުކުމެއްޖެއެވެ.
* * *
"ބައްޕާ. އަޅުގަނޑަށް ކަންތައްތައް ސިއްރު ކުރައްވަން އޮތްވަރަށް ސިއްރު ކުރައްވައި ނިމުނީ. ދެން އަޅުގަނޑު ގާތު ސީދާ ތެދަށް ބުނުއްވާ. ޞަބާދައްތަޔާ ބައްޕަޔާ އޮތީ ކޮން ގުޅުމެއްތޯ؟ އޭރު ކަންތައް ހިނގައި ދިޔައީ ކިހިނެއްތޯ؟ ސާރާ ފިލީ ކީއްވެގެންތޯ؟"
އެރޭ މެހުމާނުން އެނބުރި ދިޔައީމާ ދެމީހުން އައީ ގެއަށެވެ. ޙައިދަރު ފުރަތަމަ ވަނީ ސާރާގެ ކޮޓަރިއަށެވެ. ސާރާ އޭނާ ގެންގުޅުނު ބައެއް އެއްޗެހި ޞަބާގެ ގެއަށް ގެންގޮސްފިއެވެ. ބައެއް ތަކެތި ބަހައްޓާފައިވެސް ހުއްޓެވެ. އެ ތަކެތި ހާވަން ފެށުމާއެކު ޙައިދަރަށް ލިބުނު ސިހުމުގެ ކޮޅެއް ނެތެވެ. އޭނާ ބަލަމުން ގެންދިޔައީ ޢާރިފީން ޞަބާއަށް ފޮނުވައިފައި ހުރި ސިޓީއާއި ކާޑުތަކެވެ. އެ ތަކެތި ފެނިފައި ސާރާ ހައިރާންވީ ވަރަށް ޙައިދަރުވެސް ހައިރާންވިއެވެ. އޭނާގެ ބައްޕަޔާއި ޞަބާގެ ކާވެނި ކުރެވުނުކަން އޭނާއަށް އެނގުނީ އެ ސިޓީތަކުންނެވެ. ދެން އޭނާގެ ލޮލުގައި އަޅައިގަތީ ސާރާގެ ތައުލީމީ ސަނަދުތަކެވެ. ލިޔުންތަކުން އެނގުނު ގޮތުގައި ސާރާ ވަނީ ފަރަންސޭސި ބަސްވެސް ދަސްކޮށްފައެވެ.
އޭނާ ބައްޕަޔާ ސުވާލު ކުރާން ފެށީ އެ ތަކެތި ހިފައިގެން އައިހެވެ. އެތަކެތި މޭޒުމައްޗަށް ޖެހީމާ ޢާރިފީން ހުރީ ހައިރާންވެފައެވެ.
"މިއީ ކޮން ތަނަކުން ލިބުނު އެއްޗެއް؟"
"ސާރާގެ ކޮޓަރިން. އޭނާއަށް މި ތަކެތި ލިބުނު ގޮތެއް އެނގިލައްވާނީ ބައްޕައަށް. އަދި އެހެން ވާހަކައެއް ނަންގަންނަންތޯ؟ އޭނާ ފަރަންސޭސިބަސް ދަނޭ. އަޅުގަނޑަށް ދެން އެއްވެސް ކަމެއް ސިއްރު ކުރައްވައިގެން ނުވާނެ. ބުނުއްވާ. އަޅުގަނޑަށް މި ލިބޭ އަދަބުގެ ސަބަބަކީ ކޮބައިތޯ؟"
ޢާރިފީން އިސް ދަށަށް ޖަހައިލިއެވެ.
* * *
"އާމިނާ. ތެދުވޭ. ކިހައި އިރެއް ވާންދެންތަ ނިދާނީ؟" އޭނާއަށް ހޭލެވުނީ ގުލްގެ އަޑަށެވެ.
އޭނާ ވަރުބަލި ފާޑަކަށް ތެދުވެ އިށީނދެއްޖެއެވެ.
ގުލް ލޯގަނޑު ހިފައިގެން ހުރެ އަވަސްކަމާއެކު ތުންފަތުގައި ކުލަ ޖައްސަނީއެވެ. އޭނާ ކޮންމެ ދުވަހަކު އެ ގޮތަށް ނަލަ ވެގެން ބޭރަށް ދެއެވެ. އޭނާ ބުނާ ގޮތުގައި ދަނީ އިންނާން އުޅޭ ކުއްޖަޔާއެކު ބުރުޖަހާށެވެ. އެކަމަކު ކޮންމެ ދެ ދުވަހަކުން ނުވަތަ ތިން ދުވަހަކުން އެބުނާ އިންނާން އުޅޭ ކުއްޖާ ބަދަލު ވެއެވެ. އޭނާ އިންނާން އުޅޭ މީހާޔާ މެދުވެސް އަދި އެމީހާ އަވަސްއަވަހަށް ބަދަލުވުމަކާ މެދުވެސް ސާރާއެއް ނުވިސްނައެވެ. އެއީ އޭނާޔަކާ ބެހޭ ކަމަކަށް ނުވާތީއެވެ.
"އަހަރެން ދަނީ. ދޮރު އެތެރެއިން ތަޅުލާ. ޢަޒްރާ މިއަދު އަންނާނީ ތަންކޮޅެއް ލަހުން. ހެނދުނު ދަމުން އޭނާ ބުނި." ގުލް ބޭރަށް ނުކުންނަމުން ބުނެލިއެވެ.
ސާރާ ތެދުވެގެން ގޮސް ދޮރު ތަޅުލިއެވެ.
ރޯދަ ވީއްލާން އަދި ވަގުތު އެބައޮތެވެ. އޭނާ ބަދިގެއަށް ވަދެއްޖެއެވެ. މިއަދަށް ރޯފިލުވައިފައި ހުރި އެއްވެސް އެއްޗެއް އެތާނކު ނެތެވެ. ރޭ ކެއި މުގުރިހައިން ބާކީވި އެތިފޮދަކާއި ބަތްކޮޅެއް ހުއްޓެވެ. ޢަޒްރާއާއި ގުލް އަންނާނީ ބޭރުން ކައިގެންކަން އޭނާއަށް އެނގެއެވެ. އަދި އޭނާއަށް ދޭން ކޮންމެވެސް ކާއެއްޗެއް ގެންނާނޭކަންވެސް އެނގެއެވެ. އޭނާ ބަތްކޮޅު ހޫނުކޮށްލުމަށް ފަހު ތަށްޓަކަށް އަޅައިލިއެވެ. އަދި އެ ބަތްތަށްޓާއި ފެންތަށްޓަކާ ހިފައިގެން އައިސް އެނދު ކައިރީގައި ބިންމަތީގައި ބެހެއްޓުމަށް ފަހު އެނދަށް އަރައި އިށީނދެއްޖެއެވެ.
މެންދުރު ފަހު ނިދުމަކީ އޭނާގެ އާާދައެއް ނޫނެވެ. އެކަމަކު މިއަދު ނިދުނީއެވެ. މިއަދު ޙައިދަރާ ދިމާވެ އޭނާ ބޭޒާރު ނުވީ ކިރިޔާއެވެ. މިއީ ދޮޅު މަސް ދުވަހުގެ ތެރޭގައި އެ ގޮތަށް ދިމާވީ ތިންވަނަ ފަހަރެވެ.
ފުރަތަމަ އެކަހަލަ ހާދިސާއެއް ދިމާވީ އޭނާ ދުވަސްކޮޅަކު ރައްޓެއްސެއްގެ ގޭގައި އުޅުމަށް ފަހު އެ ރަހުމަތްތެރިޔާގެ އެހީތެރިކަމާއެކު ދަނާލަކުން ކޮޓަރިއެއް ހިފައިގެން އެތަނަށް ބަދަލުވީ ފަހުންނެވެ. ބަދަލު ވީތާާ ތިން ވަނައަށް ވީ ދުވަހު އޭނާ ބޭރަށް ގޮސްފައި އެނބުރި އައި އިރު ޙައިދަރުގެ ކާރު ދަނާލާ ކައިރި ހިސާބެއްގައި އޮތްވާ ފެނުނީއެވެ. ކާރު ފެނުމާއެކު އޭނާއަށް އެނގިއްޖެއެވެ. ކާރަކު އެއްވެސް މީހަކު ނެތެވެ. ޙައިދަރު ދަނާލަށް ވަނީކަން ޔަގީނެވެ. ތަންކޮޅެއް ދުރުގައި ފުލުސް ކާރެއް އޮތެވެ. އޭނާ ވަގުތުން އަނބުރައިލާފައި ރަހުމަތްތެރިޔާގެ ގެއަށް ދިޔައީއެވެ. އެގެއަށް ދިއުމާއެކު ކުރިމަތިލާން ޖެހުނީ ރަހުމަތްތެރިޔާގެ ޝަކުވާއާއެވެ.
"ސާރާ. ކަލޭ އަހަންނަށް ދޮގު ހެދީނު؟ ބޮޑުދައިތަޔާ ބޮޑުބޭބެއާ ދެމީހުން ވެގެން ތިމަން ދެވަން އުޅެނީ ބޮޑު މުސްކުޅިއަކާާއޭ ބުނީމެއްނު؟ އަހަރެން ޙައިދަރު ދެކެފިން. އެއީ މުސްކުޅިއެއްތަ؟ އޭނާ އަހަންނަށް ކާވެނީގެ ސެޓްފިކެޓްވެސް ދެއްކި. އެހެންވީމާ އަހަންނަކަށް ދެކޮޅު ހަދާކަށް ނުކެރުނު. ކަލޭ އުޅޭތަން އަހަރެން ބުނެފިން." ޢާމިރާ ބުންޏެވެ.
(ނުނިމޭ)
Ithuru twist eh.
Vaahaka nimeyiru Haidharaa Sara gulhigen ufaaveri nimumakun nimen beynun vanee
Saara thihedhi gothakun Saara dheke rulhi annanbeynun.ekamaku ehenehnuvi.hithah aranee Saara thihen hadhaanee varah bodu sababakaa hureyey
Sara kujjaa.Keeve kurikameh thee.huthuru gothakah badhalu hifeetha? Ekamaku saba ge tharubiyyathaa idhikeela kameh.
koifulhaa avahah thafseeleh dhee
Sara edhuvahu Haidharaa dimaave beyzaaru vinama konfadha
ނިމޭއިރު "އިތުބާރު" މި ލަފުޒުދެކެވެސް ޢާރިފީނާ ޙައިދަރު ފޫހިން މަރުވާވަރު ނުވިއްޔާ ރަނގަޅު.
ސަބާ ބުނިހެން "އިންސާނުންނަކީ އިތުބާރު ކުރަން ހެޔޮވާވަރުގެ ބައެއްހޭ" މަށަށްވެސް ބައެއްފަހަރު ހިތާހިތާ ސުވާލުކުރެވޭ